ރިޕޯޓް
އެވަރގްރީންއާއެކު ރާއްޖޭގެ އިޤުތިޞާދީ އޮއިވަރު ދުނިޔޭގެ ހަތަރު ބިތަށް "ގަދަކޮށް" ފަތުރާލެވޭނެ
މޯލްޑިވެސް ސްޓޭޓް ޝިޕިންގެ -- ފޮޓޯ އެމްއެސްއެސް
ޤައުމެއްގެ އިޤުތިޞާދު ކުރިއެރުވޭނީ އެ ޤައުމެއްގެ ވިޔަފާރިތައް ކުރިއަރައި ގޮސްގެންނެވެ. އެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވަނީ ފަހި ފުރުސަތުތަކެކެވެ. އެ ފުރުސަތުތައް ތަނަވަސް ވާނީ ދުނިޔޭގެ ބޮޑެތި މާކެޓުތަކާއި އަދި ބަނދަރުތަކާ ގުޅުވާލައި، އިންޕޯޓު ކުރުމަށާއި އެކްސްޕޯޓު ކުރުމަށް އިތުރު ދޮރުތައް ހުޅުވިގެން ދިއުމުންނެވެ.
ދުނިޔެއަށް އަންނަ ބަދަލުތަކާ އެއްވަރަށް މީހުންގެ ބޭނުންތައް ބަދަލުވަމުން ދިއުމީ، ގިނަ މާކެޓުތަކަށް ރާއްޖެ ހުޅުވާލައި، އެކި ބޭނުންތައް ފުއްދުމަށް ޒަމާންވީ އާލާތްތައް ހޯދުމަށާއި، އެ ތަކެތިން އައު ކަންކަން ތަޖުރިބާކުރުމަށް ލިބިގެންދާ ފުރުސަތެއް ވެސް މެއެވެ. މިހެންވުމުން ވިޔަފާރިތައް ކުރިއަރައި، އާންމުންގެ ފުދުންތެރިކަން ޖުމްލަ ގޮތެއްގައި އިތުރުވެގެން ގޮސް، މުޅި ޤައުމުގެ އިޤުތިޞާދަށް އޭގެ ރަނގަޅު އަސަރުތައް ކުރާނެއެވެ.
އެގޮތުން ސަރުކާރުގެ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އާއި އެވަގްރީން މެރިން ކޯޕަރޭޝަން (އީއެމްސީ) ގުޅިގެން މަސައްކަތްކުރަން ނިންމި ނިންމުމަކީ ޝިޕިން އަދި ލޮޖިސްޓިކްސް ދާއިރާއިން ރާއްޖޭގެ ވިޔަފާރިތަކާއި ދުނިޔޭގެ އިތުރު ބާޒާރުތަކޢި ދެމެދު އެޅިގެންދިޔަ ވަރުގަދަ ބުރިޖެކެވެ.
އެމްއެސްއެސްއިން ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުންޏާއި އީއެމްސީއާ ދެމެދު ވަނީ ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން އެމްއެސްއެސް މަސައްކަތް ކުރާނީ އީއެމްސީގެ ރާއްޖޭގެ އެޖެންޓެއްގެ ގޮތުގައެވެ. މި އެއްބަސްވުން ވެގެންދާނީ ލޮޖިސްޓިކްސް އަދި ޝިޕިން ދާއިރާއިން އެމްއެސްއެސްގެ ދައުރު ބޮޑުތަނުން އިތުރުވެގެންދާނެ އެއްބަސްވުމަކަށެވެ. އެގޮތުން މި އެއްބަސްވުމާއެކު އީއެމްސީއިން އިންޕޯޓު ކުރުމާއި އެކްސްޕޯޓު ކުރުމުގައި ދިވެހިރާއްޖޭގެ ވިޔަފާރިތައް ދުނިޔޭގެ ހަތަރު ބިތާއި ގުޅުވާލަދޭނެއެވެ.
އީއެމްސީއަކީ ގާތްގަނޑަކަށް ދުނިޔޭގެ 80 ޤައުމުގެ 240އަށް ވުރެ ގިނަ ވިޔަފާރި ބަނދަރާއި ދިވެހިރާއްޖެއާ ގުޅުވާލަދޭނެއެވެ. މީގެ ތެރޭގައި މިހާރު ވެސް ރާއްޖޭގެ އިޤުތިޞާދީ ހަރަކާތްތައް ހިންގާ ބަނދަރުތައް ހިމެނުނަސް، މުޅިން އައު ބަނދަރުތަކަށް ވެސް ރާއްޖޭގެ އިޤުތިޞާދު ފުޅާވެގެންދާނެއެވެ. އެ ކުންފުނިން އޭޝިއާ، މެދުއިރުމަތި، ޔޫރަޕް، އެމެރިކާ އަދި އެޔަށް ވުރެ ދުރަށް ވެސް ދިވެހި ވިޔަފާރިތައް ގުޅުވާލަދޭނެއެވެ.
އީއެމްސީއަކީ ދުނިޔޭގެ ނިސްބަތުން ކިހާވަރެއްގެ ޝިޕިން ކުންފުންޏެއް؟
އީއެމްސީއަކީ ދުނިޔޭގެ ނިސްބަތުން ވަރަށް ބޮޑު ކުންފުންޏެކެވެ. އެގޮތުން އެ ކުންފުނީގެ ޝިޕިން ފްލީޓްގައި 200އަށް ވުރެ ގިނަ ބޯޓު ހިމެނެއެވެ. އަދި މި ބޯޓުތައް މެދުވެރިކޮށް އެ ކުންފުނިން އަންނަނީ ދުނިޔޭގެ 5 ބައްރުގައި އިޤުތިޞާދީ އޮއިވަރު ފަތުރާލަމުންނެވެ.
ބޯޓުތަކުގެ އަދަދާއި، ކޮންޓެއިނަރު އުފުލޭ މިންވަރާއި، އީއެމްސީގައި އީޖާދީ ވިސްނުންގެންގުޅެ، އެ މަގުން ޚިދުމަތްތައް ފުޅާކޮށްފައިވާއިރު މިއީ މި ދާއިރާއިން ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ކުންފުންޏޭ ވެސް ބުނެވޭނެއެވެ. އީއެމްސީގެ ފްލީޓްގައި ހިމެނޭ އެންމެ ބޮޑު ބޯޓުތަކުގެ ދިގުމިނުގައި 399.98 މީޓަރު ހުރެއެވެ. މިއީ ގާތްގަނޑަކަށް 4 ފުޓުބޯޅަ ދަނޑުގެ ދިގުމިނެވެ. މި ސައިޒުގެ ދެ ބޯޓު އެ ކުންފުނީގައި އޮންނައިރު، މީގެ ތެރެއިން އެންމެ ފަހުން އެ ކުންފުންޏަށް ގެނައި ބޯޓުގައި 20 ފޫޓުގެ 23،992 ކޮންޓެއިނަރު އެއްފަހަރާ އުފުލެއެވެ.
އީއެމްސީގެ ދިގު ތާރީޙުގައި އެ ކުންފުނިން ވަނީ ދުނިޔޭގެ އިޤުތިޞާދަށް ހީނަރުކަން އައި ދުވަސްވަރުތަކުގައި އިޤުތިޞާދު ހުއްޓުނަ ނުދިނުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. އެ ކުންފުންފުނީގެ ފްލީޓު 1980ގެ ކުރީކޮޅު ބޮޑުކޮށް އެންމެ އިރުމަތީގެ ޤައުމުތަކަށާއި އެމެރިކާއާ ހިސާބަށް ދަތުރުތައް ފެށުމާއެކު، އެ ކުންފުންޏަކީ ޗައިނާގެ ޓައިވާންގައި މިހާ ފުޅާ ދާއިރާއެއްގައި ޝިޕިން ފެށި ފުރަތަމަ ކުންފުނި ވެސް މެއެވެ. އަދި 1985ވަނަ އަހަރަށް ދިޔައިރު އެ ކުންފުންޏަކީ ދުނިޔޭގައި އޮތް ކޮންޓެއިނަރު އުފުލާ އެންމެ ބޮޑު ކުންފުންޏެވެ.
މި ދާއިރާގައި މި ކުންފުނި ކުރިއަރާފައިވާ މިންވަރު ހާމަކޮށްދޭ އަނެއް ކަމަކީ، މެރިޓައިމް މުވައްޒަފުން ތަމްރީނުކުރުމަށް ޚާއްޞަ ޓްރެއިނިން ސެންޓަރެއް ވެސް އެ ކުންފުނީގައި ހުރުމެވެ. 1999 އަހަރު ޤާއިމްކުރި މި ކުންފުންޏަކީ ބައިނަލްއަޤުވާމީ އެޖެންސީތަކުގެ އިތުރުން، މި ދާއިރާއިން ކުރިއަރާފައިވާ ޤައުމުތަކުން ބަލައިގަންނަ ޓްރެއިނިން ފެސިލިޓީއެކެވެ.