ޚަބަރު
ކުރިއަށް އޮތް 5 ދުވަހު މޫސުން ވަރަށް ބޮޑަށް ގޯސްވާނެ - މެޓް އޮފީސް
ކުރިއަށް އޮތް ފަސް ދުވަހަށްވެސް މޫސުން ގޯސް-- ފޮޓޯ : ޕީއެސްއެމް
ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން، ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ބުނެފިއެވެ.
މެޓް އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެއެވެ. މިހާރުވެސް ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް ވައިގަދަވަމުންދަނީ އިރުދެކުނުގައި އުފެދިފައިވާ މި ކޮޅިގަނޑުގެ ސަބަބުން ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.
މީގެ އިތުރުން، ރާއްޖޭގެ އިރުއުތުރު ސަރަހައްދުގައި 'ލޯޕްރެޝާ ޓްރަފް' އެއް އުފެދިފައިވާ ކަމަށާއި، މީގެ ސަބަބުން ބޯވިއްސާރަވިލާ ގިނަ އަދަދަކަށް އުފެދެމުންދާ ކަމަށް މޫސުމީ ރޭޑާ ތަކުން ދައްކައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި މޫސުމީ ބަދަލުތަކަކީ ރާއްޖެއަށް ހުޅަނގު މޫސުން ފެށުމުގެ ނިޝާނެކެވެ.
މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.