Ads by Farudhun

ޚަބަރު

ޙައްގު މިންވަރު ހޯދައިދިނުމަކީ ސީދާ އަޅުގަނޑުގެ ޒިންމާއެއް، އެކަން ކާމިޔާބު ކުރާނަން" - ރައީސް

ޙައްގު މިންވަރު ހޯދައިދިނުމަކީ ސީދާ އަޅުގަނޑުގެ ޒިންމާއެއް، އެކަން ކާމިޔާބު ކުރާނަން" - ރައީސް

އެމްއެންޑީއެފގެ އަހަރީ ދހުވަހުގައި ރައީސް-- ފޮޓޯ : ޕީއެސްއެމް

09 މޭ 2026، 11:32

ދިވެހި ސިފައިންނާއި އެމީހުންގެ އާއިލާތަކަށް ލިބެންޖެހޭ ޙައްގު މިންވަރު ކަށަވަރުކޮށްދިނުމަކީ އެމަނިކުފާނުގެ ސީދާ ޒިންމާއެއް ކަމަށާއި، އެ މަސައްކަތް ކާމިޔާބު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ސިފައިން އަދާކުރާ މުހިންމު ދައުރުގެ އަގު ވަޒަންކުރަންޖެހޭ ކަމަށެވެ. އަދި ސިފައިންނަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ހިތުގައިވެސް އެންމެ ޝަރަފުވެރި މަޤާމު ދެވިފައިވާ ބައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސިފައިންގެ ޚިދުމަތުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި މިހާރު ހުރި ބައެއް ގަވާއިދުތަކަށް ބަދަލު ގެންނަން ނިންމާފައިވާކަން ރައީސް ހާމަކުރެއްވިއެވެ. މީގެ ތެރޭގައި:

ވަކި މުއްދަތެއް ވުމުން ޚިދުމަތުން ވަކިވާންޖެހޭ ގޮތަށް އޮންނަ "ލިމިޓޭޝަން" އުވާލައި، ގިނަދުވަހު ޚިދުމަތުގައި ދެމިތިބެވޭނެ ގޮތް ހެދުން.
ރިޓަޔަރމަންޓް ގަވާއިދަށް ގެންނަންޖެހޭ ޒަމާނީ އިސްލާހުތައް ގެނައުން.
ސިފައިންގެ ޤާނޫނާއި ގަވާއިދުތަކުގެ ތެރެއިން ސިފައިންނަށް ލިބޭ ކުރިއެރުންތަކަށް ހުރި ހުރަސްތައް ނައްތާލުން.

ސިފައިންގެ ފައުޖު ބޮޑުކޮށް، ވަސީލަތްތައް އިތުރުކުރުމަށް ބަޖެޓު ކުރެވިގެން މަސައްކަތްތައް ހިނގަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. މިގޮތުން ގިރިފުށި ތަރައްގީކުރުމާއި، އުތުރާއި ދެކުނުގައި ހުރި ތަމްރީނުދޭ މަރުކަޒުތައް ޒަމާނީ ފެންވަރަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. އަދި ރާއްޖޭން ބޭރުގެ ޤައުމުތަކުން ސިފައިންނަށް މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް އިތުރުކުރުމަށް ސަރުކާރުން ބޭރުގެ ފަރާތްތަކާއެކު މަޝްވަރާކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ވާހަކަފުޅު ނިންމަވާލެއްވީ، މި ހުރިހާ މަސައްކަތެއްވެސް ކުރިއަށްދާނީ ދެމެހެއްޓެނިވި ގޮތެއްގައި ކަމަށާއި، ސިފައިންގެ ވެލްފެއަރ ކަންކަން ރަނގަޅުކުރުމުގައި އެއްވެސް ފަސްޖެހުމެއް ނެތްކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450