ޚަބަރު
އިންހޭލަރަކީ ނިކަމެތިކަމުގެ ނިޝާނެއް ނޫން، އެއީ ދިރިއުޅުން ކުރިއަށް ގެންދަން ލިބިފައިވާ ވަސީލަތެއް: މެޑަމް ސާޖިދާ
މެޑަމް ސާޖިދާ -- ފޮޓޯ: ފަރުދުން
އަސްތްމާ ނުވަތަ ނޭވާހިއްލުމުގެ ބަލި ތަހައްމަލުކުރާ ފަރާތްތަކުގެ އަތުގައި އޮންނަ އިންހޭލަރަކީ އެމީހުންގެ ނިކަމެތިކަން ރަމްޒުކޮށްދޭ އެއްޗެއް ނޫން ކަމަށާއި، އެއީ ބާރުވެރިކަމާއެކު ދިރިއުޅުން ކުރިއަށް ގެންދިއުމަށް ލިބިފައިވާ މުހިންމު ވަސީލަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ "ވޯލްޑް އެސްތްމާ ޑޭ 2026" ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ޚާއްޞަ ސިމްޕޯސިއަމް އިފްތިތާހުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވަނީ ނޭވާހިއްލުމުގެ ބަލި ތަހައްމަލުކުރާ ފަރާތްތަކަށާއި އެފަރާތްތަކުގެ ބެލެނިވެރިން ދައްކަމުންދާ ހިތްވަރަށް ނުހަނު ތައުރީފު ކުރައްވާފައެވެ. ބެލެނިވެރިން ވާ ގުރުބާނީއާއި، ބަލީގެ ސަބަބުން ދިމާވާ ދަތިތައް ދެނެގަނެ އެކަންކަމަށް ދޭ ސަމާލުކަމަކީ ބަލިމީހުންގެ ދިރިއުޅުން އުޖާލާކޮށްދޭ ކަމެއް ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.
ސިއްހީ ޚިދުމަތްތެރިންގެ ދައުރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، އެއީ އާއިލާތައް އެންމެ އެހީތެރިކަމަށް ބޭނުންވާ ހިނދު، ހިތްވަރުދީ، ނޭވާލާން ފަސޭހަކޮށްދޭ އިތުބާރު ހުރި މަދަދުގާރުންގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ. އަދި ސިއްހީ ޚިދުމަތްތެރިންގެ މި މަސައްކަތަކީ ހަމައެކަނި ބޭސްފަރުވާއިން މިނެކިރޭނެ ކަމެއް ނޫން ކަމަށާއި، އެއީ އިންސާނިއްޔަތުކަމުގެ މަތިވެރި މިންގަނޑަކުން ވަޒަންކުރަންޖެހޭ ޚިދުމަތެއްކަން އެކަމަނާ ބަޔާންކުރެއްވިއެވެ.
ދުނިޔޭގެ ނިސްބަތުން 260 މިލިއަނަށްވުރެ ގިނަ މީހުން ނޭވާހިއްލުމުގެ އުނދަގޫ ތަހައްމަލުކުރަމުންދާކަން ފާހަގަކުރައްވައި، މެޑަމް ސާޖިދާ ވަނީ ދަންވަރު ގަޑީގައި ނޭވާލާން އުނދަގޫވެގެން ތެޅިފޮޅޭ ކުޑަކުދިންނާއި، އެ ކުދިންގެ ހާލަތު ފެނި ގޮތް ހުސްވެފައި ތިބޭ މައިންބަފައިންގެ ބިރުވެރި އިހުސާސްތައް ވަރަށް އަސަރާއެކު ބަޔާންކޮށްދެއްވާފައެވެ.
ރާއްޖޭގެ ހާލަތަށް އަލިއަޅުއްވާލައްވަމުން އެކަމަނާ ވިދާޅުވީ، ރާއްޖޭގައި ކުޑަކުދިންގެ މެދުގައި ނޭވާހިއްލުމުގެ ބަލި ވަރަށް އާންމުވެ، ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ. ބަލީގެ ސަބަބުން ކުރިމަތިވެދާނެ އެސްތްމާ އެޓޭކަކަށް ބިރުން، ގިނަ ކުދިން ކުޅިވަރާއި ހަރަކާތްތަކުން ދުރުވާން ޖެހިފައިވާ ކަން ފާހަގަކުރައްވައި، އެއްވެސް ކުއްޖަކީ އެކުއްޖެއްގެ ބަލީގެ ސަބަބުން މިނިވަންކަން ގެއްލި ގައިދުވެފައިވާ ކުއްޖަކަށް ވެގެންނުވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.