Ads by Farudhun

ޚަބަރު

ދޮގު ޑޮކިއުމަންޓްރީތަކުގެ ސަބަބުން ދުނިޔެ އާއި އާހިރަތުގެ މޮޅު އޮތީ އަޅުގަނޑަށް: ރައީސް

ދޮގު ޑޮކިއުމަންޓްރީތަކުގެ ސަބަބުން ދުނިޔެ އާއި އާހިރަތުގެ މޮޅު އޮތީ އަޅުގަނޑަށް: ރައީސް

ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު -- ފޮޓޯ: ޕީއެސްއެމް

14 މޭ 2026، 11:22

އަބުރު ކަތިލުމަށްޓަކައި ދޮގު މައުލޫމާތު ހިމަނައިގެން ޑޮކިއުމަންޓްރީތައް އުފެއްދުމަކީ އޭގެ ސަބަބުން ދުނިޔެ އާއި އާހިރަތުގައި ވެސް އެމަނިކުފާނަށް ފައިދާ ކުރާނެ ކަމެއް ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިދިކޮޅު ފަރާތްތަކަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ޕީއެންސީ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނާ ބެހޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފަތުރައި އަގުވައްޓާލަން ބަޔަކު މަސައްކަތް ކުރާތީ އެކަމާ އުފާކުރައްވާ ކަމަށެވެ. އަދި އެފަދަ ކަންކަމަށް ކެތްތެރިވާ މީހާއަށް އިސްލާމްދީނުގައި އޮތް މަތިވެރި ސަވާބާއި ދަރުމައަށް އިޝާރާތް ކުރައްވައި، އެކަމަށްޓަކައި މާތް ﷲ އަށް ހަމްދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

"އެހެންވެ، އަޅުގަނޑު އުފާކުރަން ٱلْحَمْدُ لِلَّٰهِ. އަޅުގަނޑު އެދެނީ ގިނަ ގިނައިން ޑޮކިއުމެންޓްރީ ހަދައިގެން ނެރެން. އަޅުގަނޑާ ބެހޭ ގޮތުން ތެދު ބަހުން ޑޮކިއުމެންޓްރީއެއް އަޅުގަނޑުގެ އަބުރު ކަތިލާކަށް ނުނެރެވޭނެ ޔަގީނުން ވެސް. ހުސް ދޮގު ހަދަން ޖެހޭނީ. ހުސް ދޮގު ހަދައިގެން ގިނައިން ނެރެންވީ. އަޅުގަނޑަށް އޭގައި އޮތީ ހުސް ފައިދާ. މި ދުނިޔޭގައި ވެސް އަދި އާހިރަތުގައި ވެސް އަޅުގަނޑަށް ފައިދާ އޮތީ. ތިޔަބޭފުޅުން އަޅުގަނޑަށް އެހާ ގިނަ ސަވާބު ދެއްވަން ބޭނުން ނަމަ، ގިނަ ގިނައިން ޑޮކިއުމެންޓްރީ ހައްދަވާ. އަޅުގަނޑަށް އަޅުގަނޑަށް އޭގެން ހުރިހާ މޮޅެއް އޮތީ،" ރައީސް ވިދާޅުވިއެވެ.

މި މައްސަލައަކީ "އަދަދު" ނޫހުގެ ވެރިންނާއި، އެޑިތަރުންނާއި، ނޫސްވެރިން އިސްވެ ތިބެ ތައްޔާރުކުރި ޑޮކިއުމަންޓްރީގައި، ރައީސަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާތީ ފެންމަތިވި މައްސަލައެކެވެ. އެ ޑޮކިއުމަންޓްރީގައިވާ ވާހަކަތައް ރައީސް ދޮގުކުރައްވާފައިވާއިރު، އޭގައިވާ އެއްވެސް ވާހަކައެއް އާންމުކުރުން މަނާކޮށް، ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އާދިއްތަ ދުވަހު "ގޭގް އަމުރެއް" ވެސް ނެރެފައެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ފަސްޓްލޭޑީ ސާޖިދާ މުހައްމަދާ ގުޅުވައިގެން ދެކެވޭ ވާހަކަތަކަށް ވެސް ރައްދު ދެއްވާފައެވެ. ސާޖިދާ އިނގިރޭސިވިލާތަށް ވަޑައިގަތީ ދަރިކަލުންނާ ބައްދަލުކުރެއްވުމަށް މީގެ ދޮޅު މަހެއްހާ ދުވަސް ކުރިން ރޭވިފައިވާ ދަތުރެއްގައި ކަމަށާއި، ނަމަވެސް އިދިކޮޅު ފަރާތްތަކުން އެކަން ސިޔާސީ ކަމަކަށް ހަދައިގެން ދެމަފިރިކަނބަލުން ދުރުވެއްޖެ ކަމަށް ދައްކަން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރީގެ ރައީސުން ކަމަށްވާ ނަޝީދާއި، ސޯލިހް އަދި ޔާމީނަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، އިދިކޮޅުގައި ތިއްބެވީ އެކަކު އަނެކަކަށް ހިޔާނާތްތެރިވެފައިވާ "ފެއިލް" ވެފައިވާ ބޭފުޅުން ކަމަށެވެ. އަދި ގައުމަށް ބޭނުންވަނީ ޒިންމާދާރު އިދިކޮޅު ފަރާތްތަކެއް ކަމަށާއި، "ބަތް ކައްކާ ކުޅޭ" ފަދަ ދެއުޅިއެއް ނުވާ ސިޔާސީ ހަރަކާތްތަކުން ގައުމަށް ވާނެ ފައިދާއެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450