Ads by Farudhun

ޚަބަރު

"ބޯހިޔާވަހިކަން އެންމެންނަށް" ޕްރޮގްރާމަށް ޝަކުވާ ހުށަހެޅުމުގެ ސުންގަނޑި 20 މޭ އަށް ހަމަވަނީ

"ބޯހިޔާވަހިކަން އެންމެންނަށް" ޕްރޮގްރާމަށް ޝަކުވާ ހުށަހެޅުމުގެ ސުންގަނޑި 20 މޭ އަށް ހަމަވަނީ

ބޯހިޔާވަކިކަން -- ފޮޓޯ :

13 މޭ 2026، 11:51

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް، ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތު ކުރިއަށް އޮތް 20 މޭ 2026 ގެ ނިޔަލަށް ހަމަވާނެ ކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް އެކުލަވާލާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޕޮއިންޓް ލިބިފައިވާ ގޮތާމެދު ނުވަތަ އެނޫންވެސް ކަމަކާ ގުޅޭގޮތުން ހިތްހަމަނުޖެހުމެއް އޮތް ނަމަ، ކަނޑައެޅިފައިވާ ތާރީޚުގެ ކުރިން ޝަކުވާ ހުށަހެޅުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި، 20 މޭ 2026 ގެ ފަހުން ބޯހިޔާވަހިކަން ޕޯޓަލް (http://boahiyaavahikan.housing.gov.mv) މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ބަންދުވާނެއެވެ. މީގެ އިތުރުން، މިނިސްޓްރީގެ ރަސްމީ އީ-މެއިލް އެޑްރެސް ([email protected]) މެދުވެރިކޮށް ޝަކުވާ ބަލައިގަތުންވެސް އެ ތާރީޚަށް ފަހު ހުއްޓާލެވޭނެއެވެ.

މި ފުރުސަތަކީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ދެ ފުށް ފެންނަ، އިންސާފުވެރި ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށް ސަރުކާރުން މަގުފަހިކޮށްދޭ ފުރުސަތެކެވެ. އެހެންކަމުން، އެއްވެސް ކަންބޮޑުވުމެއް އޮތް ފަރާތެއް ވާނަމަ، ދެވިފައިވާ މުއްދަތުގެ ތެރޭގައި ޕޯޓަލް ނުވަތަ އީ-މެއިލް މެދުވެރިކޮށް އެކަން ހިއްސާކުރުމަށް ސަރުކާރުން އެދެއެވެ.

ރައީސް މުޢިއްޒުގެ މި ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް މިހާރުވެސް ދަނީ ބާރުސްޕީޑުގައި ކުރިއަށްދަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450