Ads by Farudhun

ޚަބަރު

ޕީއެންސީގެ ހަރަކާތްތައް ފޯރިއާއެކު ކުރިއަށް ގެންދަނީ

ޕީއެންސީގެ ހަރަކާތްތައް ފޯރިއާއެކު ކުރިއަށް ގެންދަނީ

ކޮންގްރެސް ޕާޓީ -- ފޮޓޯ : ސަން އޮންލައިން

09 މޭ 2026، 06:02

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ ޕާޓީގެ އޮފީހުގެ ހަރަކާތްތައް އިތުރަށް ހަލުވިކޮށް، ފޯރިގަދަކުރުމުގެ ގޮތުން ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޚާއްސަ އިސްނެގުމެއްގެ ދަށުން ގިނަ ހަރަކާތްތަކެއް ހިންގުމަށް ނިންމައިފިއެވެ.

މި ނިންމުމާ އެއްގޮތަށް، ކޮންމެ ދުވަހެއްގެ ވަކި ވަގުތުތަކެއްގައި ޕާޓީގެ އޮފީހާއި ޖަގަހަ ހުޅުވައި، ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކޮށްފައެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް ޕާޓީގެ ހަރަކާތްތައް ކުރިއަށްދާނެއެވެ.

ރާއްޖޭގެ ވެރިކަން ކުރާ ޕާޓީގެ އިތުރުން، ޕީއެންސީއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. މި ހުޅުވާލެވުނު ވަގުތުތަކުގައި ޕާޓީގެ އާންމު މެންބަރުންނަށް އޮފީހާއި ޖަގަހަށް ގޮސް، ޕާޓީގެ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ. މީގެ ތެރޭގައި ކުދި ބައްދަލުވުންތައް ބޭއްވުމާއި، ޕާޓީގެ ކުރިއެރުމަށް ކުރެވޭނެ އެކި މަސައްކަތްތައް އާންމު މެންބަރުންގެ އިސްނެގުމުގެ މަތިން ކުރިއަށް ގެންދެވޭނެއެވެ.

ޕާޓީގެ ހަރަކާތްތައް މިގޮތަށް ބައްޓަން ކުރަން ނިންމީ، ޕާޓީގެ އާންމު މެންބަރުންނާއި ޕާޓީގެ އިސް ބޭފުޅުންގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރުމުގެ މަގުސަދގައެވެ. އަދި ޕާޓީގެ ކަންކަން ރޭވުމާއި ހިންގުމުގައި މެންބަރުންނަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަކީ ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި އިސްނެގުމުގެ މުހިންމު ބައެކެވެ.

މި ހަރަކާތްތަކުގެ ސަބަބުން ޕީއެންސީގެ ސިޔާސީ މަސައްކަތްތަކަށް އިތުރު ދިރުމެއް ލިބި، ޕާޓީގެ މަގުސަދުތައް ހާސިލުކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ވަރުގަދަވެގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450