Ads by Farudhun

ޚަބަރު

"އޮޕަރޭޝަން ކުރަނގި" ގެ 3 ވަނަ ފިޔަވަހީގެ މަސައްކަތްތައް ފަށައިފި

"އޮޕަރޭޝަން ކުރަނގި" ގެ 3 ވަނަ ފިޔަވަހީގެ މަސައްކަތްތައް ފަށައިފި

3 ވަނަ ފިޔަވަހި ފެށުން/ފޮޓޯ: އިމިގްރޭޝަން

09 މޭ 2026، 06:03

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ 3 ވަނަ ފިޔަވަހީގެ މަސައްކަތްތައް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހަވީރު ފަށައިފިއެވެ.

ތިންވަނަ ފިޔަވަހީގެ ދަށުން ބަޔޯމެޓްރިކްސް މަޢުލޫމާތު ނުދީ އުޅޭ ބިދޭސީން ހޯދުމަށް ހަމަޖެހިފައިވާކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޞައްޙަކަން ކަށަވަރު ކުރެވިފައިވާ އެކްޓިވް ވޯކްޕަރމިޓުގައި މިވަގުތު ރާއްޖޭގައި ޤާއިމުވެތިބެގެން މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން %98 މީހުން ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ނަގާފައިވާ ކަމަށެވެ. އަދި މި އަދަދު 17 ނޮވެމްބަރު 2023 ގައި ހުރީ އެންމެ %13 ގައިކަމަށް ރައީސް ވިދާޅުވިއެވެ.

އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިން ބަޔޯމެޓްރިކަލީ ދެނެގަނެވޭނެ ފޮޓޯ އަދި 10 އިނގިލީގެ ނިޝާން ނެގުމެވެ. ހަމަ އެއާއެކު، ޞައްޙަ ވިސާއެއްގައި ހުރެ މަސައްކަތްކުރާ ބިދޭސީންނާއި، ޞައްޙަ ވިސާއެއްނެތި ޤަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ހޯދައި ރާއްޖެއިން ޑިޕޯޓް ކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

"އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ 2024 ވަނަ އަހަރުގެ މެއި މަހުއެވެ. މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގައި ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށްފަހު، ޤަވާއިދާ ޚިލާފަށް ތިބި ބިދޭސީންގެ ތެރެއިން ޤަވާއިދަށް ފެތެން ބޭނުންވާ ބިދޭސީންނަށް އެ ފުރުޞަތު ވަނީ ދީފައެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މި މަސައްކަތުގެ ތެރެއިން ކުރިއަށް އޮތް 6 މަސް ދުވަހު ބާކީ ތިބި މީހުން ހޯދާ ރާއްޖެއިން ޑިޕޯޓުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450