ދުނިޔެ
މަންމަގެ އުންމީދު ފުރިހަމަކޮށްދިނުމަށް، ޓިކްޓޮކްގައި 6،000 ސައިބޯނި ވިއްކައިފި
ޓިކްޓޮކްގައި ސައިބޯނި ވިއްކުން -- ފޮޓޯ :އަރަބި ނިއުސް
މަންމައަށް ހައްޖުގެ މަތިވެރި އަޅުކަން އަދާކޮށްދިނުމަށް ވެފައިވާ ވަޢުދު ފުއްދުމަށްޓަކައި، ފިލިޕީންސްގެ ޒުވާން އަންހެން ޑޮކްޓަރަކު ޓިކްޓޮކް މެދުވެރިކޮށް 6،000 އަށްވުރެ ގިނަ ސައިބޯނި ވިއްކައިގެން ފައިސާ ހޯދައިފިއެވެ.
ފެމިލީ މެޑިސިންގެ ދާއިރާއިން ޚާއްސަވެފައިވާ އުމުރުން 33 އަހަރުގެ ޑރ. ފާތިމާ އަލްޒަހްރާ ދިއްތީއަކީ އޭނާގެ އާއިލާ ބަލަހައްޓާ މައިގަނޑު މީހާއެވެ. ޑރ. ފާތިމާ ކިޔައިދިން ގޮތުގައި، އޭނާގެ މަންމަ ހައްޖަށް ފޮނުވުމަށް ބޭނުންވާ 350،000 ޕީސޯ (ގާތްގަނޑަކަށް 6،000 ޑޮލަރު) ހޯދުމަކީ އޭނާގެ މުސާރައިން އެކަނި ކުރެވޭނެ ކަމެއް ނޫންކަން ވަރަށް އަވަހަށް އިހުސާސް ކުރެވުނެވެ.
މި ކަންބޮޑުވުންތަކާއެކު އޭނާ ޓިކްޓޮކްގައި ކުރިއަށްގެންދިޔަ ލައިވް އެއްގައި، މަންމަގެ ހުވަފެން ހަގީގަތަކަށް ހަދައިދޭން ބޭނުންވާ މިންވަރު ހާމަކޮށް ރޮމުން ވާހަކަދެއްކިއެވެ. އެ ވަގުތު އޭނާގެ ފޮލޯވަރަކު ދިން ހިޔާލަކަށް، ޓިކްޓޮކް ޝޮޕް މެދުވެރިކޮށް ތަކެތި ވިއްކަން ފެށިއެވެ.
ޑރ. ފާތިމާ އޭނާގެ ވަޒީފާ ނިންމުމަށްފަހު، ކޮންމެ ރެއަކު 8 އިން ފެށިގެން ދަންވަރު 12 ޖަހަންދެން ޓިކްޓޮކްގައި ލައިވްކޮށްގެން ސައިބޯނި ވިއްކުމުގެ މަސައްކަތް ކުރިއެވެ. ކޮންމެ ސައިބޯންޏަކުން އޭނާއަށް ކޮމިޝަނުގެ ގޮތުގައި ލިބެނީ އެންމެ 0.93 ޑޮލަރެވެ. ނަމަވެސް، އެތައްމަހެއްގެ ބުރަ މަސައްކަތުން 6،000 އަށްވުރެ ގިނަ ސައިބޯނި ވިއްކައި، މަންމަ ހައްޖަށް ފޮނުވަން ބޭނުންވާ މުޅި ޖުމްލަ ފައިސާ އޭނާ ވަނީ ހަމަކޮށްފައެވެ.
"މަންމައަށް އަރާމު ދިރިއުޅުމެއް ހޯދައިދިނުމަކީ އަބަދުވެސް އަހަރެންގެ ހިތުގެ އެންމެ ބޮޑު އެދުން. އިޚްލާޞްތެރި ނިޔަތަކާއެކު މަސައްކަތް ކުރުމުން މީހުންގެ އެހީތެރިކަން ލިބޭނެކަން މިއަދު ގަބޫލުކުރެވިއްޖެ،" ޑރ. ފާތިމާ ބުންޏެވެ.
މިދިޔަ އަހަރުގެ މޭ މަހު މި މަސައްކަތް ފެށި ޑރ. ފާތިމާއަށް ބޭނުންވާ ފައިސާ ނޮވެމްބަރު މަހުގެ ނިޔަލަށް ވަނީ ލިބިފައެވެ. އޭނާގެ މަންމަ، އުމުރުން 61 އަހަރުގެ މިމްބުންގް، ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ފުރާފައިވަނީ މި އަހަރުގެ މޭ މަހުގެ 4 ވަނަ ދުވަހުއެވެ.