ޚަބަރު
އިންޓަޕޯލް އެގްޒެކެޓިވް ލީޑަރޝިޕް ޕްރޮގްރާމެއްގައި ދިވެހި ފުލުހަކު ބައިވެރިވެއްޖެ
އިންޓަޕޯލް އެގްޒެކެޓިވް ލީޑަރޝިޕް ޕްރޮގްރާމެއްގައި ދިވެހި ފުލުހަކު ބައިވެރިވުން. ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް
ސިންގަޕޫރުގައި ބޭއްވި އިންޓަޕޯލް އެގްޒެކެޓިވް ލީޑަރޝިޕް ޕްރޮގްރާމް (އައި.އީ.އެލް.ޕީ) ގެ ކޯހޮޓް 2025-2026 ގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ސަޢީދު ބައިވެރިވެވަޑައިގެން، އެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރައްވައިފިއެވެ.
މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތަންފީޒީ އިދާރާތަކުގެ އިސް އޮފިސަރުންނަށް އަމާޒުކޮށްގެން ހަތް މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި ލީޑަރޝިޕް ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހި 2025 ނޮވެމްބަރު 2 އިން 7 އަށް ސިންގަޕޫރުގައި ހުންނަ "އިންޓަޕޯލް ގްލޯބަލް ކޮމްޕްލެކްސް ފޯ އިނޮވޭޝަން" ގައެވެ. ދެވަނަ ފިޔަވަހި އޮންލައިންކޮށް ކުރިއަށް ގެންގޮސްފައިވާއިރު، ތިންވަނަ ފިޔަވަހި ކުރިއަށްދިޔައީ 2026 މެއި 4 އިން 8 އަށެވެ. މި ބުރުގައި ދުނިޔޭގެ 20 ގައުމަކުން ޖުމްލަ 24 ސީނިއަރ އޮފިސަރުން ބައިވެރިވިއިރު، އޭގެ ތެރޭގައި ހަތް އަންހެން އޮފިސަރުންވެސް ހިމެނެއެވެ.
މި ޕްރޮގްރާމަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވަމުންދާ ތަފާތު ގޮންޖެހުންތަކާ ކުރިމަތިލުމަށް ބޭނުންވާ ލީޑަރޝިޕް ހުނަރުތަކާއި، ސްޓްރެޓީޖިކް ވިސްނުމާއި، ބައިނަލްއަގުވާމީ ފެންވަރުގައި ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރާނެ ގޮތްތައް އުނގަންނައިދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މީގެ އިތުރުން، ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމަށްޓަކައި އީޖާދީ އައު ގޮތްތައް ހޯދުމަށް މި ޕްރޮގްރާމްގެ ތެރެއިން މަގުފަހިވެގެންދާނެއެވެ.
ޕްރޮގްރާމްގެ ބައިވެރިން ވަނީ ބައިނަލްއަގުވާމީ ފުލުހުންގެ ލީޑަރޝިޕް، ބައިނަލްއަގުވާމީ ގުޅުންތައް، ޑިޖިޓަލް ޓްރާންސްފޯމޭޝަން އަދި ޕޮލިސިންގ ޑިޕްލޮމަސީ ފަދަ މުހިންމު ދާއިރާތަކުގެ މައްޗަށް ބިނާކޮށް ކެޕްސްޓޯން ޕްރޮޖެކްޓެއް ފުރިހަމަކޮށްފައެވެ. ފަހު ސެމިނާގައި، މި ދިރާސީ ހޯދުންތައް އަމަލީ ގޮތުން މުއައްސަސާތަކުގައި ތަންފީޒުކުރާނެ ގޮތްތަކާ މެދު ބައިވެރިން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި، މުއައްސަސާގެ ގާބިލުކަން އިތުރުކުރުމަށާއި، ފަންނީ ގުޅުންތައް ބަދަހިކުރުމުގެ ގޮތުން ބައިނަލްއަގުވާމީ މައިދާނުގައި ބައިވެރިވެ މުއައްސަސާ އާއި ގައުމު ތަމްސީލް ކުރުމަށް އެ ޚިދުމަތުން ހާއްސަ އިސްކަމެއްދެއެވެ. މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ޒަމާނީ ފުލުހުންގެ ޚިދުމަތް ކުރިއެރުވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.