ޚަބަރު
ކަނޑުން ވިއްކާލި ބައި ހޯދަން ތިން ރައީސުން އެއް މޭޒަކަށް ވަޑައިގަންނަވަން އަބްދުއްރަހީމް ގޮވާލައްވައިފި
އަބުދުއްރަހީމް އަބުދުﷲ -- ފޮޓޯ : ޕީއެސްއެމް
ޕީއެންސީން މިރޭ ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ، ރާއްޖޭގެ ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދުމަށް ކުރީގެ ތިން ރައީސުން އެއް މޭޒެއްގެ ދޮށަށް ވަޑައިގަތުމަށް ގޮވާލައްވާފައެވެ.
އަބްދުއްރަހީމް ވިދާޅުވީ ގައުމީ ބޮޑެތި މައްސަލަތަކުގައި އިދިކޮޅު ފަރާތްތަކުން އެކުވެގެން މަސައްކަތް ކުރުމަކީ މަރުހަބާ ކިޔާނެ ކަމެއް ކަމަށެވެ. ވަކިން ހާއްސަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް އުނިވި މައްސަލައިގައި ކުރީގެ ރައީސުން ކަމަށްވާ ރައީސް ޔާމީން އަބްދުލްގައްޔޫމާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައީސް މުހައްމަދު ނަޝީދު އެކުގައި މަޝްވަރާ ކުރެއްވުމަށް އޭނާ ގޮވާލެއްވިއެވެ.
"އަޅުގަނޑުމެން މަރުހަބާ ކިޔަމޭ ގައުމީ މައްސަލަތަކުގައި، ތިން ބޭފުޅުން އެކުގައި ނުކުމެ ވަޑައިގަންނަވާށޭ. ކަނޑު ހިއްކާލި މައްސަލައިގައި ޔާމީނާއި އިބްރާހިމް މުހައްމަދު ސޯލިހު އާއި އަންނިއާ އެކީގައި އެއް މޭޒެއްގެ ދޮށުގައި އިށީންނާށޭ، އެ ވިއްކާލި ބައި އަލުން ހޯދަން މަޝްވަރާކުރަން." އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިންސާނުންނަށް ކުރިމަތިވާނެ އެންމެ ނުރައްކާތެރި ބައްޔަކީ ހަނދާން ނެތުމުގެ ބައްޔެވެ. އަދި ޕީއެންސީއަކީ ރާއްޖޭގައި މަލްޓިޕާޓީ ޑިމޮކްރަސީގެ ދަށުން ވެރިކަން ކުރާ ފުރަތަމަ ޕާޓީ ނޫން ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒަކީވެސް މި ނިޒާމުގައި ވެރިކަން ކުރައްވާ ފުރަތަމަ ރައީސް ނޫންކަން އޭނާ ހަނދާންކޮށްދެއްވިއެވެ.
މީގެކުރިން ރާއްޖޭގައި ވެރިކަން ކުރެއްވި ތިން ރައީސުން އެއްބައިވެވަޑައިގެން މި ސަރުކާރާ ދެކޮޅަށް ނުކުންނަން އުޅޭކަމުގެ ވާހަކަތަކަށް އިޝާރާތް ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، ސިޔާސީ ބޭނުމަކަށްވުރެ ބޮޑަށް ގައުމީ މަސްލަހަތު ހިމެނޭ މިފަދަ ކަންކަމުގައި އެ ބޭފުޅުން އެކުގައި މަޝްވަރާ ކުރެއްވުމަކީ ގައުމަށް އެންމެ ފައިދާހުރި ގޮތް ކަމަށެވެ.