Ads by Farudhun

ޚަބަރު

އަރަފާތާއި މިނާގައި ދިވެހި ޙާޖީން ތިބޭ ސަރަޙައްދުގެ ތައްޔާރީތައް ފަހު މަރުޙަލާގައި

އަރަފާތާއި މިނާގައި ދިވެހި ޙާޖީން ތިބޭ ސަރަޙައްދުގެ ތައްޔާރީތައް ފަހު މަރުޙަލާގައި

މިނާގައި ދިވެހިން ތިބޭ ސަރަޙައްދު ފޮޓޯ: ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 މޭ 2026، 10:08

12 މޭ 2026، 10:08

ޙައްޖުގެ މަތިވެރި އަޅުކަމުގެ އެންމެ މުހިންމު މަޝާޢިރު ކަމުގައިވާ އަރަފާތު ބިމާއި މިނާގައި ދިވެހި ޙާޖީން ތިބުމަށް ހަމަޖެހިފައިވާ ސަރަޙައްދުތަކުގެ އިންތިޒާމްތައް ނިންމުމުގެ އެންމެ ފަހުގެ މަސައްކަތްތައް ދިވެހިރާއްޖޭގެ ޙައްޖު މިޝަންއިން ބައްލަވާލައްވައިފިއެވެ.

ޙައްޖު ދުވަހު ހުރިހާ ޙާޖީން މަޑުކުރާ އަރަފާތު ބިމުގައި ދިވެހިންނަށް ޚާއްޞަކޮށްފައިވާ ޓެންޓު ސަރަޙައްދުގެ އިންތިޒާމްތައް މިފަހަރު ވަނީ އިތުރަށް ފުރިހަމަކޮށްފައެވެ. އެގޮތުން މިފަހަރުގެ އެންމެ ބޮޑު އެއް ފަސޭހައަކީ، ވޭތުވެދިޔަ އަހަރުތަކުގައި ޙާޖީން އެދެމުން އައި ގޮތަށް، ދިވެހިން ތިބޭ ސަރަޙައްދުގެ ވަށައިގެން ފެންސް ޖަހައި ހަމައެކަނި ދިވެހިންނަށް ވަދެވޭގޮތަށް އެ ސަރަޙައްދު ޚާއްޞަކުރުމެވެ.

މި އިންތިޒާމްތައް ހަމަޖެއްސުމުގައި މައްކާގެ މުޠައްވިފް "ރަވާފް މިނާ" ގެ އެހީތެރިކަން ހޯދަމުންދާއިރު، ޙާޖީންނަށް ބޭނުންވާ އެހީތެރިކަން އަވަހަށް ފޯރުކޮށްދިނުމަށްޓަކައި އެ ކުންފުނީގެ އޮފީހެއް ޓެންޓުތަކާ އިންވެގެން ހުންނާނެއެވެ.

މިނާގެ ތައްޔާރީތަކަށް ބަލާއިރު، ޓެންޓުތައް ޖެހުމާއި ފިނިކުރާ ނިޒާމުތައް ޓެސްޓުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ ޙާޖީންނަށް ބޭނުންވާ ސޯފާ ބެޑްތައް އެތުރުމާއި އެހެނިހެން ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތެވެ.

މިއަހަރުގެ އިންތިޒާމްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އަނެއް ކަމަކީ މިނާގައި ދިވެހިން ތިބޭ ސަރަޙައްދުގައި ފާޚާނާގެ ޚިދުމަތަށް ގެނެވުނު ބަދަލެވެ. އާ ފާޚާނާ ބަރިއަކާއެކު، ފާޚާނާގެ އަދަދު ވަނީ ހަތަރު ގުނަ އިތުރުކުރެވިފައެވެ. މިއާއެކު މިނާގެ ޓެންޓު ސަރަޙައްދުގައި 60 އަށްވުރެ ގިނަ ފާޚާނާ ޙާޖީންނަށް ބޭނުންކުރެވޭނެއެވެ.

ދިވެހި ޙާޖީންނަށް ދޭ ކެއިންބުއިމުގެ ޚިދުމަތްތައްވެސް މިދިޔަ އަހަރަށްވުރެ މިއަހަރު އިތުރަށް ރަނގަޅުވާނެ ކަމުގެ ޔަޤީންކަން ޙައްޖު މިޝަންއިން ދެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ދިވެހި ޙާޖީންނަށް އެންމެ ފުރިހަމަ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450