ޚަބަރު
ނޭވާހިއްލުމަކީ ގިނަ ބަޔަކަށް ކޮންމެ ދުވަހަކު ކުރަންޖެހޭ ބޮޑު ހަނގުރާމައެއް: މެޑަމް ސާޖިދާ
މެޑަމް ސާޖިދާ މުހައްމަދު-- ފޮޓޯ : ފަރުދުން
ނޭވާލުމަކީ އާންމުކޮށް އެއްވެސް ފިކުރެއް ނެތި، ފަސޭހަކަމާއެކު ކުރެވޭ ކަމަކަށް ވިޔަސް، ނޭވާހިއްލުމުގެ ބަލި ތަހައްމަލުކުރާ މީހުންނަށް އެއީ ކޮންމެ ދުވަހަކު ކުރަންޖެހޭ ބޮޑު ހަނގުރާމައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ "ވޯލްޑް އެސްތްމާ ޑޭ 2026" ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ސިމްޕޯސިއަމް އިފްތިތާހުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މެޑަމް ސާޖިދާގެ ވާހަކަފުޅުގައި، ދުނިޔޭގެ ނިސްބަތުން 260 މިލިއަނަށްވުރެ ގިނަ މީހުން ނޭވާހިއްލުމުގެ އުނދަގޫ ތަހައްމަލުކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ދަންވަރު ގަޑީގައި ނޭވާލާން އުނދަގޫވެގެން ތެޅިފޮޅޭ ކުޑަކުދިންނާއި، އެ ކުދިންގެ ހާލަތު ފެނި ގޮތް ހުސްވެފައި ތިބޭ މައިންބަފައިންގެ ބިރުވެރި އިހުސާސްތައް އެކަމަނާ ވަނީ ވަރަށް އަސަރާއެކު ބަޔާންކޮށްދެއްވާފައެވެ.
ރާއްޖޭގެ ހާލަތަށް އަލިއަޅުއްވާލައްވަމުން އެކަމަނާ ވިދާޅުވީ، ރާއްޖޭގައި ކުޑަކުދިންގެ މެދުގައި ނޭވާހިއްލުމުގެ ބަލި ވަރަށް އާންމު ކަމަށާއި، ބަލީގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ މިންވަރު ވެސް އިތުރުވެފައިވާ ކަމަށެވެ. އަދި ބަލީގެ ސަބަބުން ކުރިމަތިވެދާނެ އެސްތްމާ އެޓޭކަކަށް ބިރުން، ގިނަ ކުދިން ކުޅިވަރާއި ހަރަކާތްތަކުން ދުރުވާން ޖެހިފައިވާ ކަން ފާހަގަކުރައްވައި، އެއްވެސް ކުއްޖަކީ އެކުއްޖެއްގެ ބަލީގެ ސަބަބުން މިނިވަންކަން ގެއްލި ބަންދުވެފައިވާ ކުއްޖަކަށް ވެގެންނުވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ނޭވާލާ ނިޒާމަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށް މެޑަމް ސާޖިދާ ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ވައި ނުސާފުވުމާއި މޫސުމަށް އަންނަ ބަދަލުތަކަކީ ނޭވާހިއްލުން ފަދަ ބަލިތައް އިތުރުވުމަށް ދިމާވާ މައިގަނޑު ސަބަބުތައް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބުލިއު އެޗް އޯ) އިން ފާހަގަކުރާކަން އެކަމަނާ ވިދާޅުވިއެވެ.
ރާއްޖޭގައި ނޭވާހިއްލުމުގެ އިތުރުން އެކްޒީމާ އާއި އެކި ބާވަތުގެ އެލާޖީތައް ގިނަކަން ފާހަގަކުރައްވައި، ތިމާވެށީގެ ނުރައްކާތަކުގެ ސަބަބުން މިފަދަ ބަލިތައް އިތުރަށް ގޯސްވަމުންދާކަމަށް އެކަމަނާ ވިދާޅުވިއެވެ. މިއަދު ފެށި ސިމްޕޯސިއަމަކީ މިފަދަ ބަލިތަކަށް މުޖުތަމައު ހޭލުންތެރިކުރުވުމަށާއި، ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމުގައި އެކަމަނާ ސިފަކުރެއްވިއެވެ.