Ads by Farudhun

ޚަބަރު

ޙައްޖުވެރިންނަށް ޚިދުމަތް ދިނުމަށް މައްކާގައި ޚާއްޞަ ކްލިނިކްއެއް ޤާއިމްކޮށްފި

ޙައްޖުވެރިންނަށް ޚިދުމަތް ދިނުމަށް މައްކާގައި ޚާއްޞަ ކްލިނިކްއެއް ޤާއިމްކޮށްފި

މައްކާގައި ޤާއިމްކުރި ކްލިނިކް/ފޮޓޯ: ޙައްޖު ކޯޕަރޭޝަން

15 މޭ 2026، 06:04

ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދާ ހުރިހާ ޙައްޖުވެރިންނަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް މައްކާ ހޮޓަލުގައި ޚާއްޞަ ކްލިނިކެއް ޤާއިމްކޮށްފިއެވެ.

ޙައްޖުވެރިން ފުރުމުގެ ކުރިންނާއި، ޙައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ ދިއުމާއި ހަމައަށްއަށް ވެސް ހުރިހާ ޙައްޖުވެރިންގެ ޞިއްޙީ ރައްކާތެރިކަމަށް ޙައްޖު ކޯޕަރޭޝަނުން ޚާއްޞަ ސަމާލުކަން ދޭނެއެވެ.

މިކަމަށްޓަކައި މައްކާގައި ހުންނަ ހައްޖު ކޯޕަރޭޝަންގެ ހޮޓަލުގައި ކްލިނިކެއް ޤާއިމްކޮށްފައިވާއިރު، މި ކްލިނިކް ޤާއިމްކޮށްފައިވަނީ ސަޢުދީ ސަރުކާރުން ކަނޑައަޅާފައިވާ މިންގަޑަށްކަމަށް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ. އެގޮތުން، ސަޢުދީގެ ކޮންމެވެސް އެއް ހޮސްޕިޓަލަކާ ގުޅިގެން މަސައްކަތްކުރުމަށް ލާޒިމްކޮށްފައިވާއިރު، ޙައްޖު ކޯޕަރޭޝަނުން ވަނީ ސަޢުދީ ނޭޝަނަލް ހޮސްޕިޓަލާއެކު އެއްބަސްވުމެއް އެކުލަވާލާ އެކުގައި މަސައްކަތްކުރަން ފަށާފައެވެ.

މިގޮތުން، ޙައްޖުވެރިއަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ ޙާލަތުގައި ސަޢުދީ ނޭޝަނަލް ހޮސްޕިޓަލުގެ އެހީތެރިކަން ލިބޭނެކަމަށް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ. މި ކްލިނިކްގައި ބަލިމީހުން ބެލުމަށް ޚާއްޞަ 2 ކޮޓަރިއާއި، ބޭސް ފިހާރައަކާއި، ބަލިމީހުން ވަގުތީގޮތުން އެޑްމިޓްކުރަންޖެހިއްޖެނަމަ އެކަން ކުރެވޭނެ ކޮޓަރިއަކާއި، ބޭސް އެޅުމާއި ކުދިކުދި ފަރުވާއަށް ޚާއްޞަ ކޮޓަރިއަކާއި، އައިސޮލޭޝަން ފެސިލިޓީއެއްގެ އިތުރުން ޞިއްޙީ ތަކެތި ނައްތާލުމަށް ޚާއްޞަ ވޭސްޓު ރޫމެއްވެސް ވަނީ ޤާއިމްކޮށްފައެވެ. 

މީގެ އިތުރުން، ހޮސްޕިޓަލަށް ޙައްޖުވެރިއަކު ގެންދަން ޖެހިދާނެ ޙާލަތަކަށް ތައްޔާރުވެ އޮތުމުގެ ގޮތުން 24 ގަޑިއިރު ޙައްޖު ކޯޕަރޭޝަންގެ ހޮޓަލުގައި އެމްބިއުލާންސް އޮންނާނެ ކަމަށާއި، ޑޮކްޓަރުންގެ ޚިދުމަތްވެސް ޙައްޖުވެރިންނަށް 24 ގަޑިއިރު ލިބޭނެކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ.

ޙައްޖު ކޯޕަރޭޝަންގެ މެޑިކަލް ޓީމުގައި ޖުމްލަ 4 ޑޮކްޓަރުންނާއި 5 ނަރުހުން ހިމެނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450