ޚަބަރު
އޭސީސީ އިން ވަކިކުރަން ނިންމި ދެބޭފުޅުން އިސްތިއުފާ ދެއްވައިފި
އެންޓި ކޮރަޕްޝަން ކޮމިޝަންގެ އޮފީސް. ފޮޓޯ:އަވަސް
އެންޓި ކޮރަޕްޝަން ކޮމިޝަން އިން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދެބޭފުޅުން ކަމަށްވާ އެކޮމިޝަންގެ ނައިބު ރައީސް ޢަބްދުއްސަލާމާއި އެކޮމިޝަންގެ މެމްބަރު މުޙައްމަދު ޠާޙާ މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ރައީސް އޮފީހުން ވަނީ މި ދެބޭފުޅުން މަޤާމުން އިސްތިއުފާ ދެއްވި ކަަން މީޑީއާ އަށް ކަށަވަރުކޮށްދީފައެވެ.
ދެ ބޭފުޅުންވެސް މަޤާމުން އިސްތިއުފާ ދެއްވާފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން އެ ދެބޭފުޅުން މަޤާމުން ވަކިކުރުމަށް ވޯޓަށް އެހުމަށް ތާވަލުކޮށްފައިވަނިކޮށެވެ.
ދެބޭފުޅުން މަޤާމުން އިސްތިއުފާ ދެއްވާ ފޮނުވައިފައިވާ ސިޓީގައި ބުނެފައިވަނީ ޒިންމާތައް މިނިވަންކަމާއި ނަޒާހަތްތެރިކަމާއެކު ޤާނޫނުއަސާސީ އަދި ޤާނޫނުގައި ބުނާގޮތަށް ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު ކުރަމުން ދަނިކޮށް، އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއް ކޮށްފައިވާ ކަމަށެވެ.
އަދި އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަކީ ޤާނޫނުން އޭނާއަށް ހަވާލުކޮށްފައިވާ ޒިންމާތައް މިނިވަންކަމާ އެކު އަދާކުރަން ހުރަސް އެޅުމުގެ ގޮތުން ކުރި ކަމެއް ކަމަށް ސިޓީގައިވެއެވެ.
އޭސީސީގެ ޒިންމާތައް މިނިވަންކަމާ އެކު އަދާކުރެވޭނެ މާހައުލެއް އޮތް ކަމަށް ނުފެންނާތީ އިސްތިއުފާ ދެއްވަން ނިންމެވީ ކަމަށް ވެސް ސިޓީގައިވެއެވެ.
މި ދެ މެންބަރުން ވަކި ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލީހަށް ހުށަހެޅީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނާ ޚިލާފުވެފައިވާތީއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގައި އެކޮމިޝަނުގެ ވާޖިބު އަދާކުރުމުގައި މެންބަރުން ބިރަކަށް ނުވަތަ ނުފޫޒަކަަށް ލެނބިގެން ނުވާނެ ކަމަށާއި އެއްވެސް ކަމެއްގައި އަމިއްލަ މަސްލަހަތެއް ހާސިލްކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާއިރު އެ ކޮމިޝަނުގެ ނައިބު ރައީސް އަބްދުއްސަލާމާއި، މެންބަރު ޠާހާ އެ މާއްދާތަކާ ޚިލާފުވެފައިވާކަމަށްބުނެ މައްސަލަތައް ލިބިފައިވާކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ބުނެފައެވެ.މި މައްސަލަ ދިރާސާކުރުމަށްފަހު ކޮމިޓީން ވަނީ ޢަބްދުއްސަލާމާއި ޠާހާވެސް މަޤާމުން ވަކިކުރުމަށް ފާސްކޮށްފައެވެ.
އޭސީސީގެ ދެ މެންބަރުންގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގެ 3 މެންބަރަކު މަޤާމުން ވަކިކުރުމުގެ މައްސަލަވެސް މަޖިލީހުގައި ތާވަލުކޮށްފަައިވެއެވެ.