ޚަބަރު
ދިވެހި ސަރުކާރުން ޔަހޫދީން މަސްޖިދުލް އަޤްޞާއަށް ވަނުން ކުށްވެރިކުރައްވައިފި
ޔަހޫދީން ތަކެއް މަސްޖިދުލް އަޤްސާއަށް ވަންނަނީ. ފޮޓޯ:އޭއޭ
ޔަހޫދީން އަލްއަޤްޞާ މިސްކިތުގެ ހަރަމްފުޅަށް ވަދެގަތުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަމާ ގުޅިގެން ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ވަނީ ރަސްމީ ބަޔާނެއް ނެރެފައެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ނަމާދުކުރަންދާ މީހުންނަށް ހުރަސްއެޅުމާއެކު ހިންގާ މިފަދަ އަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ފާޅުގައި ޚިލާފު އަމަލުތަކެއް ކަމަށެވެ. އަދި މިއީ އަލްއަޤްޞާ މިސްކިތުގެ މުޤައްދަސްކަމާއި، ޤާނޫނީ ހައިސިއްޔަތާއި، އެ މިސްކިތާ ގުޅިފައިވާ ތާރީޚީ އަދި ދީނީ މުހިންމުކަން ނައްތާލުމަށް ގަސްތުގައި ހިންގާ އުދުވާނީ އަމަލުތަކެއްކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
އިންސާނީ ޙައްޤުތަކާ ޚިލާފަށް އިސްރާއީލުން މެދުނުކެނޑި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި، އިސްލާމީ އުންމަތުގެ އެންމެ މުޤައްދަސް އެއް ބިނާގެ "ސްޓޭޓަސް ކޯ" ނުވަތަ އޮންނަންޖެހޭ އަސްލު ހާލަތު އޮޅުވާލުމަށް ކުރާ މަސައްކަތްތަކަށް އެ ޤައުމު ޒިންމާދާރުކުރުވުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ. މިކަމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން ވަނީ ބާރުއަޅާފައެވެ.
މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހިރާއްޖެއިން ކުރާ ތާއީދާއި ދޭ އެހީތެރިކަން ސާބިތުކަންމަތީ ދެމިއޮންނާނެކަމުގެ ޔަޤީންކަން ޚާރިޖީ ވުޒާރާރިން ވަނީ އަލުން ކަށަވަރުކޮށްދީފައެވެ. އަދި އިސްލާމީ މުޤައްދަސް ބިނާތައް ހިމާޔަތްކުރުމަށާއި ފަލަސްތީނުގެ ރައްޔިތުންގެ އުޞޫލީ ޙައްޤުތައް ކަށަވަރުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރުމުގެ މުހިންމުކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.