ރިޕޯޓް

ކުޑަކުދިންގެ ހިނިތުންވުން: ކޮންމެ ޤައުމެއްގެވެސް މުސްތަޤުބަލުގެ ބިންގާ

ކުޑަކުދިންގެ ހިނިތުންވުން: ކޮންމެ ޤައުމެއްގެވެސް މުސްތަޤުބަލުގެ ބިންގާ

ކުޑަކުދިންތަކެއް/ފޮޓޯ: މޫސާ މާހިރު

10 މޭ 2026، 03:14

ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނުހަނު ކުލަގަދަކޮށް ފާހަގަކުރެވޭ މުހިންމު ދުވަހެކެވެ. މި ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ ކުޑަކުދިންގެ ޙައްޤުތަކަށް މުޖުތަމަޢު ހޭލުންތެރިކުރުވުމާއި، އެކުދިންނަށް އުފާވެރި، އަމާން މާޙައުލެއް ބިނާކޮށްދިނުމެވެ.

ކުޑަކުދިންނަކީ ކޮންމެ ޤައުމެއްގެ ވެސް މުސްތަޤުބަލުގެ ބިންގަލެވެ. މިއަދު އަޅުގަނޑުމެން އެކުދިންނަށް ދޭ އަޅާލުމާއި، ލޯތްބާއި، ތަރުބިއްޔަތަކީ މާދަމާ މުޅި ޤައުމުގެ ކުރިމަގު ބައްޓަންވެގެންދާނެ ގޮތެވެ. އެހެންކަމުން، ކުޑަކުދިންނަކީ ހަމައެކަނި ޢާއިލާއެއްގެ އުފަލެއް ނޫނެވެ. އެއީ މުޅި ޤައުމުގެ އުންމީދެވެ.

ކުޑަކުއްޖަކު ހެދިބޮޑުވުމުގައި އެންމެ މުހިންމު އެއް ކަމަކީ އެކުއްޖެއްގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމެވެ. ޞިއްޙަތު ސަލާމަތުން ހުރުމުގެ އިތުރުން، ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމަކީ އެކުއްޖާގެ ޝަޚްޞިއްޔަތު ބިނާވުމުގައި އެންމެ މުހިންމު ދައުރު އަދާކުރާ ބަޔެވެ. ބިރުވެރިކަމެއް ނެތް، އިޙްތިރާމާއި ގަދަރު ލިބޭ މާޙައުލެއްގައި ބޮޑުވާ ކުއްޖަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، މުޖުތަމަޢަށް ފައިދާހުރި މީހަކަށް ވުމުގެ ފުރުޞަތު ބޮޑު ކުއްޖެކެވެ. ހަމަ އެއާއެކު، ފެންވަރު ރަނގަޅު ތަޢުލީމާއި، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ފުރުޞަތުތަކަކީ ކޮންމެ ކުއްޖަކަށްމެ ލިބިދޭންޖެހޭ އަސާސީ ޙައްޤުތަކެކެވެ.

ކުޑަކުދިންނަކީ ނާޒުކު ބައެކެވެ. އެކުދިންނަށް ބޭނުންވަނީ ހަމައެކަނި ކާބޯތަކެއްޗާއި އަންނައުނެއް ނޫނެވެ. އެކުދިން އެންމެ ބޮޑަށް ބޭނުންވަނީ މުޖުތަމަޢުގެ ހުރިހާ ފަރުދުންގެ ފަރާތުން ލިބޭ އޯގާތެރިކަމާއި ލޯތްބެވެ. އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކުގައި ވެސް ކުޑަކުދިންނަށް އޯގާތެރިވުމަށް ވަނީ ނުހަނު ބޮޑަށް ބާރުއަޅުއްވާފައެވެ.

މުޖުތަމަޢުގެ ކޮންމެ މީހަކީވެސް ކުޑަކުދިންގެ ރައްކާތެރިކަމަށް އިސްކަންދޭ، އެކުދިންނަށް ނަމޫނާ ދައްކާ ބަޔަކަށް ވާންޖެހެއެވެ. ކުދިންނަށް ކުރިމަތިވާ ގޯނާތަކާއި، އިހުމާލުވުންތަކުން އެކުދިން ސަލާމަތްކުރުމަކީ އަޅުގަނޑުމެން އެންމެންގެ ބޯމަތީގައި އޮތް ދީނީ އަދި ޤައުމީ ވާޖިބެކެވެ.

މި އުފާވެރި ދުވަހުގެ ވާހަކަ ދައްކާއިރު، އަޅުގަނޑުމެންގެ ހިތްތަކަށް ނުހަނު އަސަރުކުރުވާ ފަރާތްތަކެއް ވެސް އެބަތިއްބެވެ. އެއީ ޢާއިލީ ލޯތްބާއި ރައްކާތެރިކަމުން މަޙްރޫމުވެފައިވާ ކުދިންނެވެ. މައިންބަފައިންގެ އަޅާލުން ނުލިބި، ދައުލަތުގެ ބެލުމުގެ ދަށުގައި ނުވަތަ އެކި ކަހަލަ ނިކަމެތި ޙާލަތްތަކުގައި ދިރިއުޅެމުންދާ ކުދިންގެ އުދާސްތަކަކީ ބަޔާންކުރަން ދަތި އިޙްސާސްތަކެކެވެ. އެކުދިންގެ ހިތްތަކުގައިވާ ހުސްކަން ފޫބެއްދޭނީ މުޅި މުޖުތަމަޢު އެކުދިންނަށްޓަކައި އޯގާތެރިކަމުގެ އަތެއް ދިއްކޮށްލައިގެންނެވެ. 

ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ މަހު އެކަނިވެސް އަނިޔާއާ ގުޅުންހުރި 230 މައްސަލަ ހުށަހަޅާފައިވާއިރު، މީގެ ތެރެއިން 92 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކާ ގުޅުންހުރި މައްސަލަތަކެވެ. އެހެންކަމުން، މިކަމަށް ދާއިމީ ޙައްލެއް ހޯދުމަށް ސަރުކާރާއި ކަމާ ގުޅުންހުރި ފަރާތްތަކުން ގުޅިގެން މެދުނުކެނޑި މަސައްކަތްކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ކުޑަކުދިންގެ ދުވަހަކީ ހަމައެކަނި ކުޅިވަރާއި ސަކަރާތުގައި ހޭދަކޮށްލަންޖެހޭ ދުވަހެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ހަނދާންކޮށް، އާކުރަންޖެހޭ ދުވަހެކެވެ. ކޮންމެ ބެލެނިވެރިއަކުވެސް، ކޮންމެ މުދައްރިސަކުވެސް އަދި ކޮންމެ ފަރުދަކުވެސް ކުޑަކުދިންނަށް އިޙްތިރާމްކޮށް، އެކުދިންގެ އަޑުއަހައި، އެކުދިންނަށް ހިމާޔަތް ދިނުމުގައި ދެމިތިބެންޖެހެއެވެ.

މިއަދު އަޅުގަނޑުމެން ކުޑަކުދިންނަށްޓަކައި ހޭދަކުރާ ވަގުތާއި، ދޭ އޯގާތެރިކަމަކީ މާދަމާ ފެންނާނެ އުޖާލާ ޤައުމެއްގެ ބިންގަލެވެ. ކުޑަކުދިންނަށް އުފާވެރި މާޙައުލެއް ހޯދައިދީ، އެކުދިންގެ ހިނިތުންވުން ދެމެހެއްޓުމަށް އެންމެން އަތުގުޅާލަމާ ހިނގާށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450