ޚަބަރު
ދެވަނަ ފްލައިޓުގައި މައްކާއަށް ދިޔަ ޙައްޖުވެރިންނަށް ވެސް ހޫނު މަރުޙަބާއެއް!
ޙައްޖާޖީންނަށް މަރުޙަބާ ކިޔުން/ފޮޓޯ: ޙައްޖު މިޝަން
1447 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ދިވެހިރާއްޖެއިން ދިއުމަށް ހަމަޖެހިފައިވާ ޙައްޖުވެރިންގެ ތެރެއިން މިއަދު މައްކާއަށް ދިޔަ 260 ޙައްޖުވެރިންނަށް މައްކާއިން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
ދެވަނަ ފްލައިޓުގެ ޙައްޖުވެރިން ސަޢުދީ ޢަރަބިއްޔާއަށް ފުރާފައިވަނީ މިއަދު ހެނދުނު ރާއްޖެ ގަޑިން 08:03 ގައެވެ. މި ފްލައިޓް ޖިއްދާގެ ކިންގް އަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސީ މިއަދު މެންދުރު 13:03 ހާއިރުއެވެ.
ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގެ ޓާމިނަލުން އެންމެ ފުރަތަމަ މަރުޙަބާ ދެންނެވީ ސަޢުދީ ސަރުކާރުގެ ޙައްޖުގެ ކަންކަމާ ގުޅޭ އިސްވެރިންނާއި، ދިވެހި ޙައްޖު މިޝަންގެ އިސްވެރިންނެވެ. އަދި މައްކާ ރޫޓުގެ ފަރާތުންވެސް ވަނީ ޙައްޖުވެރިންނަށް އެއާޕޯޓުން ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ހަމަ އެހެންމެ، ޙައްޖުވެރިން މައްކާގައި ތިއްބަވާ ހޮޓަލުން، ޙައްޖު ކޯޕަރޭޝަނާއި، ޙައްޖު މިޝަން އަދި ދިވެހި ޙައްޖުވެރިންނަށް ޚިދުމަތް ދެއްވާ މުޠައްވިފް ރަވާފް މިނާ އަދި ހޮޓެލުގެ ފަރާތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
1447 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް އައި ޙައްޖުވެރިންގެ ދެވަނަ ފްލައިޓަށް މަރުޙަބާ ކިޔުން. pic.twitter.com/F4w4toQAFh
— Maldives hajj mission بعثة ا لحج ا المالديفية (@hajjmission_mv) May 17, 2026
ރާއްޖެއަށް މިއަހަރު ލިބިފައިވާ 1000 ޙައްޖު ކޯޓާގެ ދަށުން ޙައްޖުވެރިން ގެންދިއުމަށް ހަމަޖެހިފައިވަނީ ސަޢުދިޔާގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓުގައެވެ. މިހާތަނަށް ދެ ފްލައިޓް ފުރާފައިވާއިރު، ބާކީ ތިބި ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ހޯމަ އަދި އަންގާރަ ދުވަހުއެވެ. އެގޮތުން ހޯމަ ދުވަހު 268 ޙައްޖުވެރިން އަދި އަންގާރަ ދުވަހު 253 ޙައްޖުވެރިން ފުރުމަށް ވަނީ ތާވަލުކުރެވިފައެވެ.
މިއަހަރުގެ ޙައްޖުގެ ހުރިހާ އިންތިޒާމުތަކެއް ސަރުކާރުން ކުރިއަށް ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ޙައްޖުވެރިންނަށް އެންމެ ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ.
ދެވަނަ ފްލައިޓުގައި ދަތުރުކުރި ހުރިހާ ޙައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށް ދިވެހި ޙައްޖު މިޝަނުން މަޢުލޫމާތު ދެއްވާއިރު، ޙައްޖުވެރިން މިހާރު ދަނީ ފުރަތަމަ ޢުމްރާ ކުރުމަށް ތައްޔާރުވަމުންނެވެ.