ދުނިޔެ
އެބޯލާ ފެތުރެމުންދާތީ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފި
ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި/ފޮޓޯ: އޭއޯ ނިއުސް
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) ގެ އިޓޫރީ ޕްރޮވިންސްގައި އެބޯލާ ފެތުރެމުންދާތީ ދުނިޔޭ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފި އެވެ.
އެބޯލާ ބައްޔަށް 246 މީހުން ފައްސިވެފައިވާއިރު، ބަލި ޖެހުމުގެ ސަބަބުން މިހާތަނަށް އެ ސަރަޙައްދުގެ 80 މީހުން މަރުވެއްޖެކަން އެފްރިކާ ސީޑީސީ އާއި ޑީއާރުސީގެ ޞިއްޙީ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ޑީއާރުސީގެ ޞިއްޙީ ވުޒާރާއިން މަޢުލޫމާތުދޭ ގޮތުގައި، އެބޯލާގެ ގިނަ ކޭސްތައް ފެނިފައިވަނީ ރަން ނަގާ ސަރަޙައްދުތައް ކަމަށްވާ މޮންގްވާލޫ އަދި ރްވަމްޕާރާ އިންނެވެ. މިފަހަރު ފެތުރެމުންދަނީ އެބޯލާ ވައިރަހުގެ "ބުންޑިބުގްޔޯ" ސްޓްރެއިން ކަމަށް ޓެސްޓުތަކުން ދައްކާފައިވާއިރު، މިއީ ޢާންމުކޮށް ފެންނަ ޒައިރޭ ސްޓްރެއިންއާ ތަފާތު، އަދި ވެކްސިނެއް ހޯދިފައިނުވާ ވައްތަރެކެވެ. މި ބަލީގެ އެންމެ ފުރަތަމަ ކޭސް ކަމަށް ބެލެވެނީ، ބަލީގެ އަލާމާތްތައް ފެނިގެން ބުނިއާގެ އިވެންޖެލިކަލް މެޑިކަލް ސެންޓަރުގައި ފަރުވާދެމުން ދަނިކޮށް މަރުވި ނަރުހެކެވެ.
މި ވައިރަސް ކޮންގޯ އިން ބޭރުން ވެސް ފެނިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާއިރު، އަވަށްޓެރި ޔޫގެންޑާ އިން ދެ މީހަކު އެ ބައްޔަށް ފައްސިވެފައިވާ ކަމަށް ޑަބްލިޔުއެޗްއޯ އިން މަޢުލޫމާތުދެއެވެ. އަދި ކޮންގޯގެ ބޯޑަރު ކައިރީގައި އޮންނަ ޤައުމުތަކަކީ އާބާދީ އާއި ވިޔަފާރި އަދި ދަތުރުފަތުރުގެ ސަބަބުން އިތުރަށް ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ޤައުމުތަކެއްކަމުން، ކޮންގޯ އާއި ޔޫގެންޑާ އިން އިމަޖެންސީ އޮޕަރޭޝަން ސެންޓަރުތައް ޤާއިމްކުރުމަށް ޑަބްލިޔުއެޗްއޯ އިން ވަނީ ލަފާ ދީފައެވެ.
އެބޯލާ އަކީ ލޭ އަދި ހަށިގަނޑުން ބޭރުވާ އެހެނިހެން ދިޔައިގެ ޒަރީއާއިން ފެތުރޭ، އިންސާނާގެ ފުރާނައަށް ވަރަށް ނުރައްކާތެރި ބައްޔެކެވެ.