ރިޕޯޓް
މުޖުތަމައުގެ އަޚުލާޤީ ފޭރާން ވީދިގެންދާއިރު ދަރިންގެ މުސްތަޤުބަލަށް އޮތް ނުރައްކާ
ފަރުދުން އިމޭޖް: ހަދީޖާ ފާޒް
މިއަދުގެ ދިވެހި މުޖުތަމައުން ފެންނަމުންދާ ބައެއް މަންޒަރުތަކަކީ ކޮންމެ ދިވެއްސަކުވެސް ކަންބޮޑުވާންޖެހޭ ފަދަ ހިތާމަވެރި މަންޒަރުތަކެކެވެ. އިސްލާމީ ރިވެތި އުސޫލުތަކާއި، ދިވެހިންގެ ތެރޭގައި އޮތް އަދަބު އިހްތިރާމުގެ ސިފަތައް ފަހަނައަޅައި ގޮސް، ސިޔާސީ މަސްރަހުގެ ތެރެއިން އުފެދިފައިވާ ހަސަދަވެރިކަމުގެ ސަބަބުން މުޖުތަމައުގެ އަޚުލާޤީ މިންގަނޑު ވަނީ އިންތިހާއަށް ދަށްވެފައެވެ. ވަކިން ހާއްސަކޮށް، މުޖުތަމައުގެ ބިންގާ ކަމުގައިވާ އަންހެނުންނާއި މައިންގެ ފަރާތުން ފެންނަމުންދާ ބައެއް އަމަލުތަކުގެ ސަބަބުން އަންނަން އޮތް ޖީލުގެ ތަރުބިއްޔަތަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
މަގުމަތީގެ ހަރަކާތްތަކާއި މުޒާހަރާތަކަށް ބަލާއިރު، އިސްލާމްދީނުގެ މިންގަނޑުތަކާއި ދީނުގެ އުސޫލުތަކަށް ބެލުމެއް ނެތި، އަންހެންވެރިން މަގުމައްޗަށް ނުކުމެ އަޑުގަދަކޮށް، ހަޑިހުތުރު ބަހުން އައުގުރާނަ ގޮވުމަކީ މިއަދު އާންމު ކަމަކަށް ވެއްޖެއެވެ. ދައުލަތުގެ އިސްވެރިންނަށާއި، ގައުމުގެ ވަލިއްޔުލްއަމްރުގެ މަގާމުގައި ހުންނަވާ ބޭފުޅާއަށްވެސް އެއްވެސް އިހްތިރާމެއް ކުރުމެއް ނެތި، ދުލަށް އައިހާ އެއްޗެއް ގޮވަމުންދާއިރު، އެއީ ތިމާގެ ދަރިންނަށް ދެއްކޭ ކިހާ ނުބައި ނަމޫނާއެއްކަން ގިނަ ފަހަރަށް ހަނދާން ނެތެއެވެ. ބައެއް އަންހެންވެރިން މިފަދަ އެއްވުންތަކަށް ނުކުންނައިރު، ބައިގަނޑު ބޮޑުކުރުމުގެ ނިޔަތުގައި ޒުވާން ދަރިންނާއި އެކުވެރިންވެސް ގޮވައިގެން ނުކުމެއެވެ. މިފަދަ ހަރަކާތްތަކުގެ ތެރޭގައި "ޖެންޒީ" ގުރޫޕުތައް ގޮވައިގެން ނުކުމެ، ހަޑިހުތުރު ބަހުން ވާހަކަދައްކަމުން، ކަނޑިކި ހިއްލާލައިގެން ނެށުން ފަދަ ބޭއަދަބީ މަންޒަރުތައް ދެއްކުމަކީ މުޖުތަމައު ލަދުގަންނަންޖެހޭ ކަންކަމެވެ.
މީގެ އެންމެ ނޭދެވޭ އަސަރެއް ކުރަނީ ގޭގައި ތިބޭ ކުޑަކުދިންނަށެވެ. ޓީވީ އާއި މީސްމީޑިއާގެ ޒަރީއާއިން އެކުދިންނަށް ފެންނަނީ އެކުދިންގެ މަންމަމެން ނުވަތަ މާމަމެން މަގުމަތީގައި އުޅޭ ބޭއަދަބީ ގޮތްތަކެވެ. ގޭތެރޭގައިވެސް މިފަދަ ވާހަކަތައް ދައްކައި، ވެރިންނަށް ކުޑާމީސްކޮށް އުޅުމަކީ "މާ ކޫލް" ކަމެއް ކަމަށް ދައްކަން މަސައްކަތް ކުރެއެވެ. ނަތީޖާއެއްގެ ގޮތުން، ސްކޫލް މާހައުލުގައިވެސް ކުދިން މިފަދަ ބަސްތައް ބޭނުންކޮށް، ގައުމުގެ ވަލިއްޔުލްއަމްރުގެ އަބުރަށް އަރައިގަތުމަކީ މޮޅު ކަމެއްގެ ގޮތުގައި ދެކެން ފަށައެވެ. މިސާލަކަށް "އެލްސޯފާ" ފަދަ ނަންނަމުން ވެރިންނަށް މުހާތަބު ކުރާއިރު، އެއީ ކިހާވަރެއްގެ ކަމެއްކަން އެ ތުއްތު ކުދިންނަށް ނޭނގުނަސް، އެކުދިން އެކަން ކުރަނީ ބޮޑެތި މީހުންގެ ފަރާތުން ދަސްވާ ނަމޫނާއަކުންނެވެ.
މައިންގެ ޒިންމާތަކަށް ބަލާއިރު، ދަރިންގެ ކާބޯތަކެއްޗާއި، ފިލާވަޅުތަކާއި، ނިދުމުގެ ކަންކަމަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، އިރުއޮއްސުމާއެކު ސިޔާސީ ޖަގަހަތަކަށް އެއްވެ، މަގުމައްޗަށް ނުކުންނަން ފޫގަޅާފައި ތިބޭ މަންޒަރު ފެންނަލެއް ގިނައެވެ. ގޭގައި ތިބޭ ވަގުތުތަކުގައިވެސް ފޯނުން ޕާޓީގެ މެންބަރުންނާ ވާހަކަދައްކާއިރު އަނެކުންގެ އަބުރަށް އަރައިގަނެ، ހަޑިހުތުރު ބަހުން ވާހަކަދެއްކުމުގެ ސަބަބުން ދަރިންގެ ސިކުނޑިތަކަށް މިވަނީ ނުބައި ވިހަ ލެވިފައެވެ. މައިންބަފައިންގެ އަމަލުތަކަކީ ދަރިންގެ ތަރުބިއްޔަތުގެ ބިންގަލެވެ. މައިން އުޅޭ ގޮތަށް އުޅެން ދަރިން ބޭނުންވާއިރު، އެ ހަޑިހުތުރު ބަސްތަކަކީ "ކޫލް" ބަސްތަކެއްގެ ގޮތުގައި ކުދިން ބަލައިގަތުމަކީ ގައުމުގެ މުސްތަގުބަލު ފުނޑާލަން ކުރެވޭ މަސައްކަތެކެވެ.
ސިޔާސީ މަސްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި، އިދިކޮޅު ފަރާތްތަކުން އަންހެނުން ކުރީ ސަފަށް ނެރެ، ފިލައިގެން ތިބެ ސިޔާސީ މަންފާ ހޯދަން މަސައްކަތް ކުރާއިރު، އޭގެ ގެއްލުން ކުރަނީ ހަމަ އެ އާއިލާތަކަށެވެ. ރޭގަނޑު ވަގުތުތަކުގައި ފިރިހެނުންގެ ތެރެއަށް ނުކުމެ، ގައިގޯޅިކޮށް އުޅުމާއި، ހަށިގަނޑުގެ ވަނާތައް އެނގޭ ފަދަ ހެދުން އަޅައިގެން އުޅުމަކީ އިސްލާމީ މުޖުތަމައެއްގައި ފެނިގެންވާނެ ކަންކަމެއް ނޫނެވެ.
މިއަދު ފާހަގަކުރަމުންދާ ކުޑަކުދިންގެ ދުވަހާއި މަންމައިންގެ ދުވަހުގެ މުނާސަބަތުގައި މައިންޑްޗޭމްޕްސްއިންޓަނޭޝަނަލް ޕްރި ސްކޫލުގައި ބޭއްވި ހާއްސަ ހަރަކާތުގެ ތެރެއިން އެ ސްކޫލުގެ ޕްރިންސިޕަލް އަމަތުﷲ ޝަކީބާ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުއްޖަކު ބޮޑުކުރުމަށް މުޅި އަވަށެއްގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. މީގެ މާނައަކީ ކުދިން ބޮޑުވާ މާހައުލަކީ ރަނގަޅު މާހައުލަކަށް ވާންޖެހެއެވެ.
އަމަތު އާންޓީ ވިދާޅުވިގޮތުގައި ކުދިންނަކީ ހަމައެކަނި އަޑުއަހައިގެން ކަންކަން ދަސްކުރާ ބައެއް ނޫނެވެ. އެކުދިން އެންމެ އަވަހަށް ދަސްކުރަނީ ބޮޑެތި މީހުން އުޅޭގޮތް ބަލައިގެންނެވެ. އެހެންކަމުން، މިއަދު މި މުޖުތަމައުން ފެންނަމުންދާ މި ނުބައި އާދަތަކަކީ މާދަމާގެ ޖީލުގެ ފަރާތުން ފެންނާނެ ކަންކަން ކަމަށް އަމަތުﷲ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ފެންނަނީ ރޭގަނޑު ތަންތާނގައި ވަރަށް އަޑުގަދަކޮށް ވާހަކަދެކެވުމުންދާތަން، އެ އަޑުތަކަކީ ކުދިންނަށް ރަނގަޅު އަޑުތަކަކަށް ވުން މުހިންމު. އެއީ އިނގިރޭސި ބަހުން ބުނަނީ ނަމަ ވަރަށް ރަނގަޅު ޕްރޮވާބެއް އޮވޭ. "އިޓް ޓޭކްސް އަ ވިލެޖް ޓޫ ރެއިސް އަ ޗައިލްޑް އޭ." މާނައަކީ މުޅި ރަށުގެ އެންމެން ކޮންމެ ފަރުދެއްގެވެސް ޒިންމާއަކަށް ވާންޖެހޭނެ އެތަނަކީ ކުދިންނަށް އެކަށީގެންވާ މާހައުލަކަށްވުން. ކުދިންނަށް ރަނގަޅު އެއްޗެހި ދަސްކޮށްދޭ މާހައުލަކަށްވުން. ހަމައެކަނި އެއްޗެހި އަޑުއަހައިގެނެއް ނޫން ތުއްތު ކުދިން ދަސްކުރަނީ. އެންމެ ފަސޭހައިން ކުދިން ދަސްކުރަނީ އެހެން މީހުން އުޅޭގޮތް ބަލައި އެމީހުން އުޅޭގޮތް ފެނި، މީ ކުދިން ދަސްކުރާ ގޮތަކީ. " އަމަތުﷲ ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި މި މުޖުތަމައުއަކީ ރަނގަޅު މާހައުލަކަށް ހެދުމަށްޓަކައި އަދި ރަނގަޅު ޖީލެއް ބިނަކުރުމަށްޓަކައި އެންމެން އަތުގުޅާލަން އެބަޖެހެއެވެ.
މިއަދު މީހުންގެ އަބުރު ކަތިލުމާއި، ހަޑިހުތުރު ބަހުން ވާހަކަދެއްކުން އާންމުވެފައިވާއިރު، މިއީ ހަމައެކަނި ސިޔާސީ ކަމެއްގެ ގޮތުގައި ދެކިގެން ދޫކޮށްލެވެން ނެތް ކަމެކެވެ. މިއީ މުޅި ގައުމުގެ އަޚުލާޤީ ބިންގާ ހަލާކުވެގެންދާ ކަމެކެވެ. ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަށާއި، ގައުމުގެ މުސްތަގުބަލު އުޖާލާ ކުރުމަށްޓަކައި، ކޮންމެ މަންމައަކީ އަދި ކޮންމެ ފަރުދަކީވެސް ތިމާގެ ދުލާއި އަމަލުތަކަށް ފަރުވާތެރިވާ މީހަކަށް ވާންޖެހެއެވެ. މުޖުތަމައު އިސްލާހުވާނީ އަމިއްލަ ނަފްސާއި އާއިލާ އިސްލާހުކޮށްގެންނެވެ.