Ads by Farudhun

ޚަބަރު

ޙައްޖުވެރިންނަށް ބޭނުންވާނެ ހުރިހާ އިންތިޒާމުތަކެއް މިހާރު ވަނީ ފުރިހަމަކުރެވިފައި: ދިވެހި ޙައްޖު މިޝަން

ޙައްޖުވެރިންނަށް ބޭނުންވާނެ ހުރިހާ އިންތިޒާމުތަކެއް މިހާރު ވަނީ ފުރިހަމަކުރެވިފައި: ދިވެހި ޙައްޖު މިޝަން

ޙައްޖުވެރިން ފުރުން/ފޮޓޯ: ވުޒާރާ

15 މޭ 2026، 06:47

ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު މިރޭ މައްކާއަށް ދިއުމަށް ހަމަޖެހިފައިވާއިރު، ޙައްޖުވެރިންނަށް މައްކާގައި އެންމެހާ އިންތިޒާމުތަކެއް ފުރިހަމަ ކުރެވިފައިވާކަމަށް ދިވެހި ޙައްޖު މިޝަނުން ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މައްކާގައި ޤާއިމްކޮށްފައިވާ ޙައްޖުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިޔާ އައްޝައިޚް އިމްޠިޠާޢު ޢައްބާސް ވިދާޅުވީ، ދިވެހި ޙައްޖުވެރިން ތިއްބަވާ ހޮޓަލުގެ އިންތިޒާމުތަކާއި މަޝާޢިރުތަކުގައި ފުރިހަމަ ކުރަން ޖެހޭ އިންތިޒާމުތައް ވެސް މިހާރު އެއްކޮށް ފުރިހަމަކޮށް ނިމިފައިވާ ކަމަށެވެ.

ޝައިޚް އިމްޠިޠާޢު އިތުރަށް ވިދާޅުވީ، ޙައްޖުވެރިން ތިއްބަވާ ކޮޓަރިތަކުގެ ހުރިހާކަމެއް ތައްޔާރުކުރެވިފައިވާ ކަމަށާއި، ޙައްޖުވެރިންނަށް ޞިއްޙީ ޚިދުމަތް ދިނުމަށްޓަކައި ޤާއިމްކުރާ ކްލިނިކްވެސް މިހާރު ހޮޓަލުގައި ޤާއިމުކުރެވި ޚިދުމަތަށް ތައްޔާރުވެފައިވާ ކަމަށެވެ. ހަމަ އެހެންމެ، ޙައްޖުވެރިންގެ ކެއުމުގެ އިންތިޒާމުތަކަށް ރެސްޓޯރެންޓާއި، ކެއްކުމުގެ އިންތިޒާމުވެސް މިހާރު ތައްޔާރުކުރެވިފައިވާކަން ޝައިޚް އިމްޠިޠާޢު ފާހަގަކުރެއްވިއެވެ.

އަދި މިހުރިހާ ތައްޔާރީތަކެއް ވެސް ވަރަށް ގާތުން ޙައްޖު މިޝަނުން ބަލަމުން ދިޔަކަމަށާއި، ޙައްޖުވެރިން ޙައްޖުގެ އެންމެހާ މަނާސިކުތަކެއް ވެސް ފުރިހަމައަށް އަދާކުރުމަށް ޙައްޖު މިޝަނުން ހުރިހާކަމެއް ވެސް ގާތުން ބަލަމުންދާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ޝައިޚް އިމްޠިޠާޢު ވިދާޅުވިއެވެ.

ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު މިއަދު ހަވީރު ރާއްޖެއިން ފުރާފައިވާއިރު، މިރޭގެ ވަގުތެެއްގައި ޙައްޖުވެރިންނަށް މައްކާގެ ހޮޓަލާއި ހަމައަށް ދެވޭނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450