ޚަބަރު
ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓް ޖިއްދާއަށް ފުރައިފި
ޙައްޖަށް ދިޔަ ދިވެހީންތަކެއް/ފޮޓޯ: މެންދުރު ޓީވީ
މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއިން ފުރާ ޙައްޖާޖީންގެ ފުރަތަމަ ގްރޫޕް ދަތުރުކުރާ ފްލައިޓް ސަޢުދީ ޢަރަބިއްޔާ (ޖިއްދާ) އަށް ފުރައިފިއެވެ.
ރާއްޖެއިން ޙައްޖަށްދާ މީހުންގެ ފުރަތަމަ ފްލައިޓުގައި މިއަދު ސަޢުދީއަށް ފުރާފައިވަނީ 235 ޙާޖީންނެވެ. މިއަދު ފުރި ބޭފުޅުން ފުރާފައިވަނީ ސަޢުދިއާ އެއާލައިންގެ ފްލައިޓެއްގައެވެ.
ދިވެހިރާއްޖޭގެ ޙައްޖު މިޝަން އިން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓް، ދިވެހިރާއްޖޭގެ ގަޑިން 15:34 ގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާފައިވާ ކަމަށެވެ. ހަމަ އެހެންމެ، މި ފްލައިޓް ޖިއްސާ އެއަރޕޯޓަށް ދިވެހިރާއްޖޭގެ ގަޑިން 20:34 ގައި ޖައްސާނެކަމަށް ލަފާކުރެވޭކަމަށް ދިވެހިރާއްޖޭގެ ޙައްޖު މިޝަންއިން ވިދާޅުވިއެވެ. އެއީ މައްކާ ގަޑީން 18:25 ގައެވެ.
ދިވެހި ޙައްޖުވެރިން މައްކާއަށް ދިއުމުގެ ކުރިން މައްކާގައި ފުރިހަމަ ކުރަންޖެހޭ އެންމެހާ އިންތިޒާމުތަކެއް ވެސް ޙައްޖު ކޯޕަރޭޝަނުން މިހާރު ވަނީ ފުރިހަމަކޮށްފައެވެ. އޭގެ ތެރޭގައި ދިވެހި ޙައްޖުވެރިން ތިބޭ ހޮޓަލުގެ އިންތިޒާމުތަކާއި، އެތެރޭގެ ދަތުރުފަތުރާއި އަދި މިނާއާއި ޢަރަފާތުގައި ފުރިހަމަ ކުރަންޖެހޭ އެންމެހާ އިންތިޒާމުތަކެއް ވެސް މުޠައްވިފާއި ގުޅިގެން ފުރިހަމަކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓް ފުރައިފި! pic.twitter.com/kUrzkVsBwd
— Maldives hajj mission بعثة ا لحج ا المالديفية (@hajjmission_mv) May 15, 2026
ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕް މިއަދު ފުރާފާއިވާއިރު، ބާކީ ތިބި ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17، 18 އަދި 19 ވަނަ ދުވަހުއެވެ. އެގޮތުން 17 ވަނަ ދުވަހު މޯލްޑިވިއަންގެ ފްލައިޓުގައި 252 މީހުން، 18 ވަނަ ދުވަހު ސަޢުދިއާ އެއާލައިންގައި 250 މީހުން، އަދި 19 ވަނަ ދުވަހު މޯލްޑިވިއަންގެ ފްލައިޓުގައި 252 މީހުން ފުރާނެއެވެ.
ޙައްޖުވެރިން ސައުދީއަށް ގެންދިއުމަށް ޖުމްލަ 4 ފްލައިޓެއް ބޭނުންކުރުމަށް ނިންމާފައިވާއިރު، އެއީ ސަޢުދިއާ އެއާލައިންގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓެވެ.