ޚަބަރު
ޙައްޖުވެރިންނަށް ހަމަޖައްސައިފައިވާ އިންތިޒާމްތައް ޙައްޖު މިޝަން އިން ބައްލަވާލައްވައިފި
ޙައްޖުމިޝަން އިން ޙައްޖުވެރިންނަށް ހަމަޖައްސާފައިވާ އިންތިޒާމް ތައް ބައްލަވައިލެއްވުން. ފޮޓޯ:ޕީއެސްއެމް
ރާއްޖޭގެ ޙައްޖު މިޝަނުން، މައްކާގައި ޙައްޖުވެރިން ތިބޭ ހޮޓަލުގެ އެންމެ ފަހުގެ ތައްޔާރީތައް ބައްލަވާލައްވައިފިއެވެ.
ހޮޓަލުގައި މިހާރު ކުރިއަށްދަނީ ހުކުރު ދުވަހު ޙާޖީން މައްކާއަށް އަންނަންވާއިރަށް ކުރިއަށްގެންދާ އެންމެ ފަހުގެ ތައްޔާރީތަކެވެ. ދިވެހިރާއްޖޭގެ ޙައްޖު މިޝަން ޤާއިމުކޮށްފައިވަނީ ޙައްޖުވެރިން ތިބޭ އަލްބަލަދް އައްޠައްޔިބް އަޖިޔާދް ހޮޓަލުގައެވެ.
ޙައްޖުވެރިންގެ އެންމެހާ އިންތިޒާމްތައް، ސަޢުދީގެ މިންގަނޑުތަކާ އެއްގޮތަށް ކުރިއަށްދާކަން ޙައްޖު މިޝަނުން ގެންދަނީ ކަށަވަރުކުރަމުންނެވެ. އެގޮތުން ޙައްޖު މިޝަންގެ ޓީމުން ވަނީ، ހޮޓަލުގެ ޚިދުމަތްތަކާއި ކޮޓަރިތައް ތައްޔާރުކުރުމުގެ މަސައްކަތް ބައްލަވާލައްވާފައެވެ. ދިވެހި ސަރުކާރުން ޙައްޖަށްގެންދާ އެންމެހާ ފަރާތްތައް 2024ވަނަ އަހަރުން ފެށިގެން ޙައްޖަށް ގެންދަނީ ޙައްޖު ކޯޕަރޭޝަންގެ ދަށުންނެވެ.
ޙާޖީންނަށް ބޭނުންވާ އެންމެހާ އިންތިޒާމްތައް ޙާޖީން ތިބޭ ހޮޓަލުގައި ވަނީ ޤާއިމުކޮށްފައެވެ. އެގޮތުން ތިބުމާއި، ކެއިންބުއިމުގެ އިންތިޒާމްތަކާއި ޞިއްޙީ ފަރުވާދޭ ކްލިނިކްވެސް ވަނީ ޤާއިމުކޮށްފައެވެ. ދީނީ ސެޝަންތައްވެސް ކުރިއަށްގެންދާނީ ޙައްޖުވެރިން ތިބޭ ހޮޓަލުގައެވެ. ދިވެހި ރާއްޖެއަށް ލިބޭ 1000 ކޯޓާގެ ދަށުން، ޙައްޖުވެރިންނަށް ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމްތައް ކުރިއަށްގެންދަނީ ޙައްޖު ކޯޕަރޭޝަނާ ހަވާލުކޮށްގެންނެވެ.
ޙާޖީން ތިބޭ ހޮޓެލަކީ 355 ކޮޓަރީގެ ހޮޓަލެކެވެ. ކޮޓަރިތަކަށް ބަލާއިރު، ކޮންމެ ޙާޖީއަކަށް ވަކިން އެނދު ހުންނާނެއެވެ. މީގެ އިތުރުން ކޮޓަރިން ލިބެން ހުންނާނެ ވަސީލަތްތަކުގެ ތެރޭގައި އަލަމާރި، ފުރިޖު، ޓީވީ، ފެންކައްކާ ޖަގު ހިމެނެއެވެ. އަދި ފާޚާނާތަކުން ހޫނުފެންވެސް ލިބެން ހުންނާނެއެވެ.
ޙައްޖު މިޝަނުން ވިދާޅުވީ، "ޙައްޖުވެރިންނަށް ޚިދުމަތްދޭ ކޮޓަރިތަކުގައި، ޙައްޖުވެރިންނަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ޤާއިމުކޮށް، ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްތައް ދަނީ ވަރަށް ރަނގަޅަށް." ކަމަށެވެ.
ޙައްޖު މިޝަނުން ގެންދަނީ މައްކާގައި ދިވެހިންނަށް ބޭނުންވާ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުމުގެ ތައްޔާރީތަކާއި ކަންކަން ވަރަށް ގާތުން ބައްލަވަމުންނެވެ. އެގޮތުން ޙައްޖުވެރިންގެ ތިބުމާއި، ޞިއްޙީ އިންތިޒާމްތަކާއި މިނާ އަދި އަރަފާތުގެ އެންމެހާ އިންތިޒާމުތަކާއި، ދަތުރުފަތުރާއި މައްކާ ރޫޓުގެ އެންމެހާ އިންތިޒާމްތަކުގެ ތައްޔާރީތައްވެސް ގެންދަވަނީ ބައްލަވަމުންނެވެ. އަދި ޙައްޖުވެރިންނަށް ދީނީ ތަފާތު ޕްރޮގްރާމްތަކެއް ގެނެސްދިނުމަށް، އެކަމުގެ ތައްޔާރީތައްވެސް އަންނަނީ ކުރައްވަމުންނެވެ.