Ads by Farudhun

ޚަބަރު

ބޮޑުތަކުރުފާނު މަގުހެދުން: ސެގްމަންޓް 2، 3 އަދި 4ގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށް

ބޮޑުތަކުރުފާނު މަގުހެދުން: ސެގްމަންޓް 2، 3 އަދި 4ގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށް

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 މޭ 2026، 09:44

13 މޭ 2026، 09:44

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށްގެންދާ ސެގްމަންޓް 2، 3 އަދި 4 ގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. މި މަސައްކަތުގެ ތެރެއިން ޝީޓް ޕައިލް ޖެހުމުގެ މަސައްކަތުގެ 63 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މިއީ ޖުމްލަ 330 މީޓަރުގެ ސަރަޙައްދެކެވެ.

މިހާރު ކުރިއަށްދާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ނަރުދަމާ ނިޒާމު އިތުރަށް ފުރިހަމަ ކުރުމާއި، ފެނާއި ނަރުދަމާގެ މައި ހޮޅިތައް އެޅުމާއި، ފެން ހިންދާ ކެޗްޕިޓްތަކާއި ވަޅުތައް ހެދުން ހިމެނެއެވެ. މީގެ އިތުރުން، އެންކަރ ބްލޮކްތަކާއި، ކީވޯލް ޕެނަލްތައް ހަރުކުރުމުގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެމްޓީސީސީން މަޢުލޫމާތު ދެއެވެ.

އެމްޓީސީސީން ވިދާޅުވި ގޮތުގައި، "ކީވޯލް ކެޕިންގ ކޮންކްރީޓް އެޅުމުގެ މަސައްކަތް އަންނަ ހަފުތާގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ." މިއީ މަގުގެ ދުވާރު ހެދުމުގެ މަސައްކަތަށް މަގުފަހިވެގެންދާނެ މުހިންމު މަރުހަލާއެކެވެ. ހަމައެއާއެކު، މަގު ޒީނަތްތެރި ކުރުމުގެ ގޮތުން ސެގްމަންޓް 5ގައި ގަސް އިންދުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރަނީ އެ މަގުގެ ފަރުމާއަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންނެވެ. އައު ފަރުމާގެ ދަށުން މަގުން ގާތްގަނޑަކަށް 6 މީޓަރު ބޭރަށް ޖައްސާ މަގު ފުޅާކުރާނެއެވެ. މި ބަދަލާއެކު ތާރުއަޅައިގެން މަގު ތަރައްޤީ ކުރުމުން، ޓްރެފިކް ތޮއްޖެހުން ކުޑަވެ، މަގު ބޭނުންކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލު އަންނާނީ ތިންވަނަ ސެގްމަންޓަށެވެ. އެ ސަރަޙައްދުގައި ބަނދަރުގެ ތެރެއިން ބައެއް ހިއްކައިގެން 500 ސައިކަލު ޕާކު ކުރެވޭނެ ބޮޑު ޕާކިންގ ޒޯނެއް ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ. މިކަމަށްޓަކައި 98 މީޓަރު ދިގު، 28 މީޓަރު ފުޅާ ސަރަހައްދެއް މިހާރު ވަނީ ހިއްކާ ނިންމާފައެވެ.

މިހާތަނަށް މަސައްކަތް ނިމިފައިވާ އިއްޒުއްދީނު ފާލަމުން ފެށިގެން ނޯތު ހަބަރާ ހަމައަށް އޮންނަ ސަރަޙައްދުން މިހާރުވެސް މި މަޝްރޫޢުގެ ފައިދާ ފެންނަން އޮތްއިރު، މީގެ ސަބަބުން ބަނދަރު ސަރަޙައްދުގެ ތޮއްޖެހުމަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450