Ads by Farudhun

ޚަބަރު

ނޫސްވެރިކަމުގެ މިނިވަންކަން އޮތީ ހުޅުވާލެވިފައި، ނަމަވެސް ޤާނޫނީ އިމުގެ ތެރެއިން އަމަލުކުރަންޖެހޭ: ހީނާ

ނޫސްވެރިކަމުގެ މިނިވަންކަން އޮތީ ހުޅުވާލެވިފައި، ނަމަވެސް ޤާނޫނީ އިމުގެ ތެރެއިން އަމަލުކުރަންޖެހޭ: ހީނާ

ހީނާ ވަލީދު ފޮޓޯ ފަރުދުން

13 މޭ 2026، 09:45

ދިވެހިރާއްޖޭގައި މިއަދު އޮތީ ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށްފައި ނޫން ކަމަށާއި، ނަމަވެސް މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގައިގެން އަބުރާ ބެހުމުގެ ފުރުސަތު ނުދެވޭނެ ކަމަށް  އާޓްސް، ކަލްޗާރ އެންޑް ހެޖިޓޭޖް މިނސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މީސް މީޑިއާ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ، ރާއްޖޭގައި މިއަދު މިނިވަންކަން ހަނިކޮށް، ނޫސްވެރިންގެ ޙައްޤުތައް ނިގުޅައިގަނެފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި މިއަދު ފެންނަމުންދަނީ މި ޙައްޤުތައް އެއްވެސް އިމެއްނެތި ތަންމިނަށް ހުޅުވާލުމުން، އެ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ގަޛްފު ކުރަމުންދާ މަންޒަރު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހީނާ އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއާ ސުވާލުކުރާ ނޫސްވެރިން ފުލުހަށް ނުވަތަ ކޯޓަށް ހާޒިރުކޮށް ޖަލަށް ނުލާ ކަމަށެވެ. އަދި ކޮންމެ ނޫސްވެރިއަކަށްވެސް ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، ރާއްޖޭގެ ދުސްތޫރީ ކޯޓަކުން "ގެގް އޯޑަރެއް" ނުވަތަ ވަކި ކަމެއް ނުކުރުމަށް ނެރުއްވާފައި އޮތުމުން، އެ އަމުރާ ޚިލާފުވުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށްވެސް ލިބިވަޑައިނުގަންނަވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

"މިޤައުމުގައި ސިޔާސީ މީހުންގެ އަބުރަށް އަރައިގަތުމާ މީހުންގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައިގެން އެކަމުން ސިޔާސީ ނަފާ ހޯދުމަށްޓަކައި ޤާނޫނުއަސާސީން ލިބިދީފައިވާ މިނިވަންކަން ނާޖާއިޒު ގޮތުގައި ބޭނުން ކުރުންދަނީ ރޯވަމުންދާ އަލިފާން ގަނޑެއްފަދައިން ފެތުރެމުން،"  ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި ހެދިފައިވާ ޤާނޫނުތައް ތަންފީޒު ކުރެވޭނެއެވެ. އަދި ޤާނޫނުތަކާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުވެސް އެޅޭނެއެވެ. ޤާނޫނު ތަންފީޒު ކުރުމަކީ ހުރިހާ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރި ކުރުމަށްޓަކައި އެޅޭ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ނިންމަވާލައްވަމުން ހީނާ ވިދާޅުވީ، މީހުންނާ ޒާތީނުވެ، ދޮގު ނަހަދާ އަދި އަބުރާ ނުބެހިވެސް ސަރުކާރަށް ފާޑުކިޔައި، ސަރުކާރު ޒިންމާދާރު ކުރެވޭނެ ކަމަށެވެ. މިނިވަންކަމަކީ ޒިންމާދާރުކަމާއެކު ބޭނުންކުރަންޖެހޭ އެއްޗެއްކަން އޭނާ ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450