Ads by Farudhun

ޚަބަރު

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރުމުގެ މަސައްކަތް ޕީއެންސީން ފަށައިފި

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރުމުގެ މަސައްކަތް ޕީއެންސީން ފަށައިފި

އަހުމަދު ނާޒިމް -- ފޮޓޯ : ވޮއިސް

13 މޭ 2026، 02:18

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެ މަގާމުން ވަކިކުރުމަށްޓަކައި، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީ ގެ ޕާލަމެންޓްރީ ގުރޫޕުން ރަސްމީކޮށް މަސައްކަތް ފަށައި، އެކަމަށް ބޭނުންވާ ސޮއި ހަމަކޮށްފިއެވެ.

މިއަދު ލިބުނު މައުލޫމާތުތަކަށް ބަލާއިރު، ޕީއެންސީގެ ޕީޖީ ގުރޫޕުން ބޭއްވި ކުއްލި ބައްދަލުވުމެއްގައި ވަނީ ނާޒިމް މަގާމުން ވަކިކުރުމަށް ފާސްކޮށްފައެވެ. މި ނިންމުމާއެކު، އެކަމަށް ބޭނުންވާ ގަރާރުގައި މެންބަރުން ސޮއިކުރުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައެއް ހުށަހެޅޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދުނޫން އަދަދެއްގެ މެންބަރުންގެ ސޮޔާއެކުގައެވެ. އެއީ 93 މެންބަރުންގެ ތެރެއިން މަދުވެގެން 24 މެންބަރުންގެ ސޮޔެވެ. ޕީއެންސީގެ ޕީޖީ ގުރޫޕުން ހާމަކޮށްފައިވާ ގޮތުގައި، މިހާރު ވަނީ އެ އަދަދަށް ސޮއި ހަމަކުރެވިފައެވެ.

ނާޒިމް މަގާމުން ވަކިކުރުމުގެ މި ހަރަކާތް ފެށިގެން އައިއިރު، އޭނާއާއި ސަރުކާރު ހިންގާ ޕީއެންސީގެ އިސްވެރިންނާ ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މީގެ ހެއްކެއްގެ ގޮތުން، މިއަދު ހެނދުނުގެ ވަގުތެއްގައި ޕީއެންސީގެ ޕީޖީ ގުރޫޕުގެ ރަސްމީ ވަޓްސްއެޕް ގުރޫޕުންވެސް ނާޒިމް ވަނީ ބޭރުކޮށްލާފައެވެ. މީގެ އިތުރުން، މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީންވެސް މީގެ ކުރިން އޭނާ ވަނީ ވަކިކޮށްފައެވެ. އެ ދުވަސްވަރު ނާޒިމް ވިދާޅުވެފައިވަނީ ކޮމިޓީތަކުން ވަކިވީ ވަގުތު ނުދެއްވޭތީ އަމިއްލައަށް އެއްބަސްވެގެން ކަމަށެވެ. ނަމަވެސް، މަގާމުން އިސްތިއުފާ ދެއްވުމަށް ޕާޓީގެ ފަރާތުން އޭނާއަށް ނުސީދާކޮށް އަންގާފައިވާ ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމަށް ނާޒިމް އިންތިޚާބު ކުރެވުނީ 28 މޭ 2024 ގައެވެ. އެ ދުވަހު ނެގުނު ސިއްރު ވޯޓުގައި އޭނާ ވަނީ 80 މެންބަރުންގެ ތާއީދު ހޯއްދަވާފައެވެ. ނާޒިމާ ވާދަކުރެއްވި އެމްޑީޕީގެ މެންބަރު އަހުމަދު ދީދީއަށް ލިބިވަޑައިގަތީ އެންމެ 12 ވޯޓެވެ.

ދިގު މުއްދަތެއްގެ ސިޔާސީ ތަޖުރިބާ ހުރި ނާޒިމަކީ މީގެ ކުރިން 17 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ނައިބު ރައީސްކަން ކުރެއްވި ބޭފުޅެކެވެ. ނަމަވެސް، މިހާރު އުފެދިފައިވާ ހިޔާލުތަފާތުވުންތަކާއެކު، މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން 76 މެންބަރުންގެ ތާއީދު އޮތް ޕީއެންސީން މިވަނީ އޭނާ މަގާމުން ދުރުކުރުމުގެ ފަހު މަރުހަލާ ފަށާފައެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ނައިބު ރައީސް މަގާމުން ވަކިކުރުމަށް ބޭނުންވަނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450