ޚަބަރު
މާލެ ސަރަހައްދުން އިތުރު ދެ މީހަކު ހިމަބިއްސަށް ފައްސިވެއްޖެ: މި އަހަރުގެ އަދަދު 5 އަށް!
ހިމަބިއްސަށް ފައްސިވުން -- ފޮޓޯ : އެޓޯލްޓައިމްސް
މާލެ ސަރަހައްދުން ދެ މީހަކު ހިމަބިހި (މީސްލްސް) އަށް ފައްސިވެފައިވާކަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކޮށްފިއެވެ.
އެޗްޕީއޭއިން މައުލޫމާތު ދެއްވި ގޮތުގައި މި ދެ މީހުން ބައްޔަށް ފައްސިވިކަން އެނގިފައިވަނީ މި ހަފްތާގެ ތެރޭގައެވެ. މި ކޭސްތައް ފެނުމާ ގުޅިގެން، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އާންމުކޮށް އަމަލުކުރާ އުސޫލުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ.
އެގޮތުން، ބަލި ޖެހުނު މީހުންނަށް ބަލި އެރި ގޮތް ދެނެގަތުމަށް ކުރާ "ވޭދަ ތަހުގީގު" ކުރުމާއި، އެ މީހުންނާ ގާތުން އެއްތާވި މީހުން (ކްލޯޒް ކޮންޓެކްޓްސް) ދެނެގަތުމުގެ މަސައްކަތް އެޗްޕީއޭއިން ދަނީ ކުރަމުންނެވެ. އަދި ބަލިޖެހުނު މީހުންނާ އެއްތާވި މީހުންގެ ތެރެއިން ވެކްސިން ފުރިހަމަނުކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެ އޭޖެންސީން ވިދާޅުވިއެވެ.
🟡މާލެ ސަރައްޙަދުން މިހަފްތާގައި ހިމަބިހި (މިސަލްސް)ގެ 2 ކޭސްވަނީ ޕޮޒިޓިވް ވެފައި #measles pic.twitter.com/KEiypd0XWJ
— Health Protection Agency (@HPA_MV) May 13, 2026
ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ ޖުމްލަ 5 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ރާއްޖެއިން ބޭރުން ބަލި ޖެހިގެން ރާއްޖެ އައި 2 މީހަކާއި، ރާއްޖެ ތެރެއިން ބަލި ފެނުނު 3 މީހުންނެވެ.
މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައާއި ރާއްޖެއާ އަވަށްޓެރި ގައުމުތަކުގައިވެސް ހިމަބިހި ފެތުރުން އިތުރުވަމުންދާ ދުވަސްވަރެއްކަން އެޗްޕީއޭއިން ފާހަގަކުރެއެވެ. އެހެންކަމުން، ބަލީގެ އަލާމާތްތަކަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް ގަދައަށް ހުން އައުމާއެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފިނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަކީ ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.
ހިމަބިއްސަކީ ވައިގެ ޒަރީއާއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔަކަށް ވީއިރު، މި ބަލިން ރައްކާތެރިވުމަށް އޮތް އެންމެ އިތުބާރު ހުރި ވަސީލަތަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމެވެ.