ޚަބަރު
ކުރީގެ ތިން ރައީސުންގެ ބައްދަލުވުމުގައި ދެއްކެވީ އަމިއްލަ އެދުމުގެ ވާހަކަ: ޝުޖާއު
އިބްރާހިމް ޝުޖާއު -- ފޮޓޯ : ވޮއިސް
ކުރީގެ ތިން ރައީސުން ރޭ ބޭއްވި ބައްދަލުވުމަކީ އެއްވެސް ތާކުންތާކުނުޖެހޭ، ހަމައެކަނި އަމިއްލަ އެދުމާއި ވެރިކަމުގެ ދަހިވެތިކަމުގައި ބޭއްވި ބައްދަލުވުމެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޝުޖާއު މިފަދައިން ވިދާޅުވީ، ކުރީގެ ތިން ރައީސުން އެކުވެގެން ރޭ ބޭއްވި ޚާއްޞަ ބައްދަލުވުމަކާ ގުޅިގެން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ. ޝުޖާއު ވިދާޅުވީ، އެ ބައްދަލުވުމުގައި ތިން ރައީސުން ކުރެ އެއްވެސް ބޭފުޅަކު ރައްޔިތުންނަށް ފައިދާހުރި ނުވަތަ މާނަހުރި އެއްވެސް ވާހަކަފުޅެއް ދައްކަވާފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި މުޅިންވެސް ފެނިގެންދިޔައީ އަމިއްލަ އެދުން އިސްކުރައްވައި، އަލުން ވެރިކަމަށް ވަޑައިގަތުމަށް ބޭނުންފުޅުވާ މިންވަރު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނޫސްވެރިންގެ މިނިވަންކަމުގެ ހައްގުގައި ކުރާ މަސައްކަތެއް ކަމަށް ބުނެ ބޭއްވި މި ބައްދަލުވުމުގެ ތެރެއިން ނޫސްވެރިންނަށް ސުވާލުކުރުމަށް ފުރުޞަތު ހުޅުވާލުމުން، ބައެއް ނޫސްވެރިން ކުރި ސުވާލުތަކާ ގުޅިގެން ބައެއް ރައީސުން ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އެގޮތުން، ބައެއް ނޫސްވެރިން ކުރި ސުވާލުތައް ކަމުނުގޮސްގެން، ނޫސްވެރިޔާ ވާހަކަ ދައްކަމުން ދަނިކޮށް ހުއްޓުވައި، ވަގުތުން ރައްދު ދީފައިވެއެވެ.
މީގެ އިތުރުން، ނޫސްވެރިންގެ މިނިވަންކަމުގެ ވާހަކަދެއްކެވި ނަމަވެސް، އަމަލީ ގޮތުން ފެނިގެންދިޔައީ އޭގެ އިދިކޮޅު މަންޒަރވެ. ބައެއް ސުވާލުތަކާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް، ނޫސްވެރިންގެ އަތުން މައިކް އަތުލާފައިވެއެވެ.
މި ބައްދަލުވުމަކީ ސިޔާސީ ގޮތުން އަމިއްލަ މަންފާ ހޯދުމަށް ބޭއްވި އިވެންޓެއްގެ ގޮތުގައި ސިފަކުރައްވަމުން، ޝުޖާއު ވަނީ އެ ބޭފުޅުންގެ އިޚްލާޞްތެރިކަމާ މެދު ސުވާލު އުފައްދަވާފައެވެ. މި ހަރަކާތަކީ ނޫސްވެރިންގެ ހައްގުތައް ހޯދަ ދިނުމުގެ ނަމުގައި ބޭއްވި ހަރަކާތެއް ނަމަވެސް، އޭގެ އަސްލު މަގުސަދަކީ ވެރިކަމުގެ ބޭނުންކަން، ހާމަވެފައިވާ ކަމަށް އޭނާގެ ވާހަކަފުޅުގައި ބަޔާންކުރެއްވިއެވެ.