Ads by Farudhun

ޚަބަރު

ބިރުވެރިކަމުގެ ވަގުތުތަކުގައި ހިތްހަމަޖެހުން ގެނެސްދޭ އޯގާތެރި އަޑަކީ ސިއްހީ ޚިދުމަތްތެރިން - މެޑަމް ސާޖިދާ

ބިރުވެރިކަމުގެ ވަގުތުތަކުގައި ހިތްހަމަޖެހުން ގެނެސްދޭ އޯގާތެރި އަޑަކީ ސިއްހީ ޚިދުމަތްތެރިން - މެޑަމް ސާޖިދާ

މެޑަމް ސާޖިދާ-- ފޮޓޯ : ފަރުދުން

09 މޭ 2026، 01:08

ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި، ނަރުހުން އަދި ސިއްހީ އެހީތެރިންނަކީ ބަލިމީހުންނާއި އެމީހުންގެ އާއިލާތަކަށް ކުރިމަތިވާ ބިރުވެރި ހާލަތްތަކާއި، ހާސްކަމުގެ ވަގުތުތަކުގައި، ހިތްހަމަޖެހުމާއި އުންމީދު ގެނެސްދޭ އޯގާތެރި އަޑަކީ ސިއްހީ ހިދުމަތްތެރިންގެ އަޑުކަމަށް ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

"ވޯލްޑް އެސްތްމާ ޑޭ  2026" ފާހަގަ ކުރުމުގެ ގޮތުން މިއަދު ބޭއްވި ސިމްޕޯސިއަމް އިފްތިތާހު ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސިއްހީ ޚިދުމަތްތެރިންނަކީ އާއިލާތައް އެންމެ އެހީތެރިކަމަށް ބޭނުންވާ ހިނދު، އެފަރާތްތަކަށް ހިތްވަރުދީ، ނޭވާލާން ފަސޭހަކޮށްދޭ އިތުބާރު ހުރި މަދަދުގާރުންގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ. ސިއްހީ ޚިދުމަތްތެރިންގެ މި މަސައްކަތަކީ ހަމައެކަނި ބޭސްފަރުވާއިން މިނެކިރޭނެ ކަމެއް ނޫން ކަމަށާއި، އެއީ އިންސާނިއްޔަތުކަމުގެ މަތިވެރި މިންގަނޑަކުން ވަޒަންކުރަންޖެހޭ ޚިދުމަތެއްކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި، އަސްތްމާ ނުވަތަ ނޭވާހިއްލުމުގެ ބަލި ތަހައްމަލުކުރާ ފަރާތްތަކާއި އެފަރާތްތަކުގެ ބެލެނިވެރިން ދައްކަމުންދާ ހިތްވަރަށްވެސް މެޑަމް ވަނީ ތައުރީފުކޮށްފައެވެ. ބެލެނިވެރިން ވާ ގުރުބާނީއާއި، ބަލީގެ ސަބަބުން ދިމާވާ ދަތިތައް ދެނެގަނެ އެކަންކަމަށް ދޭ ސަމާލުކަމަކީ ބަލިމީހުންގެ ދިރިއުޅުން އުޖާލާކޮށްދޭ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި އަސްތްމާ ބަލި ތަހައްމަލުކުރާ ފަރާތްތަކަށް ހިތްވަރު ދެއްވަމުން ވިދާޅުވީ، އެމީހުންގެ އަތުގައި އޮންނަ އިންހޭލަރަކީ ނިކަމެތިކަމުގެ ނިޝާނެއް ނޫން ކަމަށާއި، އެއީ ބާރުވެރިކަމާއެކު ދިރިއުޅުން ކުރިއަށް ގެންދަން ލިބިފައިވާ މުހިންމު ވަސީލަތެއް ކަމަށެވެ.

ސިމްޕޯޒިއަމް ނިންމަވާލައްވަމުން ދެއްވި މެސެޖުގައި، ހުރިހާ އިންސާނުންނަކީވެސް އެއް ޖައްވެއްގެ ތެރެއިން ނޭވާލާ ބައެއްކަން ހަނދާންކޮށްދެއްވައި، އެކަކު އަނެކަކަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އެންމެންގެ ގައުމީ ޒިންމާއެއް ކަމަށް ވިދާޅުވިއެވެ. އަދި މިފަދަ މަޝްވަރާތަކުގެ ސަބަބުން އަމަލީ ގޮތުން ނަތީޖާ ފެންނަ މަސައްކަތްތަކެއް ކުރެވި، ދުޅަހެޔޮ އަދި އުފާވެރި ރާއްޖެއެއް ބިނާކުރުމަށް މަގުފަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ބަޔާންކުރެއްވިއެވެ.

"އަޅުގަނޑުމެން ލާ ކޮންމެ ނޭވާއަކީވެސް ނުހަނު އަގުބޮޑު ނިޢުމަތެއްކަން ދުވަހަކުވެސް ހަނދާން ނައްތާލައިގެން ނުވާނެ." މެޑަމް ސާޖިދާ

މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ސިއްހީ ދާއިރާގެ މަސައްކަތްތެރިންނާއި ބަލިމީހުންގެ ގުޅުން ބަދަހިކޮށް، ނޭވާލާ ނިޒާމުގެ ބަލިތަކާ ދެކޮޅަށް ކުރާ މަސައްކަތް އިތުރަށް ވަރުގަދަކުރުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450