ޚަބަރު
ފަތުރުވެރިން ހޯދަން ފީނި ސިފައިންގެ މީހާ ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ
ފަތުރުވެރިން ހޯދަން ފީނަނިކޮށް ނިޔާވި މުޙައްމަދު މަހުދީ
ވ. އަތޮޅުގައި ސަފާރީއަކުން މިދިޔަ ބުރާސްފަތި ދުވަހު ޑައިވިނަށް ދިޔަ އިޓަލީގެ ޑައިވަރުން ހޯދުމުގެ މަސައްކަތުގައި އުޅުނު ސިފައިންގެ މީހަކު މިއަދު ނިޔާވެއްޖެއެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާގައި ނިޔާވީ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީއެވެ.
މަހުދީ ނިޔާވީ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންގައި މިއަދު ޑައިވް ކުރަނިކޮށް ހާލުދެރަވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށް އެމްއެންޑީއެފުން ވަނީ ކަށަވަރު ކޮށްދީފަ އެވެ. މަހުދީ އަކީ އިޓަލީގެ ޑައިވަރުން ހޯދުމުގެ އޮޕަރޭޝަން ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އެ ސަރަހައްދަށް ވަޑައިގަތުމުން، އެމަނިކުފާނަށް ބްރީފިން ދިނުމުގައި ވެސް ބައިވެރިވި ސިފައިންގެ ބޭކަލެކެވެ.
ވ. އަލިމަތާ ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނީ އިޓަލީގެ ހަތަރު ފަތުރުވެރިންނާއި އެ ސަފާރީގެ ޑައިވިން އިންސްޓްރަކްޓަރެވެ. އޭގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނުނު ނަމަވެސް، ބާކީ ތިބި ހަތަރު މީހުން އަދިވެސް ނުފެނެއެވެ. ފެނުނު މީހާގެ ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) އަޑިން ކޭވްއެއްގެ ތެރެއިންނެވެ.
ރާއްޖޭގައި ޑައިވްކުރަން ހުއްދަ އޮންނަ އެންމެ ފުން މިނަކީ 30 މީޓަރު ކަމަށްވާއިރު، އެ މީހުން އެއަށްވުރެ ފުނަށް ފީނި ސަބަބު ކަމާގުޅުންހުރި އިދާރާތަކުން ދަނީ ބަލަމުންނެވެ. މި ހާދިސާއާ ގުޅިގެން އެ ފަތުރުވެރިން ގޮވައިގެން ދިޔަ "އެމްވީ ޑޫކް އޮފް ޔޯކް" ސަފާރީގެ އޮޕަރޭޓިން ލައިސަންސް ސަރުކާރުން މިހާރު ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑުކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަކީ ދާއިރާގައި މަސައްކަތްކުރާ އެންމެންގެ ޒިންމާއެއް ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކަކުން ވެސް ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.