ދުނިޔެ
ހަނގުރާމައިގެ ނުތަނަވަސްކަން ބޮޑުވެފައިވަނިކޮށް، ޗައިނާގެ އެހީތެރިކަމަށް އެދިވަޑައިގަތުމަށް ޓްރަމްޕް ބެއިޖިންއަށް
އެމެރިކާގެ ރައީސް އަދި ޗައިނާގެ ރައީސް -- ފޮޓޯ : ޕޮލިޓިކޯ
އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ހަނގުރާމައިގެ މަސްރަހު އިތުރަށް ގޯސްވެ، މެދުއިރުމަތީގައި ހަނގުރާމައިގެ ކަޅު ވިލާގަނޑެއް ބޯމަތިވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް ދިޔުމަށް ހަމަޖެހިއްޖެއެވެ.
މިއަދުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޓްރަމްޕް ޗައިނާއަށް ކުރާ މި ދަތުރަކީ ބެއިޖިންގައި ބޭއްވުމަށް ހަމަޖެހިފައިވާ މަތީ ފަންތީގެ ހާއްސަ ސަމިޓެއްގައި ބައިވެރިވުަމށް ކުރާ ދަތުރެއް ކަމަށް ދުނިޔޭގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ. މި ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14 އާއި 15 ވަނަ ދުވަހުއެވެ.
ބައިނަލްއަގުވާމީ ރިޕޯޓްތައް ބުނާގޮތުގައި، ހަނގުރާމައިގެ މައިދާނުގައި ނުތަނަވަސްކަން އިންތިހާއަށް އިތުރުވެފައިވާއިރު، ޓްރަމްޕް މިވަގުތު ޗައިނާއަށް ދިޔައީ ވަރަށް މުހިންމު ސިޔާސީ މަގުސަދެއްގައެވެ. އެގޮތުން، އީރާނާއެކު އޮންނަ ގާތް ގުޅުމުގެ ބޭނުން ހިފައި، ޗައިނާގެ ރައީސް މެދުވެރިކޮށް އީރާނަށް ޕްރެޝަރު ބޮޑުކުރުމަކީ ޓްރަމްޕްގެ މި ދަތުރުފުޅުގެ އެންމެ ބޮޑު އެއް ބޭނުން ކަމަށް ގިނަ ބަޔަކު ދެކެއެވެ.
އެމެރިކާއާއި އީރާނުގެ އަސްކަރީ ކުރިމަތިލުންތައް ވަރުގަދަވަމުންދާ މި ދަނޑިވަޅުގައި، ޑިޕްލޮމެޓިކް ރޮނގުން ހައްލެއް ހޯދުމަށް ކުރާ މި މަސައްކަތަކީ މުޅި މެދުއިރުމަތީގެ މަސްރަހަށް އޭގެ ނުފޫޒު ފޯރާނެ ކަމެކެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި، ޓްރަމްޕްގެ މި ދަތުރާއިއެކު ހަނގުރާމައިގެ މިސްރާބަށް ބޮޑެތި ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.