Ads by Farudhun

ޚަބަރު

ރައްޔިތުންނާ ގުޅިގެން ވެރިކަން ކުރުމަށް އެންމެ ބޮޑަށް މަގުފަހިކޮށްދެނީ ލާމަރުކަޒީ ނިޒާމު: އާދަމް ޝަރީފް

ރައްޔިތުންނާ ގުޅިގެން ވެރިކަން ކުރުމަށް އެންމެ ބޮޑަށް މަގުފަހިކޮށްދެނީ ލާމަރުކަޒީ ނިޒާމު: އާދަމް ޝަރީފް

އާދަމް ޝަރީފް އުމަރު/ފޮޓޯ: ސަންގު

17 މޭ 2026، 12:13

ރައްޔިތުންނާ ގުޅިގެން ވެރިކަން ކުރުމަށް އެންމެ ބޮޑަށް މަގުފަހިކޮށްދެނީ ލާމަރުކަޒީ ނިޒާމުކަމަށް ކުރީގެ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ލޯކަލް ކައުންސިލްތަކުގެ 5 ވަނަ ދައުރަށް އިންތިޚާބުވި މެންބަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުން އިޤްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތާއި ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.

މިއަދަކީ ލާމަރުކަޒީ ނިޒާމުގެ އައު ބާބެއް ފެށިގެންދާ ދުވަސްކަން ފާހަގަކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ، މިއީ ލާމަރުކަޒީ ނިޒާމުގެ ނާރެސްކަމުގައިވާ ލޯކަލް ކައުންސިލްތަކުގެ 4 ވަނަ ދައުރު ނިމި 5 ވަނަ ދައުރަކަށް އަލިވިލޭ ދުވަސް ކަމަށެވެ. އަދި 4 ވަނަ ދައުރުގައި ޚިދުމަތް ކުރެއްވި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ކުރެއްވި ޚިދުމަތުގެ އަގު ވަޒަން ކުރަންޖެހޭކަން އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.

ހަމަ އެއާއެކު، ލޯކަލް ކައުންސިލްތަކުގެ 5 ވަނަ ދައުރަށް އަލަށް އިންތިޚާބުވާ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ހޫނު މަރުޙަބާއެއް ދަންނަވައި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވަމުން އާދަމް ޝަރީފް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާ އެންމެ ގާތުން، ރައްޔިތުންނާ އެންމެ ގުޅިގެން ވެރިކަން ކުރުމަށް އެންމެ ބޮޑަށް މަގުފަހިކޮށްދޭ ނިޒާމު ކަމަށެވެ.

މީގެ އިތުރުން، ލާމަރުކަޒީ ނިޒާމު ބާރުވެރި ކުރެވޭނީ އިޚްލާޞްތެރި ނިޔަތަކާއެކު ސަރުކާރާއި ކައުންސިލްތަކާއި ރައްޔިތުންގެ ހޭހަން ކުރުމާއި އިތުބާރު، ލާމަރުކަޒީ ނިޒާމަށް ލިބިގެންކަން އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ، ލާމަރުކަޒީ ނިޒާމަށް ލިބިގެންވާ ދުސްތޫރީ އަދި ޤާނޫނީ ބާރުވެރިކަން، އޭގެ އެންމެ ފުރިހަމަ މާނައިގާ ތަންފީޒުކުރުމުގެ ފުރުޞަތު ދީ، ލާމަރުކަޒީ ނިޒާމަށް އެންމެން އަހުލުވެރިވެ، އެ ނިޒާމަށް އެންމެން އިޙުތިރާމްކޮށްގެން ނޫނީ އެ ނިޒާމު ބާރުވެރިނުކުރެވޭނެކަން އާދަމް ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންތިޚާބީ ކައުންސިލަރުން ހުވާކޮށްފައިވަނީ 26 ފެބުރުއަރީ 2011 ގައެވެ. އޭގެ ފަހުން ކޮންމެ ދައުރެއް ފެށޭއިރު މިފަދަ ރަސްމިއްޔާތެއް ބޭއްވުމަކީ ޤާނޫނީ ގޮތުން ލާޒިމު ކަމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450