ޚަބަރު
ނޭދެވޭ ކަންކަމަށް ފުރުޞަތު ނުދީ، ވަޠަނީ ޚިދުމަތުގެ ބޭނުން ހިފުމަށް ދިފާޢީ ވަޒީރު ގޮވާލައްވައިފި
ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ފޮޓޯ: އެސްއެސް
މުޖްތަމަޢުގެ ތެރޭގައި ހިންގާ ނޭދެވޭ ކަންކަމަށް އިޖާބަ ނުދީ، "ދިވެހި ވަޠަނީ ޚިދުމަތް" ޕްރޮގްރާމުގެ ތެރެއިން ދަސްވި ކަންކަމުގެ ފުރިހަމަ ބޭނުން ހިފުމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ގޮވާލައްވައިފިއެވެ. ވަޒީރު މިފަދައިން ގޮވާލެއްވީ ވަޠަނީ ޚިދުމަތުގެ ދެވަނަ ބެޗުގެ ދަރިވަރުން ދަސްވެނިވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޙަސަން ރަޝީދު ވިދާޅުވީ، 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ޕްރޮގްރާމު އިޢުލާންކުރެއްވިއިރު، އެންމެ ބޮޑު މަޤްޞަދަކީ ދަރިވަރުން ތަރުބިއްޔަތުކޮށް، ވަޒީފާ އަދާކުރާ ހަރުދަނާ ބަޔަކަށް ހެދުން ކަމަށެވެ. އަދި ފުރަތަމަ ބެޗުގެ ދަރިވަރުން އެމަގުން ކުރިއަށްދާ ދިއުމަކީ ރައީސުލްޖުމްހޫރިއްޔާގެ ބަސްފުޅުގެ އިޚްލާޞްތެރިކަން ހާމަވާ ކަމެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ޕްރޮގްރާމަކީ ކާމިޔާބު މަސައްކަތެއްކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ މިކަމުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ޒުވާނުންނަށް ފުރުޞަތު ފަހިކޮށްދެއްވާނެ ކަމަށެވެ. އެގޮތުން، މިއަހަރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި 350 ދަރިވަރުންގެ އިތުރު ދެ ބެޗެއްގެ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ތާވަލުކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޕްރޮގްރާމުގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ވަޒީރު ވިދާޅުވީ، މުޖްތަމަޢުގައި އެންމެންގެ ދިރިއުޅުމުގެ ޙާލަތު އެއްގޮތް ނުވި ނަމަވެސް، އެކުގައި މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ބެލެނިވެރިންގެ އުއްމީދުތަކުގައި ދެމިތިބުމަށް ދަރިވަރުންނަށް ނަޞޭޙަތްތެރިވެލެއްވިއެވެ.
މުޖްތަމަޢުގެ ތެރޭގައި ހިންގާ ނޭދެވޭ ކަންކަމަށް އިޖާބަ ނުދިނުން މުހިންމު. ލިބުނު ތަމްރީނުތަކުގެ ބޭނުން ހިފަން ވާނެ. އަޅުގަނޑު އެދެނީ ހުރިހާ ޒުވާނުންނަށް އުޖާލާ މުސްތަޤުބަލެއް،
ވަޒީރު
މި ޕްރޮގްރާމުގެ ތެރެއިން ދީނީ، ޢިލްމީ އަދި ޖިސްމާނީ ގޮތުން ގިނަ ހުނަރުތަކެއް ދަސްކޮށްދެވޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ނަމާދަށް ފަރުވާތެރިވުމާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމާއި، ގޭތެރޭގެ ޒިންމާތައް އުފުލުމަށް ބޭނުންވާ މުހިންމު އުކުޅުތައް ހިމެނެއެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، އިޓަލީ ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނެއްގައި އުޅެނިކޮށް ވަކިވެދިޔަ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ ހަނދާން އައުކުރައްވަމުންނެވެ. ވަޒީރު ވިދާޅުވީ މަހުދީއަކީ މުޅި ޤައުމު ފަޚުރުވެރިވާ ފަދަ ހިތްވަރުގަދަ ނަމޫނާ ސަޚުޞިއްޔަތެއް ކަމަށެވެ.