ޚަބަރު
ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެެއް ކުރިއަށްދަނީ. ފޮޓޯ: މަޖިލިސް
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. މި ބިލަކީ ރާއްޖޭގައި ގުނަވަން ބަދަލުކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، އެ ހިދުމަތަކީ ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭ ހިދުމަތަކަށް ހެދުމަށް އެކުލަވާލާފައިވާ ގާނޫނީ އޮނިގަނޑެކެވެ.
ބިލުގެ މައިގަނޑު މަގުސަދުތައް
މި ބިލުގެ ބޭނުމަކީ ރާއްޖޭގައި ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ހިދުމަތް ދޭ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައް ބަޔާންކުރުމެވެ. މި ބިލުން ހުއްދަ ދެނީ ހަމައެކަނި ލައިވް-ޑޯނާ އޯގަން ޓްރާންސްޕްލާންޓް ކުރުމަށެވެ. ގުނަވަން ހަދިޔާކުރާ ފަރާތުގެ ޝަރުތުތަކުގެ ތެރޭގައި ދިވެއްސަކަށްވުމާއި، އުމުރުން 18 އަހަރު ފުރިފައިވުމުގެ އިތުރުން، އަމިއްލަ އިހުތިޔާރުގައި އެކަމަށް ރުހުން ދިނުން ހިމެނެއެވެ. ނަމަވެސް، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ހުކުމެއްގައި ތިބޭ ފަރާތްތަކަށް ގުނަވަން ހަދިޔާ ނުކުރެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
އާ ކައުންސިލަކާއި ކޮމިޓީއެއް އުފެއްދުން
މި ގާނޫނުގެ ދަށުން 9 މެންބަރުންގެ މައްޗަށް އެކުލެވޭ "ގުނަވަން ޓްރާންސްޕްލާންޓް ކައުންސިލް" އެއް އުފައްދާނެއެވެ. މި ކައުންސިލްގެ މަސްއޫލިއްޔަތަކީ ހިދުމަތް ދިނުމުގެ ހުއްދަ ދޫކުރުމާއި، ގަވާއިދުތަކަށް އިރުޝާދުދީ، މަރުކަޒުތަކުގެ ޝަރުތުތައް ފުރިހަމަވޭތޯ ބެލުމެވެ. މީގެ އިތުރުން، ޓްރާންސްޕްލާންޓް ކުރުމުގެ ހުއްދަ ދިނުމަށްޓަކައި 5 މެންބަރުންގެ "ގުނަވަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ" އެއްވެސް އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ.
ހުއްދަ ދިނުމުގެ އިޖުރާއަތްތައް
ޓްރާންސްޕްލާންޓް ކުރުމުގެ ހުއްދަ ދިނުމުގައި ހަރުދަނާ އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ބަލީގެ ހާއްސަ ޑޮކްޓަރު އެކަން ކަނޑައެޅުމުން، ހޮސްޕިޓަލުގެ ކްލިނިކަލް އަދި އެތިކްސް ކޮމިޓީން ކަންކަން ބަލަންޖެހެއެވެ. އޮތޮރައިޒޭޝަން ކޮމިޓީން ހުއްދަ ދޭނީ ހަދިޔާކުރާ ފަރާތުން ރުހުން ދިނީ އެއްވެސް މަޖުބޫރުކަމެއް ނެތިކަން ކަށަވަރުކުރުމަށްފަހުގައެވެ.
ކުށާއި އަދަބު
މި ބިލުގައި ގުނަވަން ވިއްކުމާއި ގަތުން ވަނީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި މީހެއްގެ ރުހުމާ ނުލައި ގުނަވަން ނެގުމާއި، ލައިސަންސް ނެތި މި ހިދުމަތް ދިނުމަކީ މަނާ ކަންކަމެވެ. މިފަދަ ކަންކަމަށް ގާނޫނީ ގޮތުން ދެވޭނެ އަދަބުތަކާއި އިދާރީ ފިޔަވަޅުތައް ވެސް ބިލުގައި ވަނީ ތަފްސީލުކޮށް ބަޔާންކޮށްފައެވެ.