ޚަބަރު
ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖެއަށް މޫސުން ގޯސްވާނެ: މެޓް އޮފީސް
ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖެއަށް މޫސުން ގޯސް. ފޮޓޯ: އެޓޯލް ޓައިމްސް
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
"ފަރުދުން" ނޫހަށް މަޢުލޫމާތު ދެމުން އެއިދާރާއިން ބުނެފައިވަނީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަކުރާނެ ކަމަށެވެ. އަދި ހަމަ ބައެއް ރަށްތަކަށް ގުގުރައި ބޯކޮށް ވާރޭ ވެހި ބާރަށް ވައިޖެހޭނެ ކަމަށެވެ.
އެއިދާރާއިން އިތުރަށް ބުނެފައިވަނީ މިދިޔަ ދުވަސްތަކާ ބަލާފައި ވައި ކުޑަ ތަންކޮޅެއް މިހާރު މަޑުވެފައިވާކަމަށެވެ. އެގޮތުން ހުޅަނގާއި ހުޅަނގު އުތުރުން ދިހަ މޭލާއި ވިހި މޭލާ ދޭތެރޭގައި އާއްމުކޮށް ވައި ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް ވިލާގަނޑުގައި ވައި ފުދޭވަރަކަށް ގަދަވެގެންދާނެކަމަށެވެ. މީގެއިތުރުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް އެއިދާރާއިން ބުނެފައިވެއެވެ.
އެއިދާރާއިން ބުނީ މި ވަގުތައް ބަލާއިރު މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހެމުންދާކަމަށާއި އަދި މިހާރުވެސް އެސަރަހައްދަށް ވައިޓެލް އެލާޓްވެސް ނެރެފައިވާ ކަމަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާގެ ރެކޯޑްތަކުން ދައްކާގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މާލެ ސިޓީއަށާއި މ. މުއްޔަށެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މާލެއަށް 49.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، މުއްޔަށް 49.2 މިލިމީޓަރު އަދި ހުޅުމާލެއަށް 35.1 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވެއެވެ.
ރާއްޖެއަށް މިހާރު ހުޅަނގު މޫސުން ފެށިފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ބޯކޮށް ވާރޭވެހުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.