ދުނިޔެ

ނަތަންޔާހޫ ސިއްރު ދަތުރެއް ކުރި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ނަތަންޔާހޫ ސިއްރު ދަތުރެއް ކުރި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

އިސްރާއިލްގެ ބޮޑުވަޒީރު ނަތަންޔާހޫ. ފޮޓޯ: ގެޓީ އިމޭޖްސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 މޭ 2026، 04:41

14 މޭ 2026، 04:41

އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ތެރޭގައި، އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އަށް "ސިއްރު ދަތުރެއް" ކުރި ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެ ގައުމުން ދޮގުކޮށްފިއެވެ.

ޔޫއޭއީގެ ރަސްމީ ނިއުސް އެޖެންސީ (ވަމް) މެދުވެރިކޮށް ބުދަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއިލާއެކު އޮންނަ ގުޅުމަކީ އާންމުކޮށް އެނގެން އޮތް "އަބްރަހަމް އެކޯޑްސް" ގެ ދަށުން ގާއިމުކޮށްފައިވާ ފާޅުކަން ބޮޑު ގުޅުމެއް ކަމަށެވެ. އަދި މި ގުޅުމަކީ އެއްވެސް ސިއްރު ރޭވުންތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ނޫން ކަމަށްވެސް އެ ގައުމުން ބުނެފައިވެއެވެ. "އެހެންކަމުން، ޔޫއޭއީގެ ރަސްމީ އިދާރާއަކުން ކަށަވަރުކޮށްދީފައި ނުވާ އެއްވެސް ސިއްރު ދަތުރުފުޅެއްގެ ވާހަކައަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް،" އެ ބަޔާނުގައިވެއެވެ.

ޔޫއޭއީން މިފަދަ ބަޔާނެއް ނެރެފައި މިވަނީ، އީރާނަށް ބޮން އެޅުމުގެ ކެމްޕޭން ކުރިއަށް ދިޔަ ދުވަސްވަރު ނަތަންޔާހޫ ޔޫއޭއީގެ ރައީސް ޝެއިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންއާ ބައްދަލުކުރި ކަމަށް ނަތަންޔާހޫގެ އޮފީހުން ސޯޝަލް މީޑިއާގައި ދައުރުކުރި ބަޔާނަކާ ގުޅިގެންނެވެ. ނަތަންޔާހޫގެ އޮފީހުން މި ބައްދަލުވުމަކީ ދެ ގައުމުގެ ގުޅުމުގައި ލިބުނު "ތާރީޚީ ކުރިއެރުމެއް" ގެ ގޮތުގައި ސިފަކޮށްފައިވެއެވެ.

މި ދަނޑިވަޅަކީ ސަލާމަތީ ކަންކަމުގައި، ހާއްސަކޮށް އީރާނާ ގުޅުންހުރި ކަންކަމުގައި އިސްރާއިލާއި ޔޫއޭއީގެ އެއްބާރުލުން އިތުރުވަމުންދާ ދުވަސްވަރެކެވެ. އެމެރިކާއިން އިސްރާއިލަށް ކަނޑައަޅާފައި ހުންނަ ސަފީރު މައިކް ހަކަބީ ވިދާޅުވި ގޮތުގައި، އީރާނުގެ ހަމަލާތަކުން ދިފާއުވުމަށް އެހީތެރިވުމުގެ ގޮތުން އިސްރާއިލްގެ އައިރަން ޑޯމް އެއާ ޑިފެންސް ސިސްޓަމްތަކާއި މުވައްޒަފުން މިހާރު ވަނީ ޔޫއޭއީގައި ގާއިމުކޮށްފައެވެ.

އިސްރާއިލާއި ޔޫއޭއީގެ ގުޅުން ރަސްމީކޮށް އިއުލާނުކުރީ 2020 ވަނަ އަހަރު ސޮއިކުރި އަބްރަހަމް އެކޯޑްސްއަށް ފަހުގައެވެ. ނަމަވެސް، ފަލަސްތީނުގެ ލީޑަރުން މި އެއްބަސްވުން ސިފަކުރައްވާފައިވަނީ ފަލަސްތީނުގެ ބުރަކަށީގައި ޖެހި ވަޅިއެއްގެ ގޮތުގައެވެ. މި އެއްބަސްވުމަށްފަހުވެސް އިސްރާއިލުން ދަނީ ޣައްޒާގައި ގަތުލުއާންމު ހިންގަމުންނެވެ.  ނަތަންޔާހޫއަކީ ޣައްޒާގައި ހިންގާފައިވާ ހަނގުރާމައިގެ ކުށްތަކާ ގުޅިގެން ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން (އައިސީސީ) ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވާ ފަރާތެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450