ޚަބަރު
ކައުންސިލްތަކުގެ އައު ދައުރު ފެށިއްޖެ, 600 އަށްވުރެ ގިނަ ކައުންސިލަރުން މިއަދު ހުވާކޮށްފި
ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ފޮޓޯ: މިހާރު
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ލޯކަލް ކައުންސިލްތަކުގެ 5 ވަނަ ދައުރަށް އިންތިޚާބުވި މެންބަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (ޑަބްލިއުޑީސީ) ކޮމެޓީތަކުގެ މެންބަރުން އިޤްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތުތައް މިއަދު މުޅި ރާއްޖޭގައި ބާއްވަން ފަށައިފިއެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މަޢުލޫމާތު ދެއްވާ ގޮތުގައި، ގިނަ ރަށްރަށުގައި މި ރަސްމިއްޔާތުތައް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 9:00 ގައެވެ. މި ރަސްމިއްޔާތުތައް އެއްވަގުތެއްގައި އެއްފަހަރާ ކުރިއަށް ގެންދެވޭނެ އިންތިޒާމު އެލްޖީއޭއިން ކައުންސިލްތަކާ ގުޅިގެން ހަމަޖައްސާފައިވާއިރު، ބައެއް ސިޓީތަކާއި ރަށްރަށުގައި ހުވާކުރުން މިއަދުގެ އެކި ގަޑިތަކުގައި ކުރިއަށްދާނެއެވެ.
ކައުންސިލަރުންނަށް ހުވާލައިދެއްވީ އެ ރަށަކަށް އެކަމަށް ކަނޑައެޅިފައި ހުންނަވާ ފަނޑިޔާރު ނުވަތަ ޤާޟީއެކެވެ. މި އުސޫލުން ރާއްޖޭގެ 5 ސިޓީ ކައުންސިލްގެ މެންބަރުން ހުވާ ކުރުމާއި، ސިޓީތަކަށް ނިސްބަތްވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުން އިޤްރާރުގައި ސޮއިކުރުންވެސް ކުރިއަށްދާނެއެވެ.
އެލްޖީއޭއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިފަހަރުގެ އިންތިޚާބުގައި ޖުމްލަ 678 ކައުންސިލަރުން އިންތިޚާބު ކުރަންޖެހޭއިރު، އޭގެ ތެރެއިން 677 ކައުންސިލަރުން ވަނީ އިންތިޚާބުކޮށްފައެވެ. މީގެ ތެރެއިން މިއަދު 676 ކައުންސިލަރުން ހުވާކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ. އަދި މިއަދު ހުވާނުކުރާ ކައުންސިލަރުން ހުވާކުރުމުގެ އިންތިޒާމު ފަހުން ހަމަޖެހިގެންދާނެއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް އިންތިޚާބު ކުރަންޖެހޭ 678 މެންބަރުންގެ ތެރެއިން މިހާތަނަށް 673 މެންބަރުން އިންތިޚާބުކޮށްފައިވާއިރު، މިއަދު 662 މެންބަރުން ވަނީ އިޤްރާރުގައި ސޮއިކޮށްފައެވެ.
މިއަދުގެ ރަސްމިއްޔާތުތަކަށްފަހު، ކައުންސިލްތަކުގެ ފުރަތަމަ ރަސްމީ ބައްދަލުވުން ބާއްވާނެއެވެ. މި ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރުންނާއި، ކައުންސިލްތަކުގެ ނައިބު ރައީސުން ހޮވުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. ހަމައެފަދައިން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ނައިބު ރައީސުން ހޮވުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަކީ އެ ކޮމިޓީ ހިންގުމުގެ އެންމެ އިސް ފަރާތުގެ ގޮތުގައި ފުލްޓައިމްކޮށް އަދާކުރާ މަޤާމެކެވެ.
މިއަދު މަސައްކަތް ފަށާ އައު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރަކީ 5 އަހަރު ދުވަހެވެ. ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމަކީ މި ނިޒާމުގެ މުހިންމު މަޤްޞަދެއް ކަމަށް އެލްޖީއޭއިން ފާހަގަކުރެއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންތިޚާބީ ކައުންސިލަރުން ހުވާކޮށްފައިވަނީ 26 ފެބުރުއަރީ 2011 ގައެވެ. އޭގެ ފަހުން ކޮންމެ ދައުރެއް ފެށޭއިރު މިފަދަ ރަސްމިއްޔާތެއް ބޭއްވުމަކީ ޤާނޫނީ ގޮތުން ލާޒިމު ކަމެކެވެ.