ޚަބަރު
ފަސިންޖަރުން ހިތްހަމަޖެއްސުމަށް އެމްއޭސީއެލްއިން ދަނީ އިތުރު ޕްލޭންތައް ހަދަމުން: ޝަރީފް
އެމްއޭސީއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު. ފޮޓޯ: އެމްއޭސީއެލް
ކާގޯގެ ޚިދުމަތް ފުޅާކުރުމަށާއި ފަސިންޖަރުންގެ ހިތްހަމަޖެހުމާއި ފަސޭހަކަމަށް ބޭނުންވާ އިތުރު އުމްރާނީ މަސައްކަތްތައް ހިންގުމަށް އެމްއޭސީއެލް އިން އިތުރު ޕްލޭންތައް ހަދަމުން އަންނަކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މައި ދޮރާށީގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމުގެ މައިގަނޑު ހިއްސާދާރެއްގެ ގޮތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ދައުރު ވަރުގަދަކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ހޮޓެލް ޖެންގައި ބޭއްވި "އޭވިއޭޝަން ފޯރަމް 2026 - ކަނެކްޓިންގ މޯލްޑިވްސް"ގެ ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން، "ދަ ނިއު ޖާނީ އިން 3 ޕާޓްސް: ކެޕޭސިޓީ، ރެވެނިއު އެންޑް އެފިޝަންސީ" މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުން، ވީއައިއޭ އިން ފަސިންޖަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި އެމްއޭސީއެލްއިން ހިންގާ ވިޔަފާރީގެ އެކިއެކި ދާއިރާތަކާއި ކާގޯގެ ޚިދުމަތްތައް ހިމެނޭހެން އޮޕަރޭޝަނަލް ދާއިރާތަކުން ބޮޑެތި ކުރިއެރުންތައް ލިބެމުން އަންނަކަން ޝަރީފް ފާހަގަކުރެއްވިއެވެ.
މި ކުރިއެރުންތަކާއެކު ކުރިއަށް އޮތްތަނުގައި އަންނާނެ ޑިމާންޑަށް ބަލައި، ކާގޯގެ ޚިދުމަތް ފުޅާކުރުމަށާއި ފަސިންޖަރުންގެ ހިތްހަމަޖެހުމާއި ފަސޭހަކަމަށް ބޭނުންވާ އިތުރު އުމްރާނީ މަސައްކަތްތައް ހިންގުމަށް އެމްއޭސީއެލްއިން އިތުރު ޕްލޭންތައް ހަދަމުން އަންނަކަންވެސް އޭނާ ހާމަކުރެއްވިއެވެ. މީގެ އިތުރުން، އެއަރޕޯޓްގެ ހިންގުން ހަރުދަނާކުރުމަށާއި ފަސިންޖަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށްޓަކައި ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މަސައްކަތްތަކެއް ކުރަމުން އަންނަކަންވެސް ފާހަގަކުރެއްވިއެވެ.
މި ޑިޖިޓަލް މަސައްކަތްތަކުގެ ތެރޭގައި ސެލްފް ސާވިސް ޗެކް-އިން، ސެލްފް ބެގޭޖް ޑްރޮޕް-އޮފް، އިމިގްރޭޝަން އީ-ގޭޓްސް، ޑިޖިޓަލް ވޭފައިންޑިންގ، ބަޔޯމެޓްރިކް ފެސިލިޓޭޝަން، ސްމާޓް ސެކިއުރިޓީ ސްކްރީނިންގ އަދި މޮބައިލް ބޯޑިން ސޮލިއުޝަންތައް ހިމެނެއެވެ. މީގެ އިތުރުން، އެއަރޕޯޓަށް އާމްދަނީ ލިބޭނެ ތަފާތު އަދި ދެމެހެއްޓެނިވި މޮޑެލްއެއް ބިނާކުރުމުގެ މަޤްޞަދުގައި ލައުންޖްތަކާއި ރީޓެއިލް އަދި އެފްއެންޑްބީ ފަދަ ޚިދުމަތްތައް އިޝްތިހާރުކޮށް، ނޮން-އެއިރޮނޯޓިކަލް އާމްދަނީ އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.
ބައިނަލްއަޤުވާމީ އޭވިއޭޝަން ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ދުނިޔޭގެ ކަންކޮޅުތަކާއި ރާއްޖެ ގުޅާލުމަށްޓަކައި އެކިއެކި އެއަރލައިންތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ ހިއްސާދާރުންނާއި ވިޔަފާރީގެ ބައިވެރިންނާއެކު އޮންނަ ގުޅުން ދެމެހެއްޓުމަކީ މުހިންމު ކަމެއްކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.
އުމްރާނީގޮތުންނާއި، ރޫޓް ޑިވެލޮޕްމަންޓްގެ ދާއިރާއިން ކުރިއަށް ގެންދަން އިސްކަންދޭ މަސައްކަތްތަކާއެކު، ވީއައިއޭ އަކީ ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅޭ، ކުއްލި ޙާލަތްތަކަށް ތައްޔާރުވެފައިވާ ދެމެހެއްޓެނިވި ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދޭ އެއަރޕޯޓެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެމްޑީ ޝަރީފް ވަނީ އަރުވާފައެވެ.