ޚަބަރު
މާފަރު ފުލުހުންގެ ޕޯސްޓުގެ 49 އިންސައްތަ މަސައްކަތް ނިމިއްޖެ، މިހާރު ކުރިއަށްދަނީ ފިނިޝިންގ މަސައްކަތްތައް
މާފަރު ފުލުހުންގެ ޕޯސްޓް -- ފޮޓޯ : އެމްޓީސީސީ
ނ. މާފަރުގައި ސަރުކާރުން އިމާރާތްކުރަމުންދާ ފުލުހުންގެ ޕޯސްޓުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށާއި، މިހާރު ކުރިއަށްދަނީ އިމާރާތުގެ ފާރުތަކުގައި ޕުޓީ އަޅުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މިއަދު މަޢުލޫމާތު ދިން ގޮތުގައި، މި މަޝްރޫޢުގެ ދަށުން މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރިއަށްދަނީ ފާރުތަކުގައި ޕުޓީ އެޅުމުގެ މަސައްކަތުގެ އިތުރުން ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތެވެ. 2025 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫޢުގެ ޖުމްލަ 49 އިންސައްތަ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ.
މި މަޝްރޫޢުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އިމާރާތުގެ ގްރައުންޑް ވޯކް، ކޮންކްރީޓް މަސައްކަތްތައް، ރޭނުމާއި ސިމެންތި ޖެހުން، ފުރާޅުއެޅުން، އަދި ކަރަންޓާއި ފެނުގެ ނިޒާމު ގާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން ދޮރާއި ކުޑަދޮރު ހަރުކުރުމާއި، ސީލިންގް ކުރުމުގެ އިތުރުން ކުލަލުމާއި ފިނިޝިންގެ އެންމެހާ މަސައްކަތްތައް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ.
މާފަރުގައި ގާއިމުކުރާ މި ޕޮލިސް ޕޯސްޓަކީ، ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިންމު މަޝްރޫޢެކެވެ. ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރު ނިމުމުގެ ކުރިން، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ގާއިމުކުރުމެވެ.
އަދުގެ ސަރުކާރުން ކުއްމަދުކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ސަރުކާރު ގައުމާ ހަވާލުވި އިރު ރާއްޖޭގައި ޕޮލިސް ހިދުމަތް ދިނުމަށް ޕޮލިސް ޕޯސްޓެއް، ނުވަތަ ޕޮލިސް ސްޓޭޝަންއެއް ނެތް ރަށް ރަށް ގިނަކަން ފާހަ ކުރެވެއެވެ.