ޚަބަރު
މާލެ ޓެކްސީ ލައިނުން އަގު ނަގަން ފެށި ފަހުން 13،000 އަށްވުރެ ގިނަ ދަތުރުކޮށްފި
އެމްޓީސީސީގެ ޓެކްސީ ލައިން-- ފޮޓޯ : އެމްޓީސީސީ
ސަރުކާރުން އަލަށް ތައާރަފުކުރި "މާލެ ޓެކްސީ ލައިން" ގެ ހިދުމަތަށް އަގު ނަގަން ފެށި ފަހުން، އެއް މަސްދުވަސް ނުވަނީސް 13،000 އަށްވުރެ ގިނަ ދަތުރު ފުރިހަމަކޮށްފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އޭޕްރީލް މަހުގެ 18 އިން ފެށިގެން މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނިން ވަނީ ޖުމްލަ 13،073 ދަތުރު ކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި 9،550 ކަސްޓަމަރުން މި ހިދުމަތުގެ ބޭނުން ހިފާފައިވާ ކަމަށްވެސް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
ދަތުރުތައް ބެހިފައިވާ ގޮތަށް ބަލާއިރު، އެންމެ ގިނަ ދަތުރު ކޮށްފައިވަނީ މާލެ ސިޓީގެ އެތެރޭގައެވެ. އެއީ 9،395 ދަތުރެވެ. މީގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި 1،966 ދަތުރު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި 1،283 ދަތުރު އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 429 ދަތުރު ކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ މިދިޔަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ހިދުމަތް ފެށުމަށްފަހު، ފުރަތަމަ ދެ ހަފްތާގައި އާންމުންނަށް މި ހިދުމަތް ދީފައިވަނީ މުޅިން ހިލޭއެވެ. ޓެކްސީ ދަތުރުތަކަށް އަގު ނަގަން ފަށާފައިވަނީ އޭޕްރީލް 18 ވަނަ ދުވަހުން ފެށިގެންނެވެ.
މާލެ ޓެކްސީ ލައިނަކީ ރައްޔިތުންނަށް އިތުބާރު ހުރި، ރައްކާތެރި އަދި ފެންވަރު ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މި ހިދުމަތުގައި ބޭނުންކުރަނީ ތިމާވެއްޓާ ރައްޓެހި 150 އިލެކްޓްރިކް ކާރެވެ. މި ހިދުމަތަކީ ހަފްތާގެ 7 ދުވަހު، 24 ގަޑިއިރު މެދުނުކެނޑި އާންމުންނަށް ލިބޭނެ ހިދުމަތެކެވެ.