ޚަބަރު
ކުރީގެ ތިން ރައީސުންނަކީ އިޚުލާޞްތެރިކަމެއް ނެތް ބައެއް، ދެއްކޭނީ ކޮން މިނިވަންކަމެއް؟ - ފަލާޙު
އިބރާހިމް ފަލާހު -- ފޮޓޯ : އެމްއެމްޓީވީ
ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުޙައްމަދު ނަޝީދާއި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިތުރުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ އެއްވެސް އިޚުލާޞްތެރިކަމެއް ނެތް ބައެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާޙު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މި ތިން ރައީސުން ގުޅިގެން ރޭ ބޭއްވި ބައްދަލުކުރެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާޙު ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތް ކުރެއްވުމުގެ ނަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުންވެސް ފެނިގެންދިޔައީ، އެ ބޭފުޅުން އެދޭ ގޮތަށް ނޫސްވެރިން ސުވާލުކުރަން ޖެހުނު މަންޒަރު ކަމަށެވެ. އަދި އެ ނޫން ގޮތަކަށް ސުވާލުކުރުމުން އެކަން ހުއްޓުވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީންގެ ވެރިކަމަށް އިޝާރާތް ކުރައްވައި ފަލާޙު ވިދާޅުވީ، ނޫސްވެރިޔާ ރިލްވާނާއި ޔާމީން ރަޝީދު މަރާލި ވާހަކަ ދެއްކުމުން އެއީ ގޯހަކަށްވި ކަމަށާއި، ރައީސް ޞާލިޙުގެ ސަރުކާރުން އެ މަރުތަކުގެ ތަޙުޤީޤު ނުކުރި ވާހަކަ ބުނުމުންވެސް ގޯސްވި ކަމަށެވެ. އަދި އަބްދުﷲ ގާޒީ ހައްޔަރުކުރި ވާހަކަ ދެއްކުމަކީވެސް އެ ބޭފުޅުންނަށް ގަބޫލުކުރެވުނު ކަމެއް ނޫން ކަމަށް ވިދާޅުވެ، މި ބޭފުޅުންނަށް ރައްޔިތުންނަށް ހޯދައިދެވޭނީ ކޮން މިނިވަންކަމެއްތޯ އޭނާ ސުވާލު އުފެއްދެވިއެވެ.
މި ތިން ބޭފުޅުން ސޮއިކުރެއްވި އިއްތިހާދުގެ ލިޔުމުގައި ޝަރުޢީ ދާއިރާއާއި މަޖިލީހުގެ މިނިވަންކަމާއި، އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމާއި ކޮރަޕްޝަން ނައްތާލުމުގެ ވާހަކަ އޮތުމުން އެއީ ހިނި އަންނަ ކަމެއްގެ ގޮތުގައި ފަލާޙު ސިފަކުރެއްވިއެވެ. މިގޮތުން ކޮންމެ ރައީސެއްގެ ދައުރުގައި ހިނގާފައިވާ ކަންކަން އޭނާ ވަނީ ހަނދާންކޮށްދެއްވާފައެވެ.
ރައީސް ނަޝީދުގެ ދައުރުގައި ފަނޑިޔާރަކު "ވަގަށް ނަގައިގެން" ޖަލަށްލުމާއި، ކޯޓުތަކުގައި ތަޅުއެޅުވުމާއި، އެމްއެންބީސީ އާއި ސާކް ސަމިޓުގެ ވައްކަން ހިމެނޭކަން ފަލާޙު ފާހަގަކުރެއްވިއެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ކޯޓުތަކުގެ ޓިނު ނަގައި ފަނޑިޔާރުންނަށް ބިރުދެއްކުމާއި، 12 މެންބަރުން ވަކިކޮށް މަޖިލިސް ހިސޯރުކުރުމުގެ އިތުރުން، ނޫސްވެރިންގެ އަނގަމަތީ ޓޭޕް އެޅިކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޞާލިޙުގެ ސަރުކާރަށް ފާޑުވިދާޅުވަމުން ފަލާޙު ވިދާޅުވީ، ޤައުމު 60 ބިލިއަން ރުފިޔާގެ ދަރަނި ދަންތުރައެއްގައި ޖެއްސުމާއި، ކޮވިޑް-19 ގެ ތެރޭގައި "ނޭވާ ހޮޅިން" ވައްކަން ކުރުމާއި، ރާއްޖޭގެ ދެކުނު ކަނޑުން ބައެއް ފައިސާއަށް "ވިއްކާލި" ކަމުގެ ތުހުމަތު ކުރެއްވިއެވެ. އަދި ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް 2 ބިލިއަން ރުފިޔާ ދޫކޮށް ބޮޑެތި ވައްކަންތައް ހިންގާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފަލާޙު ވިދާޅުވީ މިއީ މި ތިން ބޭފުޅުންނަށް ބާރު ލިބުމުން ކަންކަން ކުރެއްވި ގޮތުގެ ކުޑަ މިންވަރެއް ކަމަށާއި، މި ބޭފުޅުންނަކީ ޤައުމަށް ހެޔޮއެދޭނެ ބައެއް ނޫން ކަމަށެވެ. އަދި މިހާރު ދައްކަމުންދާ ވާހަކަތަކުގެ ފަހަތުގައި އޮތީ ހުސް އަމިއްލަ އެދުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.