ރިޕޯޓް

ނޫސްވެރިއަކަސް، ޅެންވެރިއަކަސް ގާނޫނަށްވުރެ މައްޗެއް ނުވެވޭނެ!

ނޫސްވެރިއަކަސް، ޅެންވެރިއަކަސް ގާނޫނަށްވުރެ މައްޗެއް ނުވެވޭނެ!

ފަރުދުން އިމޭޖާސް: ހަދީޖާ ފާޒް

farudhun logo

ފަރުދުން

13 މޭ 2026، 05:00

13 މޭ 2026، 05:00

ޝޯޝަލް މީޑިއާގައި އިއްޔެ އެންމެ ގަދައަށް ދެކެވުނު އެއް ވާހަކައަކީ ދެ ނޫސްވެރިޔަކު ކޯޓުގެ ހުރުމަތް ކެނޑުމުގެ ސަބަބުން ބަންދު ކުރުމަށް ނިންމި ނިންމުމެވެ. 

ބައެއް ފަރާތްތަކުން މިކަން ސިފަ ކުރަނީ މިކަމަކީ ނޫސްވެރިކަމަށް ދިން ހަމަލާއެއްގެ ގޮތުގައެވެ. އަދި ނޫސްވެރިންނަށް ލިޔެވޭނެކަމާއި ސުވާލުކުރެވޭނެކަމާއި އެފަދަ ކަމެއްގެ ސަބަބުން އަދަބެއް ލިބިގެން ނުވާނެކަމަށެވެ. 

ދެން އުފެދޭ ސުވާލަކީ ޝަރީއަތަށް ތަބާވުމާއި ޤާނޫނު ހިންގުމުގައި ވަކި ބަޔަކު އިސްތިސްނާ ވާނެތޯއެވެ. ވަކި ބަޔަކަށް ވީތީ ކޯޓުގެ އަމުރުތަކަށް ތަބާވުމާއި، ޤާނޫނަށް ތަބާވުމުން ހާއްސަ އިމްތިޔާޒެއް ލިބިދާނެތޯއެވެ. 

މިފަދައިން ކަން ހިނގާނަމަ، މުޖުތަމައުއަށް މި ދެވެނީ ވަރަށްވެސް ނުބައި މެސެޖެކެވެ. ޤާނޫނު ހިންގުމުގެ ބާރު އަމިއްލަ އަތަށް ނަގައި، އެމީހަކު ގަބޫލުކުރާގޮތެއްގެ މައްޗަށް އަމަލުކުރުމަކީ އަދުލު އިންސާފާއި މުޖުތަމައުގެ ހަމަޖެހުން ނަގާލައި ވަކި މަގުސަދެއް ހާސިލްކުރުމަށް ހިންގޭ ޕްރޮޕެގެންޑާއެކެވެ. 

ބައެއް ފަރާތްތަކުން ދެކޭގޮތުގައި މައްސަލައިގައި ކޯޓުގެ އަމުރު އޮތީ ނުބައިކޮށެވެ. އަދި އެފަދަ އަމުރެއް ނެރުމުގެ އިޙްތިޞާޞް ކޯޓަށް ލިބިގެން ނުވެއެވެ. ނަމަވެސް، މި މައްސަލައިގައި އެފަދަ ވާހަކަ ދައްކާ ފަރާތްތަކުން ޤާނޫނީ ހަމައިން އެފަދަ އަމުރެއް ގަބޫލު ނުކުރާނަމަ ފުރިހަމަކުރަންޖެހޭ އެއްވެސް އިޖުރާއަތެއް ނުވަތަ ކަމެއް ފުރިހަމަކޮށްފައި ނުވެއެވެ.

އެންމެހައި ފަރުދުންގެ މައްޗަށް އޮތް އަމުރެއް އިސްތިއުނާފު ކުރުމުގެ ހައްގު އެ އަމުރާއި އިދިކީލި ހަމަ ކޮންމެ މީހަކަށްމެ ލިބިގެންވާއިރު އެކަމާއި ދެކޮޅު ހަދައި އަމުރު ގަބޫލު ނުކުރާ ކަމަށް ބުނާ އެއްވެސް މީހަކު މިއަދާއި ހަމައަށްވެސް އެ އަމުރު އިސްތިއުނާފު ކޮށްފައިނުވެއެވެ. 

މީގެންވެސް އެނގެނީ މިފަދަ ވާހަކަދައްކާ މީހުންގެ ނިޔަތް ރަނގަޅުނޫންކަމެވެ. މިފަދަ ވާހަކަތައް ދައްކައި ފަތުރަނީ އެއްވެސް ހައްގަކާއި ނުލާ މީހުންގެ އަބުރުކަތިލުމަށް ދަހިވެތިވެ ފެންބޮވައިގެންފައިވާ މީހުންނެވެ. 

މީހުންގެ މައްޗަށް ނުބައި ތުހުމަތުކޮށް އަދި ޙާއްސަކޮށް ޤަޒުފުގެ ތުހުމަތު ކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަން ކަމުގައިވާނަމަ، އިސްލާމީ ޝަރީއަތުގައި ގަޒުފްގެ ހުކުމް ބާއްވާލެއްވުމުގައި އާންމު އަދި ޝާމިލްވެގެންވާ ހުކުމެއްގެ ގޮތުގައި އެ ހުކުމް ބާއްވާ ނުލެއްވީހެވެ. 

ގަޒުފު ކުރާ މީހާގެ ހުކުމް ނޫރު ސޫރަތުގެ 4 ވަނަ އާޔަތުގައި އެކަލާންގެ ބަޔާންކޮށްދެއްވާފައިވެއެވެ. މިގޮތުން ވަހީކުރައްވާފައިވަނީ "އެ މީހަކު އެކަން ސާބިތުކޮށްދިނުމަށް 4 ހެކިން ހުށަނާޅައިފިނަމަ އެ މީހަކު ގައިގައި 80 އެތިފަހަރުން ހައްދު ޖެހުމަށެވެ. އަދި ދުވަހަކުވެސް އޭނާގެ ހެކިބަސް ބަލައިނުގަތުމެވެ." 

ﷲ ސުބްހާނަހޫ ވަތައާލާގެ ރަހުމަތުން އެމީހަކު ބާކީވެގެންދާ މިންވަރު މި އާޔަތުން ވަރަށް ރަނގަޅަށް ސާފުވެގެންދެއެވެ. އަދި ގަޒުފުކުރުމަކީ އެކަލާންގެ ނުރުއްސަވާ ކަމެއްކަންވެސް އެނގިގެންދެއެވެ. 

ހަމައެހެންމެ ދޫ ރައްކާތެރިކުރުމުގެ މުހިންމުކަމާއި ކޮންމެ ކޮންމެ ވާހަކައަކީ މުޖުތަމައުތެރޭގައި އެހާ ފަސޭހައިން ދެއްކޭނެ ވާހަކައެއް ނޫންކަމާއި މީހުންގެ އަބުރުގެ ހުރުމަތަކީ ރައްކާތެރި ކުރެވިފައިވާ ކަމެއްކަން އެނގިގެންދެއެވެ. 

މިހެންކަމުން ނޫސްވެރިއަކަސް، ޅެން ވެރިޔަކަށް ނުވަތަ އާންމު ރައްޔިތަކަށްވެސް އެފަދަ ނުބައި ވާހަކަ ދެއްކުމަކީ ކުރެވިގެންވާނެ ކަމެއް ނޫންކަން އެނގިގެންދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450