Ads by Farudhun

ޚަބަރު

ނޫސްވެރިންގެ ބައްދަލުވުމެއްގައި "އެކި އެމްވީ" ގެ ނޫސްވެރިޔާއަށް ހުރަސްއަޅައި މަލާމާތްކޮށްފި

ނޫސްވެރިންގެ ބައްދަލުވުމެއްގައި "އެކި އެމްވީ" ގެ ނޫސްވެރިޔާއަށް ހުރަސްއަޅައި މަލާމާތްކޮށްފި

ތިން ރައީސުއް ބައްދަލު ކުރެއްވުން -- ފޮޓޯ : އެމްޑީޕީ

16 މޭ 2026، 12:32

ނޫސްވެރިންގެ ހައްގުތަކާ ގުޅޭގޮތުން ތިން ރައީސުން ރޭ ބޭއްވި ބައްދަލުވުމެއްގައި، "އެކި އެމްވީ" ގެ ސީނިއާ ޖާނަލިސްޓް ޖިނާން ހުސެއިން ޖަބީން އަށް ސުވާލުކުރުމުގެ ފުރުސަތު ހަނިކޮށް، އޭނާއަށް މަލާމާތްކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި ހާދިސާއާ ގުޅޭގޮތުން "ފަރުދުން" އަށް މައުލޫމާތު ދެމުން ޖިނާން ބުނީ، އޭނާ ކުރި ފުރަތަމަ ސުވާލު ނިމި ދެވަނަ ސުވާލު ކުރުމަށް ތައްޔާރުވަމުން ދަނިކޮށް، އެމްޑީޕީގެ އިސްކޮށް މަސައްކަތްކުރާ މީހަކު އޭނާގެ އަތުން މައިކް އަތުލާފައިވާ ކަމަށެވެ. އަދި ދެވަނަ ސުވާލެއް ކުރުމުގެ ފުރުސަތު ނެތް ކަމަށް އެ ފަރާތުން ބުނި ކަމަށް ޖިނާން ކިޔައިދިނެވެ.

ޖިނާން އިތުރަށް ފާހަގަކުރި ގޮތުގައި، އޭނާ ސުވާލު ކުރަމުން ދިޔަ ވަގުތު އެތަނުގައި ތިބި ބައެއް ފަރާތްތަކުން އޭނާއަށް ހީ މަލާމާތްކޮށްފައިވެއެވެ. އޭގެ ތެރޭގައި "އަދަދު" ނޫހުގެ އެޑިޓަރ އިން ޗީފް ހުސެއިން ފިޔާޒްވެސް އޭނާއަށް ހީ މަލާމާތްކޮށް، ގަނާ ކޮށްފައިވާ ކަމަށް ޖިނާން ތުހުމަތު ކުރިއެވެ.

ނޫސްވެރިންގެ ހައްގުގައި ކަމަށް ބުނެ ބޭއްވި މި ބައްދަލުވުމުގައި "ދައުރު" ނޫހުގެ ނޫސްވެރިޔާ ސުވާލު ކުރަން އުޅުމުންވެސް ވަނީ ހުރަސްއަޅާފައެވެ. އެގޮތުން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވަނީ އެ ނޫސްވެރިޔާ ހުއްޓުވައި ރައްދު ދެއްވާފައެވެ.

ޖިނާން ފަދަ ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ނިކުމެގެން އުޅޭ ޒުވާން ނޫސްވެރިންނަށް މިފަދަ ގޮތްގޮތަށް ހުރަސްއެޅުމަކީ ނޫސްވެރިކަން މަރާލުން ފަދަ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ. މިއީ ނޫސްވެރިންގެ ކުރިއެރުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށްވެސް ޖިނާން ބުންޏެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ނައިބު ރައީސްކަން ކުރައްވާފައި ހުރި ޑރ މުހައްމަދު ޖަމީލުވެސް މަލާމާތް ކުރި ކަމަށާއި، "އަދަދު" ނޫހުގެ އެޑިޓަރު ހަސަންވެސް މަލާމާތްކުރި ކަމަށްވެސް ޖިނާން ބުނެޏެވެ.

މި ހާދިސާއާ ގުޅިގެން ނޫސްވެރިންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ. ޚާއްސަކޮށް ނޫސްވެރިންގެ މިނިވަންކަމާ ގުޅޭގޮތުން ވާހަކަދެއްކުމަށް ބޭއްވި ފޯރަމެއްގައި، ނޫސްވެރިންގެ އަޑު ކަނޑުވާލަން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450