Ads by Farudhun

ޚަބަރު

ގެއްލުނު ޑައިވަރުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ، ބާކީ ތިބި މީހުން ހޯދުމުގެ މަސައްކަތް ވަރުގަދަކޮށްފި

ގެއްލުނު ޑައިވަރުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ، ބާކީ ތިބި މީހުން ހޯދުމުގެ މަސައްކަތް ވަރުގަދަކޮށްފި

ފުލުހުންގެ މައި އިދާރާ. ފޮޓޯ: މިހާރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 މޭ 2026، 07:36

14 މޭ 2026، 07:36

ވ. އަތޮޅުގައި ސަފާރީއަކުން ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ފަސް ފަތުރުވެރިންގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުންނާއި އެމް.އެން.ޑީ.އެފް އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މަރުވެފައި އޮއްވާ ފެނުނު މީހާއާއި އަދިވެސް ނުފެނި ތިބި ހަތަރު މީހުންނަކީ އިޓަލީވިލާތަށް ނިސްބަތްވާ ފަތުރުވެރިންނެވެ.

މި ހާދިސާގެ ރިޕޯޓް އެމް.އެން.ޑީ.އެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމް.އާރު.ސީ.ސީ) އަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 13:45 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު އެމް.އެން.ޑީ.އެފް ކޯސްޓްގާޑާއި، ވ. އަތޮޅު ޕޮލިސް ސްޓޭޝަނާއި، އަލިމަތާ ރިސޯޓްގެ އިތުރުން އެ ސަރަހައްދުގައި އޮތް ސަފާރީތައް ގުޅިގެން ވަނީ ކަނޑާއި ވައިގެ މަގުން ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ.

ގެއްލުނު މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނިފައިވަނީ ހޯދުމުގެ މަސައްކަތުގައި ބައިވެރިވި ސަފާރީއެއްގެ ޑައިވަރުންނަށް މިއަދު އިރުއޮއްވި 18:13 ހާއިރުއެވެ. އެމީހާގެ ހަށިގަނޑު ފެނިފައިވަނީ މޫދު އަޑީގެ ގާތްގަނޑަކަށް 60 މީޓަރު (196 ފޫޓު) އަޑިން، ހޮހޮޅައެއްގެ ތެރެއިންނެވެ. މަރުވެފައިވާ މީހާގެ ހަށިގަނޑު މިހާރު ވަނީ ވ. ފުލިދޫ ހެލްތު ސެންޓަރަށް ގެންގޮސްފައެވެ.

އެމް.އެން.ޑީ.އެފް އިން މަޢުލޫމާތު ދޭ ގޮތުގައި، ބާކީ ތިބި ހަތަރު ފަތުރުވެރިން ވެސް ވީކަމަށް ބެލެވެނީ ގާތްގަނޑަކަށް 200 ފޫޓު ދިގު މި ހޮހޮޅައިގެ ތެރޭގައެވެ. މި ސަރަހައްދަކީ ޑައިވް ކުރުމަށް ނުރައްކާތެރި އަދި "ހައި ރިސްކް" ސަރަހައްދަކަށް ވުމުން، އެމް.އެން.ޑީ.އެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި، މިފަދަ ހާދިސާތަކުގައި ބޭނުންކުރާ ޚާއްޞަ ސާމާނު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. ނަމަވެސް މިހާތަނަށް މަރުވި މީހާގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ ބާކީ ތިބި މީހުން ހޯދުމުގެ މަސައްކަތް މެދުކަނޑުމެއް ނެތި ކުރިއަށްދާ ކަމަށާއި، އިތުރު މަޢުލޫމާތު ލިބެމުންދާ ވަރަކަށް އާންމުކުރަމުންދާނެ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450