ޚަބަރު
އައްޑޫގެ ސަރަޙައްދީ ފްރީޒޯން އިފްތިތާޙްކޮށްފި
އައްޑޫ ސަރަހައްދީ ފްރީޒޯން އިފްތިތާޙްކުރުން. ފޮޓޯ: އެމްޕީއެލް
އައްޑޫ ސިޓީގައި ޤާއިމުކުރާ ސަރަޙައްދީ ފްރީޒޯން ރަސްމީކޮށް އިފްތިތާޙްކޮށް، އެ ސަރަޙައްދުން ވިޔަފާރިތަކަށް ޖާގަ ހޯދުމަށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުވާލައިފިއެވެ.
އައްޑޫ ހައިސްކޫލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު އަދި ދަޚީލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.
ފްރީޒޯންތަކަކީ ރާއްޖެއަށް މުދާ ގެނައުމަށްފަހު، އެ މުދާ އަނބުރާ ބޭރުކުރުމާ ހަމައަށް ޑިއުޓީ ދައްކަން ނުޖެހޭ ގޮތަށް މުދާ ބެހެއްޓޭނެ ޚާއްޞަ ސަރަހައްދުތަކެކެވެ. މި މަސައްކަތުގެ ދަށުން ހިތަދޫ ސަރަޙައްދީ ބަނދަރުގައި ޑިއުޓީއާ ނުލައި މުދާ ބެހެއްޓޭނެ ޒޯނެއް މިހާރު ވަނީ ކަނޑައަޅާފައެވެ. މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ ތަޞައްވުރުގެ ދަށުން، ރާއްޖޭގެ ދެކުނުގެ އިޤްތިޞާދު ހަރަކާތްތެރިކުރުވުމަށް ފެށި މުހިންމު މަސައްކަތެކެވެ.
ވިޔަފާރިވެރިންގެ ބައިވެރިވުމަށް އެދިލެއްވުން
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލައްމާން ވިދާޅުވީ، މި މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އައްޑޫގެ ވިޔަފާރިވެރިންގެ ޝައުޤުވެރިކަން ނުހަނު ބޭނުންވާ ކަމަށެވެ.
ބޭނުންވަނީ އައްޑޫގެ ވިޔަފާރިވެރިންގެ ޝައުޤާއި ވިސްނުން. މިއީ ބިނާކުރަނިވި ރައްޔިތަކު ދިރިއުޅޭ ޝަހަރެއް. ރައީސްގެ ހިކުމަތަކަށްވީ އައްޑޫސިޓީ ހާލަތު ބަދަލުކޮށްލާނެ ދޮރެއް ހުޅުވައި ދިނުމަށް.
ލައްމާން ވިދާޅުވިއެވެ.
އައްޑޫ ފްރީޒޯން ގާއިމުކުރުމަށް ހިތަދޫ ޕޯޓް ލިމިޓެޑް ސަރަހައްދުން 1.7 ހެކްޓަރުގެ ބިން ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން 20,000 އަކަފޫޓުގެ ސަރަޙައްދެއް އިންވަކިކޮށް، މަސައްކަތް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ. މި ސަރަޙައްދުން ޑިއުޓީ ފްރީ ސްޓޯރޭޖް، ވެހިކަލް ރީފާބިޝްމެންޓް، މެނުފެކްޗަރިންގ، ބޮންޑެޑް ސްޓޯރޭޖް އަދި ރީ-އެކްސްޕޯޓް ކުރުމުގެ ޚިދުމަތްތަކަށް ޖާގަ ދޫކުރުމަށް ވަނީ ނިންމާފައެވެ.
ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު
އެމްޕީއެލްއިން ހާމަކުރި ގޮތުގައި، މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް "އައްޑޫ ރީޖަނަލް ފްރީ ޒޯން" ގައި މަސައްކަތް ކުރުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ޝައުގުވެރިވާ ފަރާތްތަކުން ކުރަން ބޭނުންވާ މަސައްކަތުގެ ތަފްސީލާއި، ބޭނުންވާ ބިމުގެ ބޮޑުމިނާއި ލީސް އެއްބަސްވުމާ ގުޅޭ ތަފްސީލުތައް ހިމެނޭ ޕްރޮޕޯސަލް ހުށަހެޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
މި މަޝްރޫޢަކީ އިޤްތިޞާދީ ވުޒާރާއާއި، ކަސްޓަމްސް އަދި ސަރުކާރުގެ ކަމާބެހޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން މިއަހަރުގެ ކުރީކޮޅުން ފެށިގެން ބާރުސްޕީޑުގައި ކުރިއަށް ގެންދާ މަސައްކަތެކެވެ. މި ފްރީޒޯންގެ ސަބަބުން އައްޑޫ ސިޓީއަކީ ވިޔަފާރީގެ މުހިންމު މަރުކަޒަކަށް ވެގެންދާނެ ކަމަށް ސަރުކާރުން އުއްމީދު ކުރެއެވެ.