ޚަބަރު
ވ. އަތޮޅުގެ ޑައިވިންގ ހާދިސާ: ބޯޓުގައި މަޑުކުރި ދަރިވަރު ސަލާމަތްވީ ނަސީބަކުން
މަރުވި ފަތުރު ކުރި ސަފާރީ -- ފޮޓޯ : ޑެއިލީ މެއިލް
ވ. އަތޮޅުގައި ހިނގި ނުރައްކާތެރި ޑައިވިންގ ހާދިސާގައި މަރުވި ފަސް މީހުންނާއެކު ދަތުރުކުރި އިޓަލީގެ ދަރިވަރު ސަލާމަތްވީ، އިއްތިފާގުން އެ ވަގުތު މޫދަށް ނުފައިބާ ބޯޓުގައި މަޑުކުރުމުންނެވެ.
އިޓަލީގެ 'ލާ ރިޕަބްލިކާ' ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖެނޯއާ ޔުނިވަރސިޓީގައި ކިޔަވަމުންދާ މި ދަރިވަރު ބޯޓުގައި މަޑުކުރީ އޭނާގެ އެކުވެރިންނާއި ޕްރޮފެސަރުން ކަނޑުގެ ހޮހަޅަތައް ބަލަން ފޭބި ވަގުތުއެވެ. އޭނާ މޫދަށް ނުފައިބަން ނިންމި ސީދާ ސަބަބު އަދި ސާފެއް ނުވެއެވެ. ނަމަވެސް، އެ ނިންމުމުގެ ސަބަބުން އޭނާ ވަނީ މި ނުރައްކާތެރި ހާދިސާއިން ސަލާމަތްވެފައެވެ.
މި ހާދިސާގައި މަރުވި ފަސް މީހުންނަކީވެސް އިޓަލީއަށް ނިސްބަތްވާ މީހުންނެވެ. އޭގެ ތެރޭގައި އެ ދަރިވަރު ކިޔަވާ ޔުނިވަރސިޓީގެ މަޝްހޫރު ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ ދަރިފުޅުވެސް ހިމެނެއެވެ. ޑައިވިނަށް ފޭބި މީހުން އަނބުރާ މައްޗަށް ނޭރުމުން، ބޯޓުގައި ތިބި އެހެން މީހުންނާއެކު މި ދަރިވަރުވެސް ވަނީ އެ ހިތާމަވެރި ހާދިސާ ތަޖުރިބާކޮށްފައެވެ.
ސަލާމަތްވި ދަރިވަރު މިހާރު ދަނީ އެނބުރި އިޓަލީއަށް ދިއުމަށް ދަތުރުކުރަމުންނެވެ. އޭނާއަށް ބޭނުންވާ ކޮންސިއުލަރ އެހީތެރިކަން ސްރީލަންކާގައި ހުންނަ އިޓަލީ އެމްބަސީން ދަނީ ފޯރުކޮށްދެމުންނެވެ.
ވ. އަތޮޅު އަލިމަތާ ކައިރީގައި ހިނގި މި ހާދިސާގައި މަރުވި 4 މީހުންގެ ހަށިގަނޑުތައް ފެނިފައިވަނީ ކަނޑުގެ 200 ފޫޓު އަޑީގައި އޮތް ހޮހަޅައެއްގެ ތެރެއިންނެވެ. އަނެއް މީހާގެ ހަށިގަނޑު ފެނިފައިވަނީ 60 ފޫޓު އަޑިންނެވެ. ފުލުހުންނާއި ސިފައިން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުގީގު ކުރަމުންނެވެ.