ޚަބަރު
ޙައްޖާޖީން މިނާގައި ތިބޭ ޓެންޓްތަކުގެ އެންމެ ފަހުގެ ތައްޔާރީތައް ޙައްޖު މިޝަނުން ބައްލަވާލައްވައިފި
ތައްޔާރީތައް ބެއްލެވުން/ފޮޓޯ: ޙައްޖު މިޝަން
ދިވެހި ޙައްޖާޖީން މިނާގައި ތިބޭ ޓެންޓްތަކުގެ އެންމެފަހުގެ ތައްޔާރީތައް ދިވެހިރާއްޖޭގެ ޙައްޖު މިޝަންގެ ޓީމުން ބައްލަވައިލައްވައިފިއެވެ.
ދިވެހި ޙައްޖާޖީން މިއަހަރުވެސް މިނާގައި ތިބޭނީ މިދިޔަ އަހަރުވެސް ތިބި ސަރަޙައްދުގައެވެ. އަދި ފާއިތުވެދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް މިނާގެ ޓެންޓުތަކުގައި ދިވެހި ޙާޖީންނަށް ފުރިހަމަ ޚިދުމަތެއް ލިބިގެންދާނެއެވެ.
ދިވެހިރާއްޖޭގެ ޙައްޖު މިޝަން ޓީމުން މަޢުލޫމާތުދޭ ގޮތުގައި، ޓެންޓުތަކުގެ މަސައްކަތް މިހާރު އެއްކޮށް ވަނީ ނިމިފައެވެ. އަދި އެ ސަރަޙައްދުގައި މިހާރު ކުރަމުންދަނީ ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައްކަމަށް ޙައްޖު މިޝަންއިން މަޢުލޫމާތުދެއެވެ. 2025 ވަނަ އަހަރަށްވުރެ މިއަހަރު މިނާ ޓެންޓުތަކުގެ ފާޚަނާތަކުގެ އަދަދު ހަތަރުގުނަ އިތުރުކޮށްފައިވާއިރު ޖުމްލަ 64 ފާހަނާ އެ ސަރަޙައްދުގައި ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހި ޙައްޖާޖީން މިނާގައި ތިބޭ ޓެންޓްތަކުގެ އެންމެފަހުގެ ތައްޔާރީތައް ދިވެހިރާއްޖޭގެ ޙައްޖު މިޝަންގެ ޓީމުން ބައްލަވައި ލައްވައިފި. pic.twitter.com/Tx2GbNV5kr
— Maldives hajj mission بعثة ا لحج ا المالديفية (@hajjmission_mv) May 9, 2026
ޙައްޖު މިޝަންއިން ވަނީ، މިނާގެ އެންމެ ފަހުގެ އިންތިޒާމްތައް ކުރިއަށްދާގޮތް ބައްލަވާލަވާ، މުތައްވިފް ރަވާފް މިނާއާ ވެސް ބައްދަލުކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ދިވެހި ޙައްޖާޖީންނަށް ފުރިހަމަ ޚިދުމަތެއް ދޭނެކަމުގެ ޔަޤީންކަން ރަވާފް މިނާއިން ދެއްވާފައިވާކަމަށް ޙައްޖު މިޝަންއިން ވަނީ ވިދާޅުވެފައެވެ.
ދިވެހި ޙާޖީން މިނާގައި ތިބޭ ސަރަޙައްދަކީ ދަތުރުފަތުރަށް ވެސް ފަސޭހަ، އަދި ހިލައުކަން ދިއުމަށްވެސް ފަސޭހަ ސަރަޙައްދެއްކަން ފާހަގަކޮށްލެވެއެވެ.