Ads by Farudhun

ޚަބަރު

ހުރުމުޒް ކަނޑުއޮޅިއާ ގުޅޭގޮތުން ހުށަހެޅި ގަރާރުގެ ކޯ-ސްޕޮންސަރ އަކަށް ރާއްޖެ

ހުރުމުޒް ކަނޑުއޮޅިއާ ގުޅޭގޮތުން ހުށަހެޅި ގަރާރުގެ ކޯ-ސްޕޮންސަރ އަކަށް ރާއްޖެ

ހުރްމުޒް ކަނޑުއޮޅިްނ ދަތުރުކުރި ދެ އުޅަނދެއް. ފޮޓޯ:ރޮއިޓާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 މޭ 2026، 01:25

16 މޭ 2026، 01:25

ހުރުމުޒް ކަނޑުއޮޅިއާ ގުޅޭގޮތުން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު ދިވެހިރާއްޖެއިން ކޯ-ސްޕޮންސާ ކޮށްފިއެވެ.

މި ގަރާރަކީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ބައިނަލްއަގުވާމީ ވިޔަފާރި ދެމެހެއްޓުމަށް ބާރުއެޅުމުގެ ގޮތުން ހުށަހެޅި ގަރާރެކެވެ.

މި ގަރާރު އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވަނީ ބަހުރައިން، ކުވައިތު، ގަތަރު، ސައޫދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، އަދި އުރުދުނުންނެވެ. މި ގަރާރުގެ މައިގަނޑު މަގުސަދަކީ ހުރުމުޒް ކަނޑުއޮޅީގައި މިނިވަންކަމާއެކު އުޅަނދުފަހަރު ދަތުރުފަތުރުކުރުމުގެ ހައްގުތަކާއި، ބައިނަލްއަގުވާމީ މުދާ އުފުލާ ނިޒާމުތައް ހިމާޔަތްކުރުމެވެ.

ދިވެހި ހާރިޖިއްޔާއިން ބުނި ގޮތުގައި، މި ގަރާރު ކޯ-ސްޕޮންސާ ކުރަން ނިންމި ނިންމުމުގެ ސަބަބުން "ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ" ހިމެނޭހެން ކަނޑުގެ ގާނޫނުތަކާ ގުޅޭގޮތުން ރާއްޖެއިން ގަބޫލުކުރާ އުސޫލުތަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. އަދި އާޗިޕެލަޖިކް ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ލިބިގެންވާ ހާއްސަ ހައްގުތަކާއި އިހްތިސާސްތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން ހާރިޖިއްޔާއިން ވަނީ ދީފައެވެ.

ހާރިޖިއްޔާއިން އިތުރަށް ތަފްސީލުކޮށްދިން ގޮތުގައި، މި ނިންމުން ނިންމާފައިވަނީ މި ގަރާރުގެ ސަބަބުން ރާއްޖޭގެ ގައުމީ މަސްލަހަތަށް ނުވަތަ ކަނޑުގެ ސަރަހައްދީ އިހްތިސާސަށް އަސަރުކޮށްފާނެ ފަދަ އެއްވެސް މާނަކުރުމަކަށް އަމަލުކުރުމުން ރާއްޖެ އިސްތިސްނާވާ ގޮތަށެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ޖަޒީރާ ގައުމުތަކަށް ލިބިދޭ ހައްގުތައް ހިމާޔަތްކުރުމަށް އެޅި ފިޔަވަޅެކެވެ.

ގަލްފުގެ މަސްރަހު އިތުރަށް ގޯސްވިޔަނުދީ، ބައިނަލްއަގުވާމީ ވިޔަފާރިއަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ކުޑަކުރުމަށް ރާއްޖެއިން އަބަދުވެސް ބާރުއަޅާނެ ކަމަށް ހާރިޖިއްޔާއިން ވަނީ ބުނެފައެވެ. މި ގަރާރަށް ތާއީދުކުރުމަކީ ބައިނަލްއަގުވާމީ ދަތުރުފަތުރާއި ވިޔަފާރީގެ ރައްކާތެރިކަން ދެމެހެއްޓުމަށް ރާއްޖެއިން ކުރާ މަސައްކަތުގެ ބައެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450