ޚަބަރު
ބިދޭސީންގެ މައްސަލައަކީ ކުރީގެ ސަރުކާރުތަކަށް ޙައްލުނުކުރެވި އޮތް ދިގުލީ ޤައުމީ މައްސަލައެއް: ވަޒީރު އިޙްސާން
ވަޒީރު އިޙްސާން/ފޮޓޯ: ޕީއެސްއެމް
ބިދޭސީންގެ މައްސަލައަކީ ކުރީގެ ސަރުކާރުތަކަށް ޙައްލުނުކުރެވި އޮތް ދިގުލީ ޤައުމީ މައްސަލައެއްކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު އެއްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު އިޙްސާން ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ހައްލުކުރުމުގެ މުހިންމު ޤައުމީ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމާ ބެހޭ ފަރާތްތަކާ ހަވާލުކުރެއްވި ކަމަށެވެ. އަދި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި، އެ ވުޒާރާގެ ޓީމާއި ސަރުކާރުގެ ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާތަކަކުން މި މުހިންމު މަޤްޞަދު ހާސިލުކުރުމަށްޓަކައި، ނުހަނު ސާބިތުކަމާއެކު މެދުކެނޑުމެއްނެތި ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގައި ބައިވެރިވި ހުރިހާ ފަރުދުންނަށާއި މުއައްސަސާތަކަށް ވަޒީރު ވަނީ އިޚްލާޞްތެރި ޝުކުރު ދަންނަވާފައެވެ. ހަމަ އެހެންމެ، ކުރީގެ ސަރުކާރުތަކަށް ހައްލުނުކުރެވި އޮތް މި ދިގުލީ ޤައުމީ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ މި އޮޕަރޭޝަންގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ހޯއްދެވި ބޮޑު ކުރިއެރުމާއި ކާމިޔާބީއަށްޓަކައި ރައީސް މުޢިއްޒަށް ވެސް ވަޒީރު މަރުޙަބާ ދެންނެވިއެވެ.
ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެއްކަން ފާހަގަކޮށްލެވެއެވެ.