ޚަބަރު
ޙައްޖުވެރިން ތިބޭ ހޮޓަލުގައި މައުލޫމާތު ދިނުމަށް ޖާގަ ތަނަވަސް އޮޑިޓޯރިއަމެއް
ޙައްޖުވެރިން ތިބޭ ހޮޓަލްގައި ތައްޔާރުކޮށްފައިވާ އޮޑިޓޯރިއަމް ފޮޓޯ: ޙައްޖު ކޯޕަރޭޝަން
މިއަހަރުގެ ޙައްޖުގެ މުގައްދަސް އަޅުކަމަށް ރާއްޖެއިން ދާ ޙައްޖުވެރިންނަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ފޯރުކޮށްދިނުމުގެ ނިޒާމު، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އިތުރަށް ހަރުދަނާކޮށްފިއެވެ. މި ބަދަލުތަކާއެކު ޙައްޖުވެރިންނަށް ބޭނުންވާ އިރުޝާދުތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމުގެ މަގު މިހާރު ވަނީ ތަނަވަސްވެފައެވެ.
ޙައްޖު ކޯޕަރޭޝަނުން "ފަރުދުން" މީޑިއާއަށް މައުލޫމާތު ދެއްވި ގޮތުގައި، މީގެ ކުރިން ހައްޖުވެރިންނަށް މައުލޫމާތު ދިނުމަށް ބޭނުންކުރަމުން އައީ ދެ ރެސްޓޯރަންޓެކެވެ. ނަމަވެސް މިހާރު ވަނީ އެއް ހޯލެއްގެ ތެރޭގައި ޕްރޮޖެކްޓަރު ބޭނުންކޮށްގެން، ހުރިހާ މައުލޫމާތެއް އެއްތަނަކުން ފެންނާނެހެން އިންތިޒާމުތައް ބަދަލުކޮށްފައެވެ. މި އައު އިންތިޒާމުގެ ދަށުން ކޮންމެ ފްލައިޓެއްގެ ހައްޖުވެރިންނަށް ވަކިވަކިން މައުލޫމާތު ދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން، ދީނީ މަޝާއިރުތަކަށް (މިނާ، އަރަފާތް، މުޒްދަލިފާ) ދިއުމުގެ ކުރިން ދޭންޖެހޭ މުހިންމު އިރުޝާދުތައް ދިނުމަށްޓަކައި، ކޮންމެ ފްލައިޓެއްގެ ޙައްޖުވެރިންނަށް ވަކިވަކިން ކޮންފަރެންސް ހޯލް ބޭނުންކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިއީ ހައްޖުވެރިންނަށް އޮޅުންނުއަރާނެހެން، ތަރުތީބުން މައުލޫމާތު ފޯރުކޮށްދިނުމަށް އެޅި ފިޔަވަޅެކެވެ.

ޙައްޖުވެރިންގެ ފަސޭހައަށްޓަކައި ޙައްޖު ކޯޕަރޭޝަނުން ހަމަޖައްސާފައިވާ އަނެއް މުހިންމު އިންތިޒާމަކީ، ހައްޖުވެރިން ތިބޭ ހޮޓަލުގެ ހުރިހާ ފްލޯއަކަށް އަޑުއިވޭނެހެން ސައުންޑް ސިސްޓަމް ހަރުކުރެވިފައި ހުރުމެވެ. މީގެ ސަބަބުން ކަސްޓަމަރ ސަރވިސްގެ ފަރާތުން ދޭންޖެހޭ އިރުޝާދުތަކާއި، ދިނީ ދަރުސްތަކާއި ، ބަސްތަކަށް އަރަންޖެހޭ ގަޑިތަކާއި، އަދި އެނޫންވެސް މުހިންމު އިއުލާންތައް ހޮޓަލުގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް ހައްޖުވެރިންނަށް ސާފުކޮށް އަޑުއިވޭނެއެވެ.
ހައްޖު ކޯޕަރޭޝަނުގެ އަމާޒަކީ މަޝާއިރުތަކަށް ދިއުމުގެ ކުރިން، އެ ކޯޕަރޭޝަނުގެ ހަވާލުގައި ތިބި 1،000 ހައްޖުވެރިންނަށް ބޭނުންވާ ހުރިހާ މައުލޫމާތެއް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމެވެ. މި އިންތިޒާމުތަކުގެ ސަބަބުން ހައްޖުވެރިންނަށް އަޅުކަމުގެ ކަންކަމުގައި ފަސޭހަވެ، ހިތްހަމަޖެހުމާއެކު ޙައްޖުގެ އަޅުކަން ފުރިހަމަކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހައްޖުވެރިންގެ ފަސޭހައަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ހައްޖު ކޯޕަރޭޝަނުން ގެނައި މި ބަދަލުތަކަކީ ހައްޖުވެރިންނަށް ދޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ.